މިދުވަސްވަރު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީތަކުގެ ބައްދަލުވުންތައް ގިނަގިނައިން ބާއްވަމުންދަނީ މަޖިލީހުގެ މެމްބަރުން ކޯޓުތަކަށް ހާޒިރުވާންޖެހޭތީ އެކަމަށް ހުރަސްއެޅުމުގެ ގޮތުން ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މާފަންނު އިއްޒުއްދީން މަގުގައި ހުންނަ ޕީޕީއެމް "ތުރުކުނާ" ޖަގަހައިގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީކުރުމުގެ ނަމުގައި ސަރުކާރުގެ އެކި ފެންވަރުގެ ބޭފުޅުން މިހާރަކަށް އައިސް މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކުރަމުން އަންނަ ކަމަށާއި އެއީ މަޖިލީހުގެ މެމްބަރުން ކޯޓުތަކަށް ހާޒިރުވެވަޑައިނުގަތުމަށް ކުރާ ކަމެއް ކަމަށެވެ.

"ހަގީގަތުގައި ހައްލު ހޯދަން އޮންނަ ބައިވަރު މައްސަލަތައް އޮންނަ އިރު ދުވާލު ދެ ދަޅައަށް ތިން ދަޅައަށް ރައްޔިތުންގެ މަޖިލީހުން [މަޖިލީސް މެމްބަރުން] އެކި ދިމަދިމާލަށް ކޯޓުތަކަށް ހާޒިރުކުރަންޖެހޭތީ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީ ޖަލްސާތައް ވެސް މިހާ ގިނަ ވެގެން ދަނީ. ސަރުކާރު ޖަވާބުދާރީ ކުރުމުގެ ނަންނަމުގައި ސަރުކާރުގެ އެކި ފެންވަރުގެ ވެރިން އެބަގެންދޭ. މިކަމުން ހައްލުވާނީ ކޮންކަމެއްތޯ،" ޔާމީން ވިދާޅުވި އެވެ.

ކުޑަކަމުދާއެއްޗިހި ދިނުމަށް އިންކާރު ކުރާ މީހުން އެއްއަހަރަށް ޖަލަށްލާން ޖެހޭނެކަމަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގައި ކަނޑައަޅާފައިވާތީ އެ އަދަބު 15 ދުވަހުގެ ޖަލުހުކުމަކަށް ބަދަލުކުރުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅާފައިވާތީ ޔާމީން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ.

ޔާމީން ވިދާޅުވީ އާދައިގެ މީހަކު ކުށެއްކޮށްފިނަމަ އެމީހަކު ކޯޓުތަކަށް ހާޒިރުކުރެވޭ ކަމަށާއި ނަމަވެސް މަޖިލީސް މެމްބަރެއްގެ މައްޗަށް ދައުވާއެއް އުފުލިއްޖެނަމަ ގާނޫނުގައި އޮންނަ އަދަބު ލުއިކުރުމަށް މަސައްކަތް ކުރާ މަންޒަރު ފެނިގެންދާ ކަމަށެވެ. އެއީ ރައްޔިތުން އެދޭ ގޮތެއް ނޫންކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ތިމާއަކީ ކުށެއް ކުރި މީހެއްކަން ނުވަތަ ނޫންކަން އެނގިގެންދާނީ ކޯޓަށް ހާޒިރުވުމުން ކަމަށާއި ނަމަވެސް ކޯޓަށް ހާޒިރުނުވާން އުޅުމަކީ އަމިއްލައަށް ކުށަށް އިއުތިރާފުވާކަން ދޭހަކޮށްދޭ ކަމެއް ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ކޯޓަށް ހާޒިރުކުރެވުނީމަ ދެއްތޯ އެނގެނީ މައުސޫމު މީހެއްތޯ. ނޫނީ އޭނާގެ މައްޗަށް ކަމެއް ސާބިތުވާ މީހެއްތޯ. އެކަމަކު ހުންއައުމުގެ ކުރިން ރަޖާލާ އުސޫލުން މިއޮތީ އަޅުގަނޑުމެން ދިވެހިރައްޔިތުންނަށް ދައްކައިދީފަ ކޯޓުން ހުކުމް ކުރުމުގެ ކުރިން އަމިއްލަ އިއުތިރާފުން އެ ދައްކައިދެނީ ތިމަންނަމައްޗަށް ހުކުމް އަންނާނޭ. އެހެންވެގެންނޭ މިހާ ބިރުން މިއުޅެނީ،" ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުގެ ހުކޫމަތަށް އިހްތިރާމްނުކުރާ ބަޔަކު ވެރިކަމަށް ގެނެސްފިނަމަ ރާއްޖޭގައި ގާނޫނީ ހުކޫމަތެއް ނޯންނާނެ ކަމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ހުރިހާ ފަރާތްތަކާ މެދު ވެސް ހަމަހަމަ އުސޫލުން އަމަލުކުރެވެން ޖެހޭނެ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރާ އެއްގޮތަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ކޯޓަށް ހާޒިރުވެވަޑައިނުގެން މަޖިލީސް ތެރޭގައި ފިއްލަވައިގެން އުޅުއްވަނިކޮށް ކްރިމިނަލް ކޯޓުން ވަނީ އޭނާ ހަ މަސް ދުވަހަށް ޖަލަށް ލާން ހުކުމް ކޮށްފަ އެވެ. ނަމަވެސް އަދިވެސް އޭނާ ޖަލަށްލެވޭ ގޮތެއް ވަނީ ނުވެފަ އެވެ.