02 Nov 2013, 01:50
ޗާންދަނީމަގާއި އޯކިޑުމަގު ގުޅުނު ކަންމަތީގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން ބަހައްޓާފައި ހުރި ސީސީޓީވީ ކެމެރާ އަށް ގެއްލުންދީ އެ ކެމެރާ ހަލާކުކޮށްލި ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްފި އެވެ.
އެމްޑީޕީން މާލޭގައި ކުރި މުޒާހަރާއެއްގައި ސީސީޓީވީ ކެމެރާ ހަލާކުކޮށްލި ކަމުގެ ތުހުމަތުގައި އއ. އުކުޅަސް، ބީޗްރެސްޓް ކާމިލް އިބްރާހީމް ހޯދުމަށް ތަކުރާރުކޮށް އިއުލާންކޮށްފައި ވަނިކޮށް އޭނާ މިރޭ ހައްޔަރު ކުރީ ކޯޓުއަމުރެއްގެ ދަށުން މ. ބަހުރޭން ގޭގައި ފިލައިގެން އުޅެނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އޭނާ ހައްޔަރުކުރީ މިރޭ 11:30 ހާއިރު ކަމަށް ވެސް ފުލުހުން ބުންޏެވެ.
ކާމިލް އިބްރާހީމް ފިލުވިކަމަށް ތުހުމަތުކުރެވޭ ދެ މީހަކަށް ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ހަވާލުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ލަޓިބުރި ބޭނުންކޮށްގެން ފުލުހުންނަށް ބިރުދެއްކުމަށްފަހު ކާމިލް އިބްރާހީމް ސީސީޓީވީ ކެމެރާ ހަލާކުކޮށްލާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ފުލުހުން ވަނީ މީގެކުރިން އާންމުކޮށްފަ އެވެ.