ރާއްޖޭގެ ރިޔާސީ އިންތިހާބު މިހާރު ވަނީ މުޅިގައުމަށް ވެސް ބޮޑު ބޮލުގެ ރިހުމަކަށް ވެފަ އެވެ. އާ ރައީސަކު ހުވާކުރަން ޖެހޭ ތާރީހު ކުޑަތަން ވެފައިވާ އިރު އިންތިހާބެއްގެ އައްޔެއް ނުވިލެ އެވެ. މިކަން ދިވެހިންނަށް ވުރެ ވެސް ބޮޑުވެފައިވާ އެހެން ބަޔަކު އެބަވެ އެވެ. އެއީ ދުނިޔޭގެ ގިނަ ގައުމުތަކެއް މިހާރު އޮތް ގޮތަށް ދައުލަތް ތަމްސީލުކުރާ ވަކި ދީނެއް ނޯންނަ (ސެކިއުލާ) ގައުމަކަށް ރާއްޖެ ވުމަށް އެދޭ ބޭރުގެ ފަރާތްތަކެވެ.

އަސްލު މަގުސަދު އެހެން އޮތަސް އެގައުމުތަކާއި ޖަމިއްޔާތަކުން ބަހަނާއެއްގެ ގޮތުގައި ދައްކަނީ ބަލައި ގަނެވޭ ފަދަ ކަންތައްތަކެކެވެ. އެވާހަކަތަކަށް ބީރު ކަންފަތެއް ދެވެން ނެތީ އެހެންވެ އެވެ. އެވާހަކަ ތަކަށް ޖަވާބުދާރީ ވުމުގައި މެދުމިނުގެ އުސޫލެއް ހިފަހައްޓަން ޖެހެނީ ވެސް އެހެންވެ އެވެ.

ރާއްޖޭގެ ކަންކަމާ ވާހަކަ ދެއްކުމުގައި ބައިނަލް އަގުވާމީ މުޖުތަމައުން ދައްކާ ބަހަނާތަކުގެ އެންމެ ރީތި މިސާލެއް ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހު ޔޫރަޕިއަން ޕާލަމެންޓްގައި ބައެއް މެމްބަރުން ދެއްކެވި ވާހަކަފުޅުތަކުންނެވެ.

"އިންޑިއާ ކަނޑުގެ ގައުމުތަކަށް 2004 ވަނަ އަހަރު އެރި ސުނާމީއަށް ފަހު ގައުމުތަކަށް އަހަރެމެން ދީން އެހީގެ އެންމެ ބޮޑު ބައެއް ދީފައި ވާނީ ވެސް ރާއްޖެ އަށް، ރާއްޖޭގައި ދަޅުގައި ބަންދުކުރާ މަސްވެސް އެކްސްޕޯޓްކުރަނީ އަހަރެމެންގެ ގައުމުތަކަށް. އެހެންވީމާ އެތަން ރަނގަޅަށް ހިނގުން އެއީ އަހަރެމެންނަށް ވެސް ވަރަށް މުހިއްމު ކަމެއް،" އެ ސެޝަނުގައި އެއް މެމްބަރަކު ވިދާޅުވިއެވެ.

އަވަށްޓެރި އިންޑިއާއިން ވެސް ނުސީދާ ގޮތެއްގައި ދައްކަނީ މިފަދަ ވާހަކަ ތަކެކެވެ. އިންޑިއާއާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކުރިޔާ 48 އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފުލާގައި ވެސް ރާއްޖެ އަށް އިންޑިއާ އިން ކޮށްދީފައިވާ ކަންތައްތަކުގެ ލިސްޓެއް އިއްވި އެވެ. ޑެޕިއުޓީ ހައިކޮމިޝަނަރު ސަންޖީވް ރާނާގެ ވާހަކަފުޅުގައި ކޮށްދީފައިވާ ކަންތައްތަކުގެ އިތުރުން ކޮށްދޭނެ ކަންތައްތަކެއް ވެސް ވިދާޅުވި އެވެ.

އެފަދަ ބަހަނާތަކާ އެކު ރާއްޖޭގެ ކަންކަމުގައި ބައިނަލް އަގުވާމީ މުޖުތަމައުން ފަހަކަށް އައިސް ނެރުނު ބަޔާންތައް ވަނީ ނެރެފައި ވަނީ ވަރަށް ހަރުކަށިކޮށެވެ. ޑިޕްލޮމެޓިކް ގޮތުން ކިރާ ނަމަ އެންމެ މަތީ ދަރަޖައިގެ ހަރުކަށި ކަމުގަ އެވެ.

އެންމެ ފަހުން މިފަދަ އެންމެ ހަރުކަށި ބަޔާނެއް ރާއްޖެއާ ބެހޭ ގޮތުން ދެއްވީ އިނގިރޭސި ވިލާތުގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހޫގޯ ސްވަޔަރް އެވެ. އޭނާ ވިދާޅުވެފައި ވަނީ ރާއްޖޭގެ އިންތިހާބު އިތުރަށް ލަސްވާ ނަމަ ބޮޑެތި ގެއްލުންތައް ލިބޭނެ ކަމަށެވެ.

"އިންތިހާބު ބޭއްވުމުގައި ވަމުންދާ ގަބޫލު ނުކުރެވޭ ފަދަ ލަސްވުންތަކާއި ޕާލަމެންޓޭރިއަނުންނާއި އެންޖީއޯތަކާއި މީޑިއާތަކަށް އަޅަމުންދާ ބައިނަލް އަގުވާމީ މުޖުތަމައުން އަންނަނީ ކައިރިން ބަލަމުންނެވެ. އިތުރަށް ލަސްވާ ނަމަ ބައިނަލް އަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ތަސައްވުރަށް ބޮޑެތި ގެއްލުން ވާނެ އެވެ. އަދި އެކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ނުބައި އަސަރުކުރާނެ އެވެ، އޭނާ ވިދާޅުވެފައި ވެއެވެ.

އިންޑިއާ ހައިކޮމިޝަނަރުގެ ކާރަށް މީހަކު ހަމަލާ ދިން މައްސަލައިގައި އެގައުމުން ނެރުނު ބަޔާނަކީ ވެސް ހަރުކަށި ބަޔާނެއްކަން ފާހަގަ ކުރެވެ އެވެ. އެބަޔާނުގައި ވަރަށް ބޮޑު ތުހުމަތެއް ކޮށްފައިވެ އެވެ. އެއީ ކާރުކޮޅަށް ގެއްލުން ދިން އިރު ފުލުހަކު އަޅައި ނުލައި ބަލަން ހުރި ކަމަށް ކޮށްފައިވާ ތުހުމަތެވެ.

"މަގުމަތީގައި އެވަގުތު ތިބި ގިނަ ބަޔަކާއި އަދި ފުލުހުންގެ މީހަކަށް ވެސް އެ ހަމަލާދިން މަންޒަރު ފެނިފައި ވާނީ. އެކަމަކު ވެސް އަޅާލައިފައެއް ނުވޭ. އެކަމުން އެނގިގެން އެބަދޭ އެ ހަމަލާ ދީފައި ވަނީ އުފެދިފައިވާ ރުޅިވެރިކަމެއްގެ ސަބަބުން ގަސްތުގައި ކާރަށް ގެއްލުން ދިނުމާއި އަދި އެ ކާރު އޭގެ ވެރިފަރާތަށް ވެސް އަމާޒު ކޮށްގެން ކަމަށް،" އިންޑިއާގެ ބަޔާނުގައިވެ އެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމާ މެދު އދ.ގެ ހައިކޮމިޝަނަރް ފޯ ހިއުމަން ރައިޓްސް ނަވި ޕިއްލޭ ނެރުނު ބަޔާން ވެސް ހަރުކަށްޓެވެ. އެބަޔާން އޮތީ ސިޔާސީ ޕާޓީއަކުން ނެރޭ ބަޔާނެއް އޮންނަ ފަދަ އިބާރާތަކުންނެވެ.


"ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ރިޔާސީ އިންތިހާބުގެ ކަންތައްތަކުގެ ތެރެއަށް މާބޮޑަށް ވަންނަމުން ދާތީ އަޅުގަނޑު މިހިރީ ކަންބޮޑުވެފައި. އެހެން ހެދުމުން އެކުރެވޭ ކަމަކީ ޑިމޮކްރެޓިކް ޕްރޮސެސްގެ ބާރު ކަނޑުވާލުން. އަދި ރައްޔިތުން އެމީހުންގެ މަންދޫބުން މިނިވަންކަމާ އެކު އިންތިހާބު ކުރުމުގެ ހައްގަށް އަރައިގަތުން،" ޕިއްލޭ ވިދާޅުވެފައިވެ އެވެ.

ބައިނަލް އަގުވާމީ ޖަމާއަތްތަކާއި ވަކިވަކި ގައުމުތަކުގެ ވާހަކަތައް ހުރީ މިފަދަ ގޮތަކަށެވެ. މިހަގީގަތް ގަބޫލުކުރާ ހާލުގައި ވެސް ރާއްޖޭން ސަމާލުވާން ޖެހޭ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. އެގައުމުތަކާއި ޖަމާއަތްތަކުގެ މަގުސަދު ކޮންމެ ގޮތަކަށް އޮތަށް އެފަރާތްތަކަށް ޖަވާބުދާރީ ވުމުގައި އަޅުގަނޑުމެން މަޑުމައިތިރިކަމާއި ހިކުމަތު އަމަލީ ބޭނުން ކުރުމަކީ އޭގެ ތެރެއިން އެއް ކަންތަކެވެ. މިހާރު ކަންތައްތައް ވަމުން ދަނީ އެހެން ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ރާއްޖޭގެ ޖަވާބުތައް ހުރީ އެގައުމުތަކަށް ތަންކޮޅެއް ހަރުކަށިކަމަށް ފެނިދާނެ ފަދަ ގޮތަކަށެވެ.

ޕިއްލޭގެ ބަޔާނަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާއި އުއްތަމަ ފަނޑިޔާރު ދެއްވި ޖަވާބަކީ އެފަދަ ކަމެކެވެ.

"ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި ދިވެހި ސަރުކާރުން، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ބަލިކަށިކޮށްލަނީ ކަމަށް ބުނާ ބުނުން، ދިވެހި ސަރުކާރުން ދޮގުކުރެ އެވެ. ދުރުގައި ތިބެ، މިފަދަ ގެއްލުންދެނިވި ބަޔާންތައް ނެރުމުގެ ބަދަލުގައި، ރާއްޖޭގެ ޑިމޮކްރަސީގެ ޅަފަތުގައި ކުރިމަތިވާ ދަތިތައް ދެނެގަނެ، ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އދ. އިން ދިވެހިރާއްޖެ އަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް އަޅުގަނޑު ދެކެމެވެ،" ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވެފައި ވަނީ ހަގީގަތާ ހިލާފު ވާހަކަފުޅުތަކެއް ފިއްލޭ ދައްކަވާފައިވާ ކަމަށާއި އެފަދަ ވާހަކަތަކެއް ދެއްކެވުމުގެ ހައިސިއްޔަތު އެކަމާނާ އަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ.

"ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓަކީ އެއްވެސް ފަރާތަކާ މެދު ޚުޞޫމަތެއް އޮތް ކޯޓެއް ނޫނެވެ. ކޮންމެ ފަރާތަކުން ވިޔަސް ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅައިފި ނަމަ، ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ އާއި ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުރިހާ ފަރާތްތަކަކަށް ލިބިގެންވާ ހައްގުތައް ރައްކާތެރި ކުރެވޭނެ ބީދައަކުން، އެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ގެންދާނެ އެވެ. ސުޕްރީމް ކޯޓުގެ މި ޒިންމާ އަދާ ކުރަމުން ގެންދަނީ ގާނޫނު އަސާސީ އާއި ގާނޫނުގެ ހުކުމް ނެގެހެއްޓުމާއި އަދުލުއިންސާފު ގާއިމު ކުރުމަށްޓަކަ އެވެ."

ޝަރުއީ ނިޒާމަށް އަމާޒުވީ ފާޑުކިއުމަށް ރައީސާއި އުއްތަމަ ފަނޑިޔާރު މިމޭރުމުން ޖަވާބު ދެއްވި އިރު، ރާއްޖޭގެ ޝަރުއީ ނިޒާމުގައި މައްސަލަތަކެއް ހުރިކަން އަމިއްލަފުޅަށް ފާހަގަ ކުރައްވައި ރައީސް ވަނީ އދ.ގެ މާހިރެއް ގެންނަވައި ދިރާސާ ވެސް ކުރައްވާފަ އެވެ.

މި އަހަރުގެ ރާއްޖެ ވަޑައިގެންނެވި އދ.ގެ ހާއްސަ މަންދޫބު ގަބުރިއެއްލާ ނައުލް ރާއްޖެ ވަޑައިގެން ރާއްޖޭގެ ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަން ކަމާ ބެހޭ ދިރާސާއެއް ހެއްދެވީ ޚުދު ރައީސުލްޖުމްހޫރިއްޔާގެ އެދިވަޑައިގަތުމަކަށެވެ.

އެދިރާސާ އަށް ފަހު ގިނަ ގުނަ މައްސަލަތަކެއް ފާހަގަކުރައްވާފައިވެ އެވެ. ރަނގަޅު ކުރަންވީ ކަންތައްތަކެއް ވެސް ވަނީ ފާހަގަ ކުރައްވާފަ އެވެ. އދ. ބަޔާންތައް އަންނަނީ މިފަދަ ކަންތައްތަކާ ހެދި އެވެ.

މިފަދަ ކަންތައްތައް މިހެން ހުރުމުން ރާއްޖެ އަށް ފައިދާ ހުރި ގޮތަކީ ބައިނަލް އަގުވާމީ މުޖުތަމައާ މުއާމަލާތްކުރުމުގައި މެދުމިން ވުމެވެ. މީގެ މާނައަކީ އެމީހުން ބުނާހާ ގޮތެއް ހެދުމެއް ނޫނެވެ. ނަމަވެސް މުއާމަލާތްކުރުމުގައި ޖަޒުބާތުން އެއްކިބާވެ މަޑުމައިތިރި ވުމެވެ. އެހެން ނޫނީ ފިއްތުންތައް ވާނީ އިތުރެވެ.