މީގެ 25 އަހަރު ދުވަސް ކުރިން ރާއްޖެ އަށް ދިން އުދުވާނީ ހަމަލައާ ގުޅޭ ކޮންފިޑެންޝަލް ޑޮކިއުމަންޓަތައް މާދަމަ އަށް ފަހު އާންމު ކުރެވިދާނެ ކަމަށް ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.

ރިޔާޒު މިއަދު ސަން އަށް ވިދާޅުވީ 1988، ނޮވެމްބަރު މަހު 3ގައި ރާއްޖެ އަށް ދިން އުދުވާނީ ހަމަލައަށް މާދަމާ 25 އަހަރު ފުރޭ އިރު، ފުލުހުންގެ ގަވާއިދު ބުނަނީ އެ ފަދަ މައުލޫމާތެއް 25 އަހަރަށް ފަހު އާންމު ކުރެވޭނެ ކަމަށެވެ.




ކޮމިޝަނަރު ވިދާޅުވީ މިހާރު ބައްލަވަމުން ގެންދަވަނީ އެކަން ކުރައްވާނީ ކިހިނެއްތޯ ކަމަށެވެ. ނަމަވެސް އެކަމަށް އަދި ވަކި ގޮތެއް ނުނިންމާ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެފަދަ ޑޮކިއުމަންޓްތައް އާންމު ކުރަނީ ދިރާސާ ކުރާ ފަރާތްތަކާއި ޔުނިވަސިޓީ ފަދަ ތަންތަނުގެ އެކަޑަމިކް ބޭނުމަށް އެއީ މުހިންމު މައުލޫމާތަށް ވާނެތީ ކަމަށެވެ.

ކޮންފިޑެންޝަލް މައުލޫމާތުގެ ގޮތުގައި މިހާތަނަށް އާންމުނުކޮށްވާ ޑޮކިއުމަންޓްތަކުގެ ތެރޭގައި މީސް މީހުން ދީފައިވާ ބަޔާންތަކާއި ތަހުގީގީ ރިޕޯޓްތައް ވެސް ހިމެނޭނެ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ސްރީލަންކާގެ ބަޔަކާއި ދިވެހިންގެ މަދު ބަޔަކު ބައިވެރިވެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާގައި 19 މީހަކު ޝަހީދުވި އެވެ.