ރުހުން ލިބިފައި ނުވާ ހަތް ވަޒީރުންނަށް މަގާމުގައި ތިއްބެވިދާނެތޯ ނުވަތަ ނޫންތޯ، މި ދެ ގޮތުން ކުރެ ގޮތެއް ކަނޑައަޅައި ދިނުމަށް ހުށަހެޅި ދެ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުން ދެންމެ ނިންމާލައިފި އެވެ.


ޑީއާރުޕީގެ ނައިބު ލީޑަރު އަލީ ވަހީދާއި ޕީއޭގެ ނައިބު ލީޑަރު މޫސާ ޒަމީރު ހުށަހެޅުއްވެވި ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައި ނުވާ، ވަޒީރުންނަށް މަގާމުގައި ތިއްބެވިދާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މައްސަލަ އާއި ގައުމީ ޕާޓީން ހަމަ އެ ސީޣާގައި ހުށަހެޅި މައްސަލައިގެ ދައުވާ މިރޭ ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހަށް ހުށަހެޅުމާއި އެ ދައުވާއަށް ދައުލަތުން ޖަވާބުދާރީވުމުގެ ގޮތުން ދެއްކެވި ވާހަކަތައް އަޑު އެއްސެވުމަށް ފަހު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ވިދާޅުވީ މި ދެ މައްސަލައިގެ އަޑު އެހުމެއް ދެން ނޯންނާނެ ކަމަށާއި މިރޭ ދެ ފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު ދެން އަންގަވާނީ މައްސަލައާމެދު ގޮތެއް ނިންމެވުމަށް ކަމަށެވެ.


މައްސަލަ ނިންމަވާނެ ދުވަހެއް އުއްތަމަ ފަނޑިޔާރު އިއުލާނެއް ނުކުރައްވަ އެވެ.


މި ރޭ 8:30 ށް ތާވަލުކޮށްފައި އޮތް ދެ މައްސަލައިގެ ޝަރީއަތް ފެށީ 9:45 ގައެވެ. އުއްތަމަ ފަނޑިޔާރު ޝަރީއަތުގެ މަޖިލިސް އިއުލާން ކުރައްވައި ފުރަތަމަ ކުރިޔަށް ގެންދެވީ އަލީ ވަހީދާއި މުސާ ޒަމީރު ހުށަހެޅުއްވެވި މައްސަލަ އެވެ.


ނަމަވެސް އެ މައްސަލަ ކުރިޔަށް ގެންދެވީ މައްސަލަ ހުށަހެޅުއްވެވި ދެބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މޫސާ ޒަމީރު ސުޕްރީމް ކޯޓުގެ ހުއްދައާ ނުލައި ރަށުން ބޭރަށް ވަޑައިގެން، މިރޭގެ ޝަރީއަތަށް ހާޒިރުވެ ވަޑައި ނުގަތުމުން މައްސަލައިން މޫސާ ޒަމީރުގެ ބައި އުނިކޮށްލެއްވުމަށް ފަހު ހަމައެކަނި އަލީ ވަހީދުގެ މައްސަލައެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ފަހު އެވެ.


އަލީ  ވަހީދުގެ ފަރާތްޕުޅުން ވަކާލާތު ކުރެއްވެވި ގާނޫނީ ވަކީލު ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރުގެ ދައުވާ ހުށަހެޅުއްވުމަށް ފަހު ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގައި މިހާތަނަށް ދެ ގޮތަކަށް އަމަލު ކުރައްވާފައިވާ ކަމަށާއި ރުހުމަކީ ކުރިން ހޯދާ އެއްޗަކަށް ބެލި ނަމަވެސް ފަހުން ހޯދާ އެއްޗަކަށް ބެލި ނަމަވެސް ވަޒީރުން އައްޔަން ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ނުހޯދައި ވަޒީރުން އައްޔަން ކުރުމުގެ ޕްރޮސެސް ފުރިހަމަ ނުވާނެ ކަމަށެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ ކޮންފޮމޭޝަން މަރުހަލާތައް ފުރިހަމަ ނުކުރާނަމަ އަދި އެނޫން ގޮތަކަށް މާނަ ކުރާނަމަ ގާނޫނު އަސާސީގެ ބާރު ކެނޑިގެންދާނެ ކަމަށެވެ.


އާޒިމާ ވިދާޅުވީ މި މައްސަލައިގައި ބަލަންޖެހޭނީ ގާނޫނު އަސާސީ އެކުލަވައިލުމުގެ ނިޔަތާއި ރޫހަށް ކަމަށާއި ގާނޫނު އަސާސީގެ ރޫހަކީ ޑިމޮކްރެޓިކް ޕްރިންސިޕަލާ އެއްގޮތަށް ކަމަށާއި ސުޕްރީމް ކޯޓުން މީގެ ކުރިން ވެސް އެފަދަ ދޫސްތޫރީ މައްސަލަތައް ތަފުސީރުކޮށްފައިވާއިރު ގާނޫނު ހެދި ފަރާތުގެ ނިޔަތަށް ބައްލަވާފައިވާ ކަމަށާއި މި މައްސަލައިގައި ބަލަން ޖެހޭނީ ގާނޫނު އަސާސީ އެކުލަވައިލި ފަރާތުގެ ނިޔަތުގެ މައްޗަށް ކަމަށެވެ. އެހެން ކަމުން ޖުމްލަ ގޮތެއްގައި އާޒިމާ ވިދާޅުވީ މަޖިލީހުގެ ރުހުންނެތި ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށެވެ.


އަލީ ވަހީދުގެ ދައުވާއަށް ދައުލަތުން ޖަވާބުދާރީވުމަށް ވަކާލާތު ކުރެއްވެވީ މަޖިލީހުން ރުހުން ދީފައި ނުވާ ބަންޑާރަ ނައިބު ޑރ. އަހުމަދު އަލީ ސަވާދެވެ.


ޑރ. އަހުމަދު އަލީ ސަވާދު މިރޭ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވެވުމުން އޭނާ ހިމެނިގެންދާނީ ރާއްޖޭގެ މިޒަމާނުގެ ތާރީހުގައި ޝަރުއީ ކޯޓަކަށް ވަޑައިގެން  ވަކާލާތު ކުރެއްވެވި ތިން ވަނަ ބަންޑާރަ ނައިބަށެވެ. މީގެ ކުރިން ކޯޓުގައި ވާކާލާތު ކުރެއްވެވި ދެ ބަންޑާރަ ނައިބުންނަކީ އަހުމަދު ޒަކީ އާއި ހުސްނުއް ސުއޫދެވެ.


ސަވާދު ވިދާޅުވީ އަލީ ވަހީދުގެ މައްސަލަ ބިނާ ކުރައްވާފައި ވަނީ ގާނޫނު އަސާސީގެ އަސާސީ ހައްގުތަކުގެ ބާބުގެ 43 މައްޗަށް ބިނާ ކުރައްވައިގެން ކަމަށާއި އެ މައްދާ އާއި އެބާބުގައި ބަޔާން ކުރާ އެއްވެސް އަސާސީ ހައްގެއް ނިގުޅިގެން ގޮސްފައިވާކަން ދައުވާ ކުރައްވާ ފަރާތަށް ގާނޫނީ ހުއްޖަތުން ސާބިތު ކޮށްދެވިފައި ނުވާތީ މި ދައުވާއަށް ދައުލަތުން އިންކާރު ކުރައްވާ ކަމަށާއި މިއީ ކުރިޔަށް ގެންދެވޭނެ މައްސަލައެއް ކަމަށް ދެކެވަޑައި ނުގަންނަނަވާ ކަމަށެވެ. އަދި ވިދާޅުވީ ދައުލަތުން އެދެނީ  ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ހަތް ވަޒީރުން މަގާމުގައި ދެމިތިއްބެވުމަކީ ގާނޫނު އަސާސީގެ އެއްވެސް މާއްދާއަކާ ހިލާފުވާ ކަމެއް ނޫން ކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.


މީގެ އިތުރުން އެޕޮއިންޓް ކުރުމާއި ނޮމިނޭޓް ކުރުމުގައި ގާނޫނީ ގޮތުން ހުރި ތަފާތު ދައްކައި ދެއްވުމަށް ސަވާދު ވަނީ ގާނޫނީ ނުކުތާތަކަކާއި ގާނޫނީ ދާއިރާގައި އަމަލު ކުރާ ޕްރިންސިޕަލްތަކެއް ވެސް ޝަރީއަތަށް ހުށަހަޅުއްވައިފަ އެވެ.


އެއް ސީޣާއެއްގައި ލޮޖްކޮށްފައި އޮތް ދެވަނަ މައްސަލަ، ގައުމީ ޕާޓީގެ ދައުވާ ފެށީ ދެ ޝަރީއަތް މެދަށް ހުސް ވަގުތުކޮޅެއް ބޭނުންވާ ކަމަށް ދައުލަތުން އެދުމުން ފަސް މިނެޓްގެ ފުރުސަތެއް ދެއްވުމަށް ފަހު އެވެ. ގައުމީ ޕާޓީގެ ދައުވާ ހުށަހެޅުއްވެވީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. ހަސަން ސައީދެވެ.


ދައުވާ ހުށަހެޅުއްވުމަށް ފަހު ޑރ. ހަސަން ސައީދު މައިގަނޑު ގޮތެއްގައި ފުރަތަމަ ވާހަކަ ފުޅު ބިނާ ކުރެއްވެވީ ގާނޫނު އަސާސީ ހެދުމުގެ މަރުހަލާފައި "ފަހަތަށް އެނބުރި ބަލައިލުން" ނުވަތަ ރިފްލެކްޝަންގެ މައްޗަށެވެ. އޭނާ ވިދާޅުވީ ގާނޫނު އަސާސީއެއް ވުޖޫދު ވެގެން އައީ ކުރިން އޮތް ގޮތް ކަމުނުގޮސްގެން ރައްޔިތުން ބޭނުންވާ ގޮތަކަށް ގާނޫނު އަސާސީ އާއި ވެރިކަމުގެ ނިޒާމު ބޭއްވުމަށް ކަމަށާއި އެވެރިކަމުގެ ނިޒާމަށް ރައްޔިތުންގެ ރުހުން ހޯދުމުގައި ރިޔާސީ ނިޒާމާއި ބަރުލަމާނީ ނިޒާމު ވިއްކި އިރު ރައްޔިތުން ބަލައިގެންފައި ވަނީ ރައީސް ބޭނުފުޅުވާ ގޮތާ ވުޒާރާތައް ނުހެއްދެވޭ، ވަޒީރުން ނުލެއްވޭ ނިޒާމު ކަމަށްވާ ރިޔާސީ ނިޒާމު ކަމަށައި ރުހުން ދިނުން  ގާނޫނު އަސާސީގައި ހިމަނާފައި ވަނީ އެހެންވެގެން ކަމަށެވެ. އެއާ ހިލާފަށް މިކަން ކުރާނަމަ އެއީ ރައްޔިތުންނަށް އޮޅުވައިލުން ކަމަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


މީގެ އިތުރުން ޑރ. ހަސަން ސައީދު ވިދާޅުވީ މުޅި މައްސަލައަކީ ޑިކްޝަނަރީ އާއި ރަދީފު ބަލައިގެން ބަހެއްގެ މާނާ ތަރުޖަމާ ކުރުމަށް ވުރެ ބޮޑު މައްސަލައެއް ކަމަށައި މި މައްސަލައިގައި ބަލަން ޖެހޭނީ ގާނޫނު އަސާސީ އެކުލަވައިލުމުގެ ރޫހަށް ކަމަށެވެ. އަދި އެނޫން ގޮތަށް މާނަކޮށް ރުހުމާ ނުލައި ވަޒީރުންނަށް މަގާމުގައި ނުތިއްބެވޭނެ ކަމަށާއި ތިއްބެވުން ވާނީ ގާނޫނު އަސާސީއާ ހިލާފު ކަމަކަށް ކަމަށެވެ.


މި ދައުވާއަށް ދައުލަތުން ވާހަކަ ދެއްކެވީ އިބްރާހިމް ރިފްއަތާއި ޑރ. ސަވާދާ ދެބޭފުޅުންނެވެ. އެ ދެބޭފުޅުން ވެސް މައިގަނޑު ގޮތެއްގައި ސާބިތުކޮށްދެއްވަން މައްސައްކަތް ކުރެއްވެވި ނުކުތާއަކީ ނިޔަތް ބެލުމުގައި ބަލަން ޖެހޭނީ ގާނޫނު އަސާސީގެ ސާފު ނައްސުން ފެންނަން ނެތް ކަންތައްތައް ކަމަށެވެ.


އާންމުން ވާހަކަފުޅު ދެއްކެވުމުގާއި ކަންކަމުގައި މުހާތަބު ކުރެއްވުމުގައި ވަރަށް މަޑުމައިތިރި ދެބޭފުޅުން ކަމަށްވާ ޑރ. ހަސަން ސައީދާއި ޑރ. ސަވާދު މިރޭ ޝަރީއަތުގައި ވަކާލާތު ކުރެއްވެވި އިރު ޝަރީއަތުގެ މަޖިލީހުގައި ގަބުލޫނު ނުކުރެވޭނެ ފަދަ ލަފުޒެއް ދެބޭފުޅުންނަށް ވެސް ބޭނުން ފުޅު ކުރެއްވިގެން އުއްތަމަ ފަނޑިޔާރު ވަނީ ދެބޭފުޅުންގެ ވާހަކަފުޅު ވެސް ހުއްޓުވައިފައެވެ. އެ ދެބޭފުޅުން ވަނީ އެކަމަށް މާފަށް އެދިވަޑައިގެން ވިދާޅެވެވުނު ލަފުޒު އަނބުރާ ގެންނަވައިފައެވެ.


މި ދެ ދައުވާގެ އަޑު އެހުން މިރޭ ނިމުމުނު އިރު އެގާރަ ޖަހައި ބޮޑުވެއްޖެ އެވެ.


ރައްޔިތުންތުންގެ މަޖިލީހުގެ ރުހުން ލިބައި ނުވާ ވަޒީރުންނަކީ ބަންޑާރަ ނާއިބު ޑރ. އަހުމަދު އަލީ ސަވާދާއި ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާއި ހޯމް މިނިސްޓަރު މުހައްމަދު ޝިހާބާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތަފާ ލުތުފީ އާއި ފިޝަރީޒް މިނިސްޓަރު ޑރ. އިބްރާހިމް ދީދީ އާއި ޑިފެންސް މިނިސްޓަރު އަމީން ފައިސަލާއި ފައިނޭންސް މިނިސްޓަރު އަލީ ހާޝިމެވެ.