02 Nov 2013, 01:41
ރާއްޖޭގެ ކަންތަކުގައި އިންޑިއާ ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެއެވެ.
ރައީސް މިމޭރުމުން ވާހަކަފުޅު ދެއްކެވީ "އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕްޑޭ" ފާހަގަ ކުރުމަށް މިރޭ ޓްރޭޑާސް ހޮޓަލުގައި ބޭއްވި ހަފުލާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެހަފުލާގައި ވާހާކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ރާއްޖެ މިހާރު ވޭތުކުރަމުން ދަނީ އުނދަގޫ ދުވަސްތަކެއް ކަމަށާއި އިންޑިއާއިން ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް އާދެވިފައި މިވަނީ އަނެއްކާވެސް ވަރަށް ނާޒުކު ވަގުތަކަށް. އަޅުގަނޑުމެންގެ ހިތްވަރު ހުރިވަރު އިމްތިހާނު ކުރެވިގެންދާނެ ވަގުތަކަށް. ތިޔަބޭފުޅުން ކެތްތެރިވެވަޑައިގެންނެވުމަށް އަޅުގަނޑު އެދެން،" ރައީސް ވަހީދު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ގުޅުމެއް އިމްތިހާނު ކުރެވެނީ އުނދަގޫ ވަގުތުތަކުގައި ކަމަށާއި ދެގައުމުގެ މީހުން އެކުވެރިކަމާއި އެކު ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިންޑިއާއާ ރާއްޖޭގެ ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރަނގަޅަށް ކުރިއަށް ދާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.
ރާއްޖެއަށް ދަތުކުރާ އަދި ރާއްޖޭގައި މަސައްކަތް ކުރާ އިންޑިއާ މީހުންނަށް ދަތިތަކާ ކުރިމަތިވާކަން ގަބޫލުކުރައްވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެކަން އެހެން ދިމާވަނީ ހަމަ އެކަނި އިންޑިއާ މީހުންނަށް ނޫން ކަމަށެވެ.
"އެމައްސަލަތައް ހައްލުކުރަން އިންޑިއާ ހައިކޮމިޝަނާ އެކު އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން ، ނަމަވެސް ހީނުކުރާ ކަހަލަ ހިންގުމުގެ މައްސަލަތައް ދިމާވެގެން ޕްރޮސެސް ލަސްވަނީ، " ރައީސް ވިދާޅުވިއެވެ.
"އިންޑިއާ މޯލްޑިވްސް ފްރެންޑްޝިޕްޑޭ" އަކީ ރާއްޖެއާއި އިންޑިއާގެ މީހުންނާއި މީހުން ގުޅުން ބަދަހިކުރުމަށް އުފައްދާފައިވާ ފްރެންޑްޝިޕް އެސޯސިއޭޝަން އޮފް އިންޑިއާ-މޯލްޑިވްސް (ފެއިމް) އާއި ހައިކޮމިޝަން ގުޅިގެން ފާހަގަކުރާ ދުވަހެކެވެ. މިރޭގެ ހަފުލާގައި ދެގައުމުގެ ސަގާފީ ބައެއް ހަރަކާތްތައް ވެސް އޮތެވެ.
މިރޭގެ ހަފުލާގައި ރާއްޖޭގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ ހައިކޮމިޝަނަރު ސަންޖޭ ރާނާއާއި ހައިކޮމިޝަނުގެ އިސް އެހެން ބޭފުޅުން ބައިވެރިވަޑައިގެންނެވިއެވެ.