02 Nov 2013, 12:13
ރައްޔިތުންގެ މަޖިލީހުގެ ހަނި އަޣުލަބިއްޔަތެއް ލިބުމުން އެމްޑީޕީން މިހާރު އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ބޮޑު އަޣުލަބިއްޔަތެއް ލިބިއްޖެ ނަމަ އެ ޕާޓީން ކޮށްފައި ނުކުރާނެ ކަމެއް ނޭނގޭނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
އަދާލަތު ޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަޖިލީހުގެ ހަނި އަޣުލަބިއްޔަތެއް ލިބިފައިވާ އިރު އިސްލާމީ ޝަރުއީ އުސޫލުތަކާއި އަދި ގާނޫނީ ބާރު ގައުމުގައި ދެމެހެއްޓުމަށް ޓަކައި ގާނޫނު އަސާސީގައި ކަނޑައެޅިފައި ހުރި މާއްދާތައް ބަދަލުކުރުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަޖިލީހުގައި ތިބި އެ ޕާޓީ އަށް ނިސްބަތްވާ ބައެއް މެމްބަރުން ހިންގާފައިވާ ޖަރީމާތަކުގެ ސަބަބުން ލިބެން ހުރި އަދަބުން ސަލާމަތް ވުމަށްޓަކައި ގާނޫނުތަށް ބަދަލުކުރަން އުޅޭކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އެގޮތުން މަސްތުވާ ތަކެތި ބޭނުން ކުރި ކަމުގެ ތުހުމަތު ކުރެވިގެން ކުޑަކަމުދާ ތަކެތި ދޭން ފުލުހުން އެންގުމުން އެކަމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ ދެ މެމްބަރެއްގެ މައްޗަށް އުފުލިފައިވާތީ ކުޑަކަމުދާ ތަކެތި ނުދިނުމުގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމުގެ ބަދަލުގައި އެންމެ 15 ދުވަހަށް ޖަލަށްލުން ކަމުގައި ގާނޫނުނަށް ބަދަލުގެނައުމަށް އެމްޑީޕީން މަސައްކަތް ކުރަމުން އަންނަ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފަ އެވެ.
ގާނޫނަށް އެ ބަދަލު ގެނައުމަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ގާނޫނާއި ޚިލާފަށް ހައްޔަރު ކުރުމުގެ ސަބަބުން ނަޝީދުގެ މައްޗަށް ދައުވާ އުފުލާފައިވާ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާ ބާތިލުކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައި ވާތީ އެކަމަށް ވެސް އަދާލަތުން ވަނީ ފާޑުކިޔާފަ އެވެ.
އެމްޑީޕީއަށް މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ލިބިއްޖެ ނަމަ ގާނޫނު އަސާސީ ބަދަލުކޮށް ރާއްޖޭގެ އިސްލާމީ ވަހުދަތު ފުނޑުފުނޑު ކޮށްލައި އެހެން ދީންތަކަށް ރާއްޖެ ހުޅުވާލުމަށް ފަސްނުޖެހޭނެ ކަމާމެދު ޝައްކެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ކުޑަކުޑަ އަޣުލަބިއްޔަތެއް ލިބުމުން އެމްޑީޕީން މިފަދަ ނާތަހުޒީބު، ލަދުވެތިވާން ޖެހޭ ޖަރީމާތައް ހިންގާލަންކެރޭއިރު ބޮޑު އަޣުލަބިއްޔަތެއް ލިބިއްޖެ ދުވަހަކުން ކޮށްފައި ނުކުރާނީ ކޮންކަންތަކެއްތޯ އެވެ؟ ގާނޫނު އަސާސީ ބަދަލުކޮށްލައި ރާއްޖޭގެ އިސްލާމީ ވަޙުދަތު ފުނޑުފުނޑު ކޮށްލައި އެހެން ދީންތަކަށް ރާއްޖެ ހުޅުވާލާކަށް އެދުވަހަކުން އެމީހުން ފަސްނުޖެހޭނެ ކަމާއިމެދު ޝައްކެއް ނެތެވެ،" އަދާލަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.