02 Nov 2013, 09:13
އިސްލާމް އާބާދު (ނޮވެމްބަރު 2): ޕާކިސްތާނުގެ ހުޅަނގު އުތުރުގެ ގަބީލާ ސަރަހައްދެއް ކަމަށްވާ ވަޒީރުސްތާނަށް އެމެރިކާ ދިން ވައިގެ ޙަމަލާތަކެއްގައި ޕާކިސްތާން ތާލިބާނުންގެ ލީޑަރު ޙަކީމުﷲ މަހްސޫދު މަރާލައިފި އެވެ.
ޑްރޯން މަތިންދާބޯޓުތައް ބޭނުންކޮށްގެން އެމެރިކާ ޕާކިސްތާނަށް ދެމުންގެންދާ ޙަމަލާތަކުގައި ހަކީމުﷲ މަރާލެވިއްޖެ ކަމަށްބުނެ އެމެރިކާ އެތައް ފަހަރަކު އަޑުފަތުރާފައި ވާތީ އެމެރިކާގެ ޖާސޫސީ ފަރާތްތަކުގެ ބަހުގެ އިތުބާރު ގެއްލިފައިވެ އެވެ. އެހެންކަމުން ހަކީމުﷲ މަހްސޫދު މަރުވިކަން ކަށަވަރުވެގެންދިޔައީ ތާލިބާނުންގެ އިސްލީޑަރަކު ރޭގެ ވަގުތެއްގައި އެކަން ބީބީސީ އަށް ކަށަވަރުކޮށް ދިނުމުންނެވެ. ހަކީމުﷲ މަރާލުމަށް އެމެރިކާ ދިން ޑްރޯން ޙަމަލާތަކުގައި އޭނާގެ ހަށިފާރަވެރިންގެ ދެ މީހަކު ވެސް މަރުވިކަމަށްވެ އެވެ.
ޙަކީމުﷲ މަރާލި މީހަކަށް ނޫނީ އޭނާ ހުރިތަނެއްގެ މަޢްލޫމާތު ދިން މީހަކަށް ފަސް މިލިޔަން ޑޮލަރު ހުށަހަޅާފައިވާތާ މިހާރު ހަތަރު އަހަރު ވެފައިވެ އެވެ. މިއާއެކު ހަކީމުﷲ އުޅެމުން ގެންގޮސްފައިވަނީ ވަރަށް ބޮޑަށް ފިލައިގެން ކަމަށްވެ އެވެ. ހަކީމުﷲ އަށް އަމާޒުކޮށް އެމެރިކާގެ ޑްރޯން މަތިންދާބޯޓަކުން ޙަމަލާދިންކަމަށް ވަނީ ވަޒީރުސްތާނުގެ ޑެންޑީ ޑެރްބާ ނަމަކަށް ކިޔާ ސަރަހައްދުގައި އެއްގަމު އުޅަނދެއްގައި އޭނާ ދަތުރުކުރަމުން ދަނިކޮށެވެ. މިހަމަލާދޭން އެމެރިކާ އަށް އެނގުނީ ހަކީމުﷲގެ ހަރަކާތްތައް އެނގޭ ކޮންމެވެސް ފަރާތަކުން އެކަމުގެ މައްލޫމާތު އެމެރިކާގެ ކަމާ ބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމުން ކަމަށްވަނީ ބެލެވިފަ އެވެ.
ހަކީމުﷲ މަރުވިކަމަށް ވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި އެމެރިކާ ދިން ޙަމަލާތަކެއްގަ އެވެ. ހަކީމުﷲ މަރާލިކަން ބީބީސީ އަށްކަށަވަރުކޮށްދިން ތާލިބާނުންގެ ލީޑަރު ބުނެފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އޭނާގެ ޖަނާޒާ ބައްވާނެ ކަމުގަ އެވެ. ތާލިބާނުންގެ ވެރިއަކަށް ކުރިން ހުރި ހަކީމުﷲގެ ބޭބެ ބައިތުﷲ މަހްސޫދު ވެސް މަރުވެފައި ވަނީ 2009 ވަނަ އަހަރު ވަޒީރުސްތާނުގެ ގެއަކަށް އެމެރިކާގެ ޑްރޯން މަތިންދާބޯތަކުން ދިން ވައިގެ ހަމަލާއެއްގަ އެވެ. މަހްސޫދުﷲގެ މަރުގެ ބަދަލު ތާލިބާނުން ވަނީ އެމެރިކާގެ ކިބައިން ހިފާފަ އެވެ.
މަހްސޫދުގެ މަރަށް ބަދަލުހިފުމުގެ ގޮތުން ތާލިބާނަށް ތާއީދުކުރާ އުރުދުންގެ ރައްޔިތަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ޙަމަލާއެއްގައި އަފްޣާނިސްތާނުގައި ތިއްބަވާ އެމެރިކާގެ ޖާސޫސީ އޮފްސަރުންގެ މީހަކު މަރާލާފައިވެ އެވެ. އެހެންކަމުން ހަކީމުﷲގެ މަރަށް ވެސް ތާލިބާނުން ކޮންމެވެސް ގޮތަކަށް އެމެރިކާގެ ކިބައިން ބަދަލުހިފާނެ ކަމުގެ ބިރު އެބައޮތް ކަމަށް މުރާސިލުން ބުނެ އެވެ.
ޕާކިސްތާންގެ ދައުލަތާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށް ޕާކިސްތާނުގައި ދާޚިލީ ހަނގުރާމަ ކުރަމުން ގެންދާ އެންމެ ބޮޑު އަދި އެންމެ ބާރުގަދަ ޖަމާއަތް ކަމަށްވާ ތާލިބާނުންގެ މެދުގައި ހަކީމުﷲ މަގްބޫލުކަން އިތުވެގެން ދިޔައީ އޭނާގެ ޢަސްކަރީ ކޮމާންޑްގެ ދަށުން 2007 ވަނަ އަހަރު ތާލިބާނުން ހިންގި އޮޕަރޭޝަނެއްގައި ޕާކިސްތާން ސިފައިންގެ 300 މީހުން ހައްޔަރު ކުރުމާ ގުޅިގެންނެވެ. އުމުރުން 35 އަހަރުގެ ހަކީމުﷲ މަހްސޫދު މަރާލުމަށް އެމެރިކާ ދިން ޙަމަލާ ޕާކިސްތާން ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ. މިއީ އެމެރިކާގެ އެހެން ހަމަލާތަކެކޭ އެއްގޮތަށް ޕާކިސްތާނުގެ މިނިވަންކަމާއި ސިޔާދަތަށް އަރައިގަތުމަށް އެމެރިކާ ހިންގާފައިވާ އުދުވާނީ ހަމަލާއެއް ކަމަށް ޕާކިސްތާން ސަރުކާރުން ސިފަކޮށްފައިވެ އެވެ.
އެމެރިކާގެ މަސްއޫލުވެރިންނެކޭ އެއްގޮތަށް ހަކީމުﷲ އަކީ ވެސް ޕާކިސްތާނުގެ ކުށެއްނެތް އާންމުންގެ އެތައް ހާސްބަޔަކު މެރުމުގެ މަސްއޫލިއްޔަތު އުފުލަން ޖެހޭ ހަރުކަށި ލީޑަރެކެވެ. ޕާކިސްތާނުގައި ޓެރަރިޒަމާއި ހަނގުރާމައިގެ ޢަމަލުތައް ހިންގައިގެން އެގައުމުގެ ކުށެއް ނެތް އާންމުން މެރުމުގައި ޒިންމާވާން ޖެހޭ ފަރާތްތަކަކީ ތާލިބާނުންގެ ލީޑަރުންނާއި އެމެރިކާގެ އިސްވެރިން ކަމަށް އެގައުމުގެ ގިނަބަޔަކު ދެކެ އެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ވަނީ މިޖަރީމާތަކާ ގުޅިގެން ބައިނަލްއަޤްވާމީ އިންސާފުގެ ކުރިމައްޗަށް އެމެރިކާގެ އިސްވެރިންނާއި ތާލިބާނުންގެ އިސްލީޑަރުން ހާޒިރު ކުރުމަށް ގޮވާލާފަ އެވެ. ހަކީމުﷲ މަރާލާފައި މިވަނީ ތާލިބާނުންނާ ސުލްހައިގެ ވާހަކަތަކެއް ފެށުމަށްޓަކައި ސަރުކާރުގެ ވަފްދެއް ވަޒީރުސްތާނަށް ގޮސްފައިވަނިކޮށް ކަމަށް ޚަބަރުލިބެ އެވެ. ޕާކިސްތާން ސަރުކާރުންވަނީ ތާލިބާނުންނާ އެކު ސުލްހައިގެ ވާހަކަތައް ފެށިކަން ވެސް އިޢްލާންކޮށްފަ އެވެ. (ނޫސްއެޖެންސީތައް)