01 Nov 2013, 22:40
ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ ފިރިހެން ޑިވިޝަންގައި މިއަދު ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް ސޮސައިޓީއާ ވާދަކޮށް ސީދާ ތިން ސެޓުން ޕޮލިސް ކްލަބް މެޗު ކާމިޔާބު ކޮށްފައިވާއިރު މިރޭ ނައިފަރު ޖުވެނައިލްއާ ވާދަކޮށް ކްލަބް ޕީކޭ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ކުޅުނު ފިރިހެން ޑިވިޝަންގެ ގްރޫ އޭ ގެ މެޗުގައި ހުޅުމާލޭ ޔޫތު އަތުން ޕޮލިސް ކްލަބް ސެޓްތަށް ގެނައި ގޮތަށް ބަލާއިރު ފުރަތަމަ ސެޓް ގެނައީ 25-14 އިންނެވެ. އަދި ދެވަނަ ސެޓް 25-18 އިން ނިންމާފައިވާއިރު ތިންވަނަ ސެޓް ފަސޭހަކަމާއެކު ޕޮލިސް ކްލަބުން ނިންމާލީ 25-11 އިންނެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ، ޕޮލިސް ކްލަބްގެ ޖާޒީ ނަންބަރު 11 ހަސަން ނިލާމް އެވެ.
އެސޯސިއޭޝަން ކަޕްގައި މިރޭ ކުޅުނީ ފިރިހެން ޑިވިޝަންގެ ގްރޫޕް ބީގެ މެޗެކެވެ. އެމެޗުގައި ނައިފަރު ޖުވެނައިލްއާ ވާދަކޮށް ޕީކޭ ސެޓްތައް ނިންމި ގޮތަށް ބަލާއިރު ފުރަތަމަ ސެޓް އެޓީމުން ކާމިޔާބުކުރީ 25-16 އިންނެވެ. އެހެން ނަމަވެސް ޖުވެނައިލުން ކުޅުން ރަނގަޅުކުރުމުން ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ ފަހު ދެސެޓް ވެސް ޕީކޭއަށް ނިންމާލެވުނީ 25-21 އިންނެވެ.
ޕީކޭއާ ޖުވެނައިލް ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޕީކޭގެ އަޝްފާގު އާދަމް (އައްކަޅޭ) އެވެ.
އެސޯސިއޭޝަން ކަޕްގައި މާދަމާ ހަވީރު 4:30ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ އަންހެން ޑިވިޝަންގެ އައިލެންޑް އޯޝަން އާއި ކްއީން ސްޕޯޓްސް އެވެ. އަދި ރޭގަނޑު 8:30ގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ވާދަކުރާނީ ފިރިހެން ޑިވިޝަންގެ ގްރޫޕް އޭ ގެ ދިވެހި ސިފައިންގެ ކްލަބާއި ހުޅުމާލޭ ޔޫތު ޑިވެލޮޕްމަންޓް އެވެ.