02 Nov 2013, 09:34
ލޮސްއެންޖަލަސް (ނޮވެމްބަރު 2): އެމެރިކާގެ ސްޓޭޓެއް ކަމަށްވާ ކެލިފޯނިޔާގެ ލޮސްއެންޖަލަސް އެއާޕޯޓްގައި މީހަކު ބަޑިން ދިން ޙަމަލާތަކެއްގައި އެކަކުމަރުވެ އެތައް ބަޔަކު ޒަޚަމްވެއްޖެ އެވެ.
އެމެރިކާގެ ދަތުރުފަތުރާ ބެހޭ ދާއިރާ އިން ބުނާގޮތުން މިހަމަލާތަކުގައި މަރުވީ ލޮސްއެންޖަލަސް އެއަރޕޯޓްގައި މަސައްކަތްކުރާ މުވައްޒަފެކެވެ. މިހަމަލާތައް ދިން ކަމަށް ބެލެވޭ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އެމެރިކާގެ ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ބުނާ ގޮތުން މިހަމަލާތައް ދިން ކަމަށް ބެލެވެނީ ލޮސްއެންޖަލަސްގައި ދިރިއުޅޭ އުމުރުން 23 އަހަރުގެ ޒުވާނެއް ކަމަށާ އޭނާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ލޮސްއެންޖަލަސް އެއަޕޯޓަކީ އެމެރިކާގައި ތިންވަނަ އަށް އެންމެ ބޮޑު އިންޓަނޭޝަނަލް އެއަޕޯޓެވެ.
ހަމަލާދިން މީހާ އެކަންކޮށްފައި ވަނީ އެއެއަޕޯޓްގެ ތިން ވަނަ ޓާމިނަލްގަ އެވެ. މަންޒަރުދުށް މީހުން ބުނާ ގޮތުން އެމީހާ، ޓާމިނަލް 3 އަށް ވަދެ ދަބަހުން ބަޑިނެގުމަށް ފަހު މީހުންގެ ތެރެއަށް ކުއްލި ގޮތަކަށް ބަޑިޖަހަން ފެށީ އެވެ. މިހާދިސާއާ ގުޅިގެން ލޮސްއެންޖަލަސް އެއަޕޯޓް ކުޑަވަގުތު ކޮޅަކަށް ބަންދުކުރި އެވެ. މިކަމުގެ ސަބަބުން 746 ފްލައިޓްގެ ދަތުރުތަކަށް ބުރޫ އަރާފައިވެ އެވެ. ނަމަވެސް އަންނަ ފްލައިޓްތައް ހުއްޓުވާފައެއް ނުވެ އެވެ. އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވަނީ މިހާދިސާ ކުށްވެރިކުރައްވައި މިކަމާ މެދު ކަންބޮޑުވާކަން ހާމަކުރައްވާފަ އެވެ. (ނޫސްއެޖެންސީތައް)