އެމެރިކާގެ ކެލިފޯނިއާގައި، މަޝްހޫރު ޓެކް ކުންފުނި ގޫގްލްގެ "ގްލާސް" އަޅައިގެން ބާރަށް ކާރު ދުއްވި އަންހެނަކު ޖޫރިމަނާކޮށްފި އެވެ.

ބީބީސީ އިން ބުނީ ސެސީލިއާ އަބެޑީ ކިޔާ އަންހެނަކު ޖޫރިމަނާކޮށްފައި ވަނީ 65 މޭލުގެ ބާރުމިނުގައި ދުއްވޭ ހައިވޭއެއްގައި 80 މޭލުގެ ބާރުމިނުގައި ދުއްވުމާ އެކު އައިނެއްގެ ގޮތަށް އަޅާލެވޭ ގޫގްލްގެ ކޮމިޕއުޓާ "ގުލާސް" އަޅައިގެން ދުއްވުމުން ނެވެ.

ނަމަވެސް ސެސީލިއާ ބުނީ ދުއްވަން އިން ގަޑީގައި ގޫގްލް "ގުލާސް" ހުރީ ނިއްވާލާފައި ކަމަށެވެ.
ކެލިފޯނިއާގެ ހައިވޭ ޕެޓްރޯލްއިން ބުނީ "ގްލާސް" އަޅާފައިވުމުން ޖޫރިމަނާކޮށްފައި ވަނީ ކެލިފޯނިއާގެ ގާނޫނުގެ ދަށުން ޓީވީ ބަލަމުން ދުއްވުމަކީ މަނާ ކަމެއް ކަމަށް ބުނާތީވެ ކަމަށެވެ.

ގޫގްލް "ގްލާސް" އަކީ އައިނެއްގެ ގޮތަށް އަޅާލެވޭ ކޮމްޕިއުޓަރެކެވެ. ޓަޗު އަދި އަޑު ބޭނުންކޮށްގެން ކޮންޓްރޯލްކުރެވޭ މިކޮމްޕިއުޓަރުގެ ސްކްރީނަކީ ބޭނުންކުރާ މީހާގެ ލޮލަށް ފެންނަ ގޮތަށް ހަރުކުރެފައިވާ ލެންސެކެވެ. މިލެންސް ހުންނަނީ އައިނެއްގެ ނަމަ ލޯކޮޅު ހުންނަ ތާގަ އެވެ.

މިމައްސަލާގައި ސެސީލިއާ ބުނީ ކޯޓަށް ދިއުމާ މެދު ވިސްނަމުންދާ ކަމަށެވެ.

ބައެއް ތަޖުރިބާކާރުން ބުނީ ގޫގްލް "ގްލާސް" ބޭނުންކޮށްގެން ޖީޕީއެސް ނުވަތަ މަގު ޗާޓެއް ބަލަމުން ދުއްވާ ކަމަށްވާ ނަމަ، އެއީ މަނާކަމަކަށް ނުވާނެ ކަމަށެވެ. އެހެން ކަމުން ނިއްވާލާފައިވާ "ގުލާސް" އެއް އަޅައިގެން ދުއްވުމަކީ ކުށެއް ނޫން ކަމަށް އެފަރާތްތަކުން ބުނެ އެވެ.