02 Nov 2013, 13:35
ތެޔޮލުގެ އާ ޝިޕްމެންޓެއް ގެނައުމަށް ސަރުކާރުން ކޮންމެވެސް ވަރަކަށް ފައިސާ ހަމަޖައްސައިދީފައިވީ ނަމަވެސް ސަރުކާރުން ނުލިބި ހުރި ފައިސާތަކުގެ ސަބަބުން އެކަންތައް އަދިވެސް ހައްލަކަށް ނޭޅޭ ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.
އެމްއެމްއޭގެ އިސް އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ތެޔޮ ޝިޕްމެންޓެއް ގެނަން ފައިސާ ހަމަޖައްސައިދޭނެ ކަމަށެވެ. ނަމަވެސް އެސްޓީއޯގެ އެމްޑީ ޝާހިދު ވިދާޅުވީ ތެޔޮ ސަޕުލަޔާގެ ގިނަ ބިލްތަކެއް މިހާތަނަށް ފައިސާ ނުދެއްކި ހުރުމުން އެމްއެމްއޭ އިން ހަމަޖައްސައިދޭން ބުނި އަދަދަކުން ނުވާނެ ކަމަށެވެ.
އެސްޓީއޯގެ މެނޭޖިންޑިރެކްޓާ ޝާހިދު އަލި މިއަދު "ސަން" އަށް ވިދާޅުވީ 3.5 މިލިއަން ޑޮލަރު ދިނުމަށް އެމްއެމްއޭ އިން އެއްބަސްވެފައިވީ ނަމަވެސް ތެޔޮ ޝިޕްމެންޓައް ނުދެއްކިފައިވާ ވަރު އެއްކޮށް ކަވާނުވާ ކަމަށެވެ.
"3.5 ހަމަޖެހިގެން މިއުޅެނީ އަނެއްބައިތައް އަދިވެސް ހަމަހުރީ. މިހާރު އިތުރަށް 13 މިލިއަން ޑޮލަރު ޕޭކުރަން އެބަޖެހޭ، އެބައި އަދި ހަމައެއް ނުޖެހޭ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ އެސްޓީއޯ އިން ތެޔޮ ގަންނަ ސަޕްލަޔަރަ ވާހަކަ ދައްކަމުންދާ ކަމަށާއި ފައިސާ ލިބިއްޖެ ނަމަ މި ބަންދު ތެރޭގައި އެއް ޝިޕްމެންޓް ލޯންޑް ކުރެވިދާނެ ކަމަށެވެ. ނަމަވެސް އަދި މުޅިއަކުން ކޮޅެއްގައި ނުޖެހޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ތެޔޮ ގެންނަނީ ރާއްޖެ ގެނެސް އޭގެ 120 ދުވަސް ފަހުން ފައިސާ ދައްކާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ 20 މިލިއަން ޑޮލަރުގެ ބިލްތަކެއް ތެޔޮ ގަންނަ ކުންފުންޏަށް މިހާރު ނުދެއްކި ފައިވާ ކަމަށެވެ.
ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު މިއަދު "ސަން" އަށް ވިދާޅުވީ "ތެޔޮ ގެނައުމުގެ ކަންތައްތައް މިދަނީ ހަމަ ޖައްސަމުން" ކަމަށެވެ. އިތުރު ތަފަސީލެއް ޖިހާދު ވެސް ނުދެއްވަ އެވެ.