02 Nov 2013, 14:05
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ނައިބު ރައީސް އަހްމަދު ނާޒިމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ މައްސަލަ އެޖެންޑާކޮށްފި އެވެ.
ރައްޔިތުން މަޖިލީގު އަމީން އާންމު އަހްމަދު މުހައްމަދު މިއަދު ވިދާޅުވީ މަޖިލީހުގެ ރައީސް، އަދި ކެޔޮދޫ ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ މި މަހުގެ 20 ވަނަ ދުވަހަށް އެޖެންޑާ ކޮށްފައިވާ އިރު މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު ނާޒިމުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާކޮށްފައި ވަނީ މި މަހު 19 ވަނަ ދުވަހަށް ކަމަށެވެ.
މަޖިލީގު ޖަލްސާއަށް އެ ދެ މައްސަލަ އެޖެންޑާކުރުމަށް ފަހު އެ ދެ ފަރާތަށް ވެސް ސިޓީއަކުން އެކަން އަންގާފައިވާނެ ކަމަށް އަމީން އާންމު ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި ވަނީ ޕީޕީއެމް އާއި ޖުމްހޫރީ ޕާޓީއާ އަދި އެމްޑީއޭ އަދި އަދާލަތު ޕާޓީ އަށް ނިސްބަތްވެވަޑައިގެންނަވާ 15 މެމްބަރުން ސޮއިކުރައްވައިގެންވެ. ޝާހިދުގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާނޫނާއި ގަވާއިދާ ހިލާފަށް އެތައް ކަންތައްތަކެއް ކުރައްވަމުން ގެންދަވާތީ ކަމަށެވެ.
މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައި ވަނީ އެމްޑީޕީންނާއި ޑީއާރުޕީގައި ހިމެނިވަޑައިގަންނަވާ 35 މެންބަރުން ސޮއި ކުރައްވައިގެންނެވެ. އެ ފަރާތުން ބުނެފައި ވަނީ ނާޒިމް އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުއްވީ މަޖިލީހުގެ ނައިބް ރައީސްގެ މަގާމުގައި ހުންނަވައިގެން ވަކި ފަރާތަކަށް ބުރަވެ މަސައްކަތް ކުރައްވަމުން ގެންދަވާތީ އާއި މަގާމުގެ ނުފޫޒު ބޭނުން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.