02 Nov 2013, 11:10
ހޯން އޮފް އެފްރިކާގެ ބޭރުގައި ކަނޑު ފޭރުމުގެ ހަރަކާތްތައް ހިންގާ ކަނޑު ފޭރޭ މީހުން 2005 ވަނަ އަހަރުން ފެށިގެން 400 މިލިއަން ޑޮލަރު ފޭރިފައިވާ ކަމަށް އދ. އަދި ވޯލްޑް ބޭންކުން ބުނެފި އެވެ.
އދ. އާއި ވޯލްޑް ބޭންކު ގުޅިގެން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ 2005 އިން 2012 ގެ ނިޔަލަށް މިހާ ގިނަ އަދަދެއްގެ ފައިސާ ކަނޑު ފޭރިގެން ހޯދާފައިވާ އިރު، މިފައިސާގެ ތެރެއިން ކަނޑު ފޭރުމުގައި ސީދާ ހަރަކާތްތެރިވާ މީހުންނަށް ލިބެނީ ކުޑަ އެއްޗެއް ކަމަށެވެ. އަދި ފައިސާގެ ބޮޑު ބައެއް ލިބެނީ ކަނޑު ފޭރޭ މީހުންގެ ހަރަކާތްތަކަށް އިންވެސްޓްކުރާ މަދު ބަޔަކަށް ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މި ފައިސާ ސާފުކޮށްގެން (މަނީ ލޯންޑްރިންގް) ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ ގޮތްތައް ހޯދުމަށް ބައިނަލްއަގުވާމީ މާލީ ޓާސްކްފޯސްއެއް އެކުލަވާލުމަށް ވޯލްޑް ބޭންކުން ވަނީ ގޮވާލާފަ އެވެ.
"ޕައިރެޓް ޓްރައިލްސް"ގެ ނަމުގައި ނެރެފައިވާ މިރިޕޯޓުގައި ބުނެފައި ވަނީ ކަނޑު ފޭރިގެން ހޯދާ ފައިސާގެ 30 ނުވަތަ 50 ޕަސަންޓް ދަނީ މިކަމަށް އިންވެސްޓްކުރާ "ފައިނޭންޝަލް ކިންގްޕިންސް" އަށް ކަމަށެވެ.
ކަނޑު ފޭރިގެން ހޯދާ ފައިސާ "ފައިނޭންޝަލް ކިންގްޕިންސް" އިން ބޭރުކުރަނީ އެހެން ބައެއް ވިޔަފާރިތަކުގެ ފައިދާގެ ގޮތުގައި ސާފުކޮށްގެން (ލޯންޑާކުރުން) ނުވަތަ ސަރަހައްދީ ރޮނގު ހުރަސްކޮށް ފައިސާ ބޭރުކޮށްގެން ކަމަށް ރިޕޯޓު ބުނެ އެވެ.
ރިޕޯޓުގައި ސޯމާލިޔާ ފާހަގަކޮށްފައި ވަނީ ކަނޑު ފޭރޭ މީހުންނަށް ރައްކާތެރިކަންދޭ ގައުމެއްގެ ގޮތުގަ އެވެ. މިގޮތުން ކަނޑު ފޭރޭ މީހުންގެ ޑިންގީތައް މާރާމާތުކުރުމާ ކާބޯ ތަކެތި ހޯދުމަށް އެމީހުން ސޯމާލިޔާ އަށް ވަންނަ ކަމަށް ބުނެފައިވެ އެވެ.
ދެ ހާސް އަށް ވަނަ އަހަރުން ފެށިގެން ހޯން އޮފް އެފްރިކާ ސަރަހައްދުގައި ކަނޑު ފޭރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފަ އެވެ. މިސަރަހައްދަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ޝިޕިންގް ރޫޓެވެ. 2008 އިން ފެށިގެން ޔޫރަޕުގެ އިއްތިހާދާ އެމެރިކާ އަދި ޗައިނާއިން އަންނަނީ މިސަރަހައްދުގައި އެންޓި ޕައިރެސީ ޓާސްކްފޯހުގެ ނަމުގައި ކަނޑުގެ ސިފައިންގެ ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ނެވެ.