02 Nov 2013, 12:03
ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބިގެން އެސްޓީއޯ އިން ތެޔޮ ގެންނަން ދަތިތަކަކާ ކުރިމަތިވެފައި ވަނިކޮށް ތެޔޮލުގެ އާ ޝިޕްމެންޓެއް ގެނައުމަށް ސަރުކާރުން ފައިސާ ހަމަޖައްސައިދީފި އެވެ.
އެސްޓީއޯގެ އެމްޑީ ޝާހިދު އަލީ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާ ހަމަނުޖެހިއްޖެ ނަމަ މި މަހުގެ 10 އަކާ ހަމައަށް ދާއިރު ރާއްޖެ އިން މުޅިން ތެޔޮ ހުސްވެދާނެ ކަމަށެވެ.
އެމްއެމްއޭގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ކަށަވަރު ކޮށްދީފައިވާ ގޮތުން އެސްޓީއޯ އިން ތެޔޮ ގެންނަން ބޭނުންވި ފައިސާ މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ފިނޭންސް މިނިސްޓަރު އަބުދުއްﷲ ޖިހާދު މިއަދު "ސަން" އަށް ވިދާޅުވީ "ތެޔޮ ގެނައުމުގެ ކަންތައްތައް މިދަނީ ހަމަ ޖައްސަމުން" ކަމަށެވެ. އިތުރު ތަފަސީލެއް ޖިހާދު ވެސް ނުދެއްވަ އެވެ.
ޝާހިދު ވިދާޅުވީ ތެޔޮ ގެންނަނީ ރާއްޖެ ގެނެސް އޭގެ 120 ދުވަސް ފަހުން ފައިސާ ދައްކާ ގޮތަށް ކަމަށެވެ. އޭނާ ވިދާޅުވީ 20 މިލިއަން ޑޮލަރުގެ ބިލްތަކެއް ތެޔޮ ގަންނަ ކުންފުންޏަށް މިހާރު ނުދެއްކި ފައިވާ ކަމަށެވެ.
އެސްޓީއޯ އަށް ތެޔޮ ގެނައުމަށް ދަތިވެފައި ވަނީ ސަރުކާރުން އެ ކުންފުއްޏަށް ދައްކަން ޖެހޭ 260 މިލިއަން ރުފިޔާ ނުދައްކައި ހުރުމުގެ ސަބަބުންނެވެ.
އެކަމާ ގުޅިގެން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ބަޖެޓްގައި ފައިސާ ހުރިވަރަކުން ފައިސާ ދައްކަމުންދާ ކަމަށެވެ. އަދި އެކިއެކި ދިމަދިމާލުން 50 މިލިއަން ރުފިޔާ އެސްޓީއޯ އަށް ދޭން ނިންމައި އެމްއެމްއޭ އަށް ފޮނުވާފައިވާ ކަމަށެވެ.