މި ދުވަސްވަރު ސޯމާލިޔާގެ އުޅަނދުތައް ރާއްޖޭގެ އެކި ސަރަޙައްދުތަކުން އާދަޔާ ޚިލާފަށް ފެންނަމުންދާތީ އެމްއެންޑީއެފް ކޯސްޓްގާޑުން އިންޑިއާގެ ނޭވީއާ ގުޅިގެން ރާއްޖޭގެ ސަރަޙައްދު ބެލުމަށް އިންޑިއާ ނޭވީގެ ހާއްސަ މަތިންދާ ބޯޓެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.


އެމްއެންޑީއެފްގެ މޭޖާ އަބްދުއްރަހީމް މިއަދު ވިދާޅުވީ މިއަދު ރާއްޖެ އައި އެ މަތިންދާ ބޯޓް މާލޭ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް ޖައްސާފައި ވަނީ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށާއި އިންޑިޔާ ނޭވީއާ ގުޅިގެން ހިންގުމަށް ހަމަޖައްސާފައިވާ މި އޮޕަރޭޝަން ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. ނަމަވެސް އޮޕަރޭޝަން ފަށާނެ ދުވަހެއް އަދި އިންޑިޔާ އިން ރާއްޖެ އައި ނޭވީންގެ އަދަދެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.


"އިންޑިޔާގެ ނޭވީއާ ގުޅިގެން އެމްއެންޑީއެފް ކޯސްގާޑު އަންނަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަމުން. ނަމަވެސް މިއަދު އައި ނޭވީ މަތިންދާ ބޯޓާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ ހާއްސަ އޮޕަރޭޝަނެއް." އަބްދުއްރަހީމް ވިދާޅުވި އެވެ.


ހަތް މީހުންނާ އެކު ދަތުރުކުރި ޑިންގީއެއް މިހަފްތާގައި ވަނީ ފުވައްމުލަކަށް އަރައިފަ އެވެ. އޭގެ އިތުރުން ގދ. ތިނަދޫ ބޭރުން ވެސް ތިން މީހުންގެ ޑިންގީއެއް އިއްޔެ ފެނިފައިވެ އެވެ. އަދި މި އަހަރުގެ މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ފެނިފައިވާ ސޯމާލިޔާގެ ޑިންގީތަކާއި އުޅަނދުތަކުން ފެނިފައިވާ 34 މީހުން ފުލުހުންގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ.