އަންނަ މަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 21 ވަނަ ބާސްކެޓްބޯޅަ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްބީއޭގެ އިސް އޮފިޝަލަކު ސަން އަށް ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައިވާ އިރު، މުބާރާތުގައި ބައިވެރި ވެވޭނީ ހަމައެކަނި އެމްބީއޭގެ މެންބަރު ކުލަބުތަކަށް ކަމަށެވެ.

މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، މި އަހަރުގެ މުބާރާތް ވެސް އަދި ކުރިއަށް ގެންދަން ނިންމާފައި ވަނީ އަންހެން އަދި ފިރިހެން ޑިވިޒަން ހިމެނޭ ގޮތަށެވެ.

މިދިޔަ އަހަރު ބޭއްވި 20 ވަނަ އެމްބީއޭ ޗެމްޕިއަންޝިޕްގެ އަންހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ޓީރެކްސް ބާސްކެޓްބޯލް ކްލަބެވެ. އަދި މިދިޔަ އަހަރުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަނުންނަކީ ރެޑްލައިން ކުލަބެވެ.