އެމެރިކާއިން އިންޑޮނީޝިއާގައި ހިންގައިފައި ވާ ޖާސޫސީ ހަރަކާތްތަކުގައި އޮސްޓްރޭލިއާގެ އެމްބަސީ ހުންނަ އިމާރާތުގެ ބޭނުން ކޮށްފައި ވާ ކަމަށް ބުނާ މީޑިއާ ރިޕޯޓުތަކާ ގުޅިގެން، އިންޑޮނީޝިއާގައި ހުންނަވާ އޮސްޓްރޭލިއާގެ އެންބެސެޑަރު އެ ގައުމުގެ ޚާރިޖީ ވުޒާރާއަށް ހާޒިރު ކޮށްފިއެވެ.

ދުނިޔޭގެ އެތައް ގައުމެއްގައި އެމެރިކާއިން ހިންގި ޖާސޫސީ ހަރަކާތްތައް ފަޅާ އެރުމާ ގުޅިގެން އުފެދިފައި ވާ ހަލަބޮލިކަމުގައި އިންޑޮނީޝިއާގެ ސަރުކާރު ވެސް ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ. މ ހަފުތާގެ ކުރީކޮޅު، އިންޑޮނީޝިއާގައި ހުންނަވާ އެމެރިކާގެ އިސް ޑިޕްލޮމެޓު ވެސް ވަނީ އެ ގައުމުގެ ޚާރިޖީ ވުޒާރާއަށް ހާޒިރު ކޮށްފައެވެ.

އިންޑޮނީޝިއާގެ ޚާރިޖީ ވުޒާރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ޚާރިޖީ ވަޒީރު މާރޓީ ނަޓަލެގާވާ އޮސްޓްރޭލިއާގެ އެންބެސެޑަރު ހާޒިރު ކުރައްވައި އޭނާއާ ސުވާލު ކުރެއްވި ކަމަށެވެ.

"ޖަކާޓާގައި ހުންނަވާ އޮސްޓްރޭލިއާގެ އެންބެސެޑަރު ހާޒިރު ކޮށް، އިންޑޮނީޝިއާގައި އެމެރިކާއިން ހިންގި ޖާސޫސީ ހަރަކާތްތަކަށް ބޭނުންވާ އާލާތްތައް އޮސްޓްރޭލިއާގެ އެންބަސީ އިމާރާތުގައި ބަހައްޓައި ބޭނުން ކުރުމުގެ ހުއްދަ ދެވިފައި ވާ ކަމަށް ބުނާ ބުނުންތަކާ ގުޅިގެން، ކަން ހިނގައިފައި ވާ ގޮތް ސާފު ކޮށްދެއްވައި، އުފެދިފައި ވާ ސުވާލުތަކަށް ޖަވާބު ދެއްވާން ޚާރިޖީ ވަޒީރު އެދިވަޑައިގަތް" އިންޑޮނީޝިއާގެ ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވެއެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު އެއް ދުވަހު ނޫސް "ސިޑްނީ މޯރނިންގ ހެރާލްޑް" އިން މި ހަފުތާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޭޝިއާގެ ގިނަ ގައުމުތަކެއްގައި އެމެރިކާއިން ހިންގައިފައިވާ ޖާސޫސީ ހަރަކާތްތަކުގައި، އެ ގައުމުތަކުގައި ހުންނަ އޮސްޓްރޭލިޔާގެ އެމްބަސީތަކުގެ އޮފީސްތައް ބޭނުން ކޮށްފައި ވެއެވެ. މި ރިޕޯޓުތަކާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ޗައިނާ ވެސް ވަނީ އުފެދިފައިވާ ގިނަ ސުވާލުތަކަކަށް އެމެރިކާ ޖަވާބު ދޭން ޖެހޭ ކަމަށް ބުނެ ރަސްމީކޮށް އެމެރިކާ ސަރުކާރަށް އެކަން އަންގައިފައެވެ.

ދެކުނުއިރުމަތީ އޭޝިއާގެ އެންމެ ބޮޑު ގައުމު ކަމަށްވާ، އަދި ދުނިޔޭގެ އެންމެ ބައިބޯ އިސްލާމީ ގައުމު ކަމަށްވާ އިންޑޮނީޝިއާގެ ޚާރިޖީ ވުޒާރާއިން އޮސްޓްރޭލިއާގެ އެންބެސެޑަރު ވެސް ހާޒިރު ކޮށްފައި ވަނީ މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އުފެދިފައިވާ ސުވާލުތަކަކަށް ޖަވާބު ހޯދުމަށް ޓަކައެވެ.

އެމެރިކާއިން އިންޑޮނީޝިއާގައި ހިންގި ޖާސޫސީ ހަރަކާތްތަކުގައި އޮސްޓްރޭލިއާގެ އެހީތެރިކަން ލިބުނު ކަމަށް ބުނާ މީޑިއާ ރިޕޯޓުތަކަށް ފަހު، ތަޖުރިބާކާރުން ބުނެފައި ވަނީ އޮސްޓްރޭލިއާ އާއި އިންޑޮނީޝިއާގެ ގުޅުންތަކަށް މިކަމާ ގުޅިގެން ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އިންޑޮނީޝިއާ އަކީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން އޮސްޓްރޭލިއާއާ އެންމެ ގާތުގައި އޮންނަ ގައުމެވެ. އަދި ސްޓްރެޓެޖިކް ގޮތުން ދެ ގައުމުގެ ދެމެދުގައި މިހާތަނަށް އޮތީ ވަރަށް ގާތް ގުޅުމެކެވެ.

"ރިޕޯޓު ކުރެވިފައި ވާ ކަންތައްތަކަކީ އަވަށްޓެރި ދެ ދައުލަތެއްގެ ދެމެދުގައި އޮންނާން ޖެހޭ ފަދަ ގާތް، އަދި އެކުވެރިކަމުގެ ގުޅުމެއް ރިވެލި ކޮށްދޭ ކަންތައްތަކެއް ނޫން. އަދި އިންޑޮނީޝިއާގެ ސަރުކާރުން މިފަދަ ކަންކަން ޤަބޫލެއް ނުކުރާނެ." އިންޑޮނީޝިއާގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނުގައި ވެއެވެ.

އޮސްޓްރޭލިއާގެ އެމްބަސީތައް ބޭނުން ކޮށްގެން އެމެރިކާގެ ޖާސޫސީ ހަރަކާތްތައް ހިންގި ކަމަށް ބުނެ "ސިޑްނީ މޯރނިންގ ހެރާލްޑް" ގައި ޝާއިއު ކުރި ރިޕޯޓުތަކަށް މައުލޫމާތު ހޯދައިފައި ވަނީ މަޝްހޫރު ވިސްލްބްލޯވަރ އެޑްވަރޑް ސްނޯވޑަންގެ އިތުރުން، އޮސްޓްރޭލިއާގެ ޖާސޫސީ އިދާރާގައި ކުރީން މަސައްކަތް ކުރި ތަޖުރިބާކާރެއްގެ ފަރާތުން ލިބުނު މައުލޫމާތުތަކުންނެވެ. އެމެރިކާއިން ދުނިޔޭގެ އެތައް ގައުމުތަކެއްގައި ހިންގަމުންދާ ޖާސޫސީ ހަރަކާތްތަކާ ބެހޭ އެތައް މައުލޫމާތެއް ފަޅާ އަރުވައިލި އެޑްވަރޑް ސްނޯވޑަން މިހާރު ހުރީ ރަޝިއާގެ ހިމާޔަތުގައި އެ ގައުމުގައެވެ.