އިގްތިސާދީ ހާލަތާ ގުޅިގެން ބައެއް ކަންކަން އިސްލާހުކުރުމަށް ލަފާ އަރުވައި، ރައްޔިތުންގެ މަޖިލީހަށާއި ރައީސް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކަށް އެމްއެމްއޭ އިން ރެކޮމެންޑޭޝަންތަކެއް އަރުވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މާލިއްޔަތު ކޮމެޓީ އިން ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ގަވަރުނަރު ފަޒީލް ނަޖީބް ވިދާޅުވީ އިގްތިސާދީ ހާލަތާ ބެހޭ ގޮތުން އެމްއެމްއޭގެ ފަރާތުން އަބަދު ވެސް މައުލުމާތުތައް ހިއްސާ ކުރަމުންދާ ކަމަށެވެ. އަދި މިއަންނަ އަހަރުގެ ބަޖެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށާއި ރައީސް ޖުމްހޫރިއްޔާ އަށް ބައެއް ރިކޮމެންޑޭޝަންތަކާ އެކު ލިޔުމެއް ފޮނުވާފައިވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިހާރު ވެއްޖެ ހާއްސަކޮށް 2014 ވަނަ އަހަރުގެ ބަޖެޓާ ގުޅިގެން، ބައެއް ކަހަލަ ހިޔާލު އަޅުގަނޑުމެނަށް ފެންނަ ގޮތުގައި މިދަތި ހާލަތުގައި މަޖިލީހުން ވެސް އަދި ސަރުކާރުން ވެސް ސަމާލުކަން ދެއްވަންވާބައެއް ކަންތައް ހުށައަޅާފައި އޮތް ކަރުދާހެއް ފޮނުވާފައި ވެއްޖެ. ރައްޔިތުންގެ މަޖިލީހަށް އެކަރުދާސް ލިބިފައި އޮންނަން ވާނީ އަދި މިދިޔަ ބުދަ ދުވަހު ރައީސްޖުމްހޫރިއްޔާ އަށް އެކަރުދާސް ފޮނުވައިފިން، އެމްއެމްއޭގެ ބޯޑުގެ ރެކޮމެންޑޭޝަންތަކެއް އޭގައި ހުންނާނީ،" ގަވަރުނަރު ވިދާޅުވި އެވެ.

ނަމަވެސް އެލިޔުމުގައި ފާހަގަކޮށްފައި ހުރިކަންކަން ގަވަރުނަރު ހިއްސާއެއް ނުކުރެ އެވެ.

އެބައްދަލުވުމުގައި ކަންބޮޑު ވެހުރެ ވާހަކަ ދައްކަމުން ގަވަރުނަރު ފަޒީލް ވިދާޅުވީ މިއަދުގެ ހަގީގަތަކީ ލިބޭ އާމްދަނީއަށް ވުރެ މާ ބޮޑަށް ހަރަދުތައް ބޮޑުވުން ކަމަށެވެ. އަދި އެ ހަރަދުތައް އަދާކުރަން ދައުލަތުގެ ހަޒާނާގައި ފައިސާނެތް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ. އަދި ހަރަދުތައް ބޮޑުވެގެންގޮސް ޕަބްލިކް ބެންކް އެކައުންޓަށް އޮބި ނޯންނަވަރަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.

ގަވަރުނަރު ވިދާޅުވީ މިހާރުދާ ގޮތުން ފައިސާ ޗާޕްކުރަން މަޖުބޫރުވާ ކަމަށާއި އެއީ ވަރަށް ގޯސްގޮތެއް ކަމަށެވެ. އަދި ފައިސާ ޗާޕްކުރާ ވަރަކަށް ޑޮލަރު ފަހާ ދުވަން ޖެހޭ ކަމަށާއި އެއީ އިގްތިސާދަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

"ދައުލަތުގެ އޮނިގަނޑު ކުޑަ ކުރެވޭނެގޮ ތަކަށް މަޖިލީހުން ވެސް ވިސްނަވަން ޖެހޭ، މިކަން ވަރަށް ސީރިއަސްހެން އަޅުގަނޑަށް ހީވަނީ. އެހެން ނޫންނަމަ އަޅުގަނޑުމެނަށް ލިބޭ ލާރިކޮޅުގެ އަގު ހަމަވެއްޓެމުން ވެއްޓެމުންދާނީ،" ގަވަރުނަރު ފަޒީލް ވިދާޅުވި އެވެ.

އެއްޗެއް ނެތް އިރަކު އެއްޗެއް ހުރި ކަމަކަށް ހަދައިގެން ވެސް ނޫޅެވޭނެ ކަމަށާއި މިއަދުގެ ހަގީގަތަކީ ހަރަދުތައް ބޮޑުވެގެން ނުވެގެންދާތަން ކަމަށް ގަވަރުނާ ވިދާޅުވި އެވެ.

އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓާ އަބުދުﷲ ޖިހާދު ވިދާޅުވީ މުސާރަ އަށް އެކަނި ވެސް 500 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭ ކަމަށާއި ހަރަދުތައް ކުޑަކުރެވޭނީ މުޅި ދައުލަތް އެކީ އެކައްޗަކަށް ވެގެން ކަމަށެވެ. އަދި އާމްދަނީ އިތުރުކުރުމަށް މަޖިލީހަށް ހުށައެޅި ބިލްތައް ފާސްނުވެހުރުމުން ވެސް ބޮޑެތި ދަތިތަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.