ކެނެޑާގެ ޓޮރޮންޓޯ ޝަހަރުގެ މޭޔަރު ރޮބް ފޯރޑް މަސްތުވާ ތަކެތި ބޭނުން ކުރައްވާ މަންޒަރު ފެންނަ ވީޑިއޯއެއް ލިބިފައިވާ ކަމަށް ޓޮރޮންޓޯގެ ފުލުހުންގެ އޮފިޝަލުން ބުނެފިއެވެ.

ކެނެޑާގެ އޮންޓާރިއޯ ސްޓޭޓުގެ ވެރިރަށް ޓޮރޮންޓޯގެ މޭޔަރު ފޯރޑް މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން ބޭނުން ކުރައްވަނިކޮށް ފެންނަ ވީޑިއޯއެއް އޮތް ކަމުގެ ވާހަކަތައް ފެންމަތި ވުމާ ގުޅިގެން، މިހައިތަނަށް ވެސް އޭނާ ވިދާޅުވަމުން ގެންދެވީ އެއީ ރޯ ބުހުތާން ދޮގު ކަމަށާއި، އޭނާގެ އެފަދަ ވީޑިއޯއެއް އެއްވެސް ތާކު ނޯންނާނެ ކަމަށެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި، ޓޮރޮންޓޯ ސްޓާރ ދުވަހު ނޫހުގެ ނޫސްވެރީންތަކެއް އެ ވީޑިއޯގެ ވާހަކަ ރިޕޯޓު ކޮށް، އެ ވީޑިއޯ ދުށް ކަމަށް ބުނުމުން ވެސް، ފޯރޑް ވަނީ އެކަމާ އިންކާރު ކުރައްވައިފައެވެ.

ނަމަވެސް ބުރާސްފަތި ދުވަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ އޮފިޝަލް ބިލް ބްލެއަރ ވިދާޅުވި ގޮތުގައި ކޮމްޕިއުޓަރެއްގެ ހާޑް ޑިސްކުގައި ރައްކާ ކޮށްފައި ހުރި އެ ވީޑިއޯ ޑިލީޓް ކޮށްފައި ވަނިކޮށް، އެ ވީޑިއޯ ވަނީ ތަޖުރިބާކާރުންގެ މަސައްކަތުން ރިކަވަރ ކުރެވިފައެވެ. ފުލުހުން ބުނާ ގޮތުގައި، އެ ވީޑިއޯއިން ފެންނަ މަންޒަރުތަކަކީ، ކުރީން ނޫސްވެރީން ކޮށްފައި ވާ ރިޕޯޓުތަކުގައި ހުރި ވާހަކަތަކުގައި ސިފަ ކޮށްފައި ވާ މަންޒަރުތަކެވެ.

މޭޔަރު ފޯރޑް ކޮކެއިން ބޭނުން ކުރައްވަނިކޮށް ފެންނަ ވީޑިއޯ ރައްކާ ކުރެވުނު ޑިސްކު އަތުލައިގެންފައި ވަނީ ފޯރޑްގެ ގާތް އެކުވެރިއެއް ކަމަށް ވާ، އަދި ބައެއް ފަހަރު އޭނާގެ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ އެލެގްޒޭންޑަރ ލީސީގެ ހަރަކާތްތަކަށް ފާރަ ލައި ބެލުމުގެ ވަރުގަދަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ޝައްކު ކުރާ ގޮތުގައި ފޯރޑަށް ކޮކެއިން ފޯރު ކޮށްދޭ މީހަކީ ވެސް ލީސީއެވެ. ލީސީ މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. މަސްތުވާ ތަކެތީގެ މައްސަލައެއްގައި އޭނާގެ މައްޗަށް ފުލުހުން ދަނީ ތަހުގީގު ހިންގަމުންނެވެ.

މިކަމާ ގުޅިގެން، މޭޔަރު ފޯރޑް އޭނާގެ އޮފީހުގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ވިދާޅުވީ "އަހަރެން މަގާމުން އިސްތިއުފާ ދޭން ޖެހޭ ސަބަބެއް ނެތް" ކަމަށާއި، އެހެންކަމުން މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ. މީގެ ތިން އަހަރު ކުރީން ޓޮރޮންޓޯގެ މޭޔަރު ކަމުގެ މަގާމަށް އިންތިޚާބު ކުރެވުނު ފޯރޑް އިތުރަށް ވިދާޅުވެފައި ވަނީ އަންނަ އަހަރު އޮންނަ އިންތިޚާބުގައި، މަގާމުގެ ދެވަނަ ދައުރަކަށް ވެސް ވާދަ ކުރައްވާނެ ކަމަށެވެ.

ފޯރޑް މަސްތުވާ ތަކެތި ބޭނުން ކުރައްވާ ވީޑިއޯއެއް އޮތް ނަމަވެސް، އެއީ ކުށް ސާބިތު ކުރާން ފުދޭ ފަދަ ހެއްކަކަށް ނުވާތީ، އެ ވީޑިއޯއަށް ބަރޯސާ ވެގެން ފޯރޑާ ދެކޮޅަށް ދައުވާއެއް ނުއުފުލޭނޭ ކަމަށް ވެސް ފުލުސް އޮފިޝަލް ބިލް ބްލެއަރ ވިދާޅުވިއެވެ.