02 Nov 2013, 12:36
ޗިލީގެ ފޯވާޑް އެލެކްސިސް ސަންޗޭޒް މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑުން ސްޕެއިން ލީގުގައި ރޭ އެސްޕަންޔޯލް އަތުން 1-0 ލަނޑުން ބާސެލޯނާ މޮޅުވެއްޖެ އެވެ.
ބާސާގެ ދަނޑުގައި ރޭ ކުޅުނު މެޗުން އެ ޓީމް މޮޅުވުމުން ލީގް ތާވަލްގައި އެޓީމް ހޯދަމުން އަންނަ ކުރިއެރުން ވަތީ އިތުރަށް ފުޅާ ކޮސްފަ އެވެ. އެގޮތުން ތާވަލްގެ އެއްވަނައިގައި ބާސާ އޮތީ 34 ޕޮއިންޓާ އެކު އެވެ. ދެ ވަނަ މަގާމްގައި 30 ޕޮއިންޓާ އެކު އެތުލެޓިކޯ މެޑްރިޑް އޮތް އިރު ތިން ވަނަ މަގާމްގައި 25 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑެވެ.
ރޭ ބާސާ އަތުން ބަލިވި އެސްޕަންޔޯލް ލީގް ތާވަލްގައި އޮތީ 15 ޕޮއިންޓާއެކު އަށް ވަނަ މަގާމްގަ އެވެ.
ރޭގެ މެޗަށް ފަހު ބާސާގެ ކޯޗު ގެރާޑޯ މާޓިނޯ ބުނީ، އިދިކޮޅު އެސްޕަންޔޯލްގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ކަމަށާއި އެހެން ނަމަވެސް މެޗުގައި މެސީ އަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން ހިތާމަ ކުރާ ކަމަށެވެ. އަދި ލީގުގައި އެންމެ ފަހުން ބާސާ ކުޅުނު ހަތަރު މެޗުގައި ވެސް މެސީގެ ފަރާތުން ލަނޑެއް ފެނިފައި ނުވި ކަމުގައި ވިޔަސް، އޭނަގެ ބޭނުން ޓީމަށް ވަރަށް މުހިންމު ކަމަށެވެ.
ސްޕެއިން ލީގުގައި މިރޭ ވެސް މުހިންމު ހަތަރު މެޗެއް ކުލުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން މިރޭ ރާއްޖެ ގަޑިން 8:00 ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާ ދެޓީމަކީ ރެއާލް ސޮސިއެޑާޑް އާއި އޮސަސޫނާ އެވެ. އަދި ދެ ވަނަ މެޗުގައި ރާއްޖެ ގަޑިން މިރޭ 10:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ އަލްމެރިއާ އާއި ރެއާލް ވަލަޑޮއިޑް އެވެ. ތިން ވަނަ މެޗުގައި މިރޭ ރާއްޖެގަޑިން 12:00 ޖަހާއިރު ބައްދަލުކުރާ ދެ ޓީމަކީ ރަޔޯ ވައެކާނޯ އާއި ރެއާލް މެޑްރިޑެވެ. އަދި ހަތަރު ވަނަ މެޗުގައި މިރޭ ރާއްޖެ ގަޑިން2:00 ޖަހާއިރު ބައްދަލުކުރާ ދެޓީމަކީ ސެވިއްޔާ އާއި ސެލްޓަ ވީގޯ އެވެ.