ފިނޭންސް މިނިސްޓްރީން އިއްޔެ ނެރުނު ސާކިއުލާއާ ހިލާފަށް މި މަހު އެއްވެސް ހަރަދެއް ނުކުރުމަށާއި އެ ސާކިއުލާއާ ހިލާފަށް ހަރަދެއް ކުރަންވެއްޖެ ނަމަ އެ މިނިސްޓްރީގެ ހުއްދަ ހޯދުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކަށް ފިނޭންސުން އަންގައިފި އެވެ.


ފިނޭންސް މިނިސްޓްރީން އިއްޔެ ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ އެ ގޮތަށް ހަމަޖެއްސީ 2010 ވަނަ އަހަރުގެ ބަޖެޓްގައި ލިބޭނެ ކަމަށް ލަފާކޮށްފައިވާ އާމްދަނީ ތަފާތު ސަބަބުތަކާ ހުރެ ލިބުން ލަސްވަމުން ދިއުމާއި އަންދާޒާ ކޮށްފައިވާ އަދަދަށް ވުރެ އާމްދަނީ މަދުވުމުގެ ސަބަބުން ޑެފިސިޓް ކުޑަކުރުމަށް މިހާރު މަޖުބޫރުވެފައިވާ ކަމަށެވެ.


ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ސަރުކާރުގެ އިދާރާތަކުން ކުރާ ދަތުރުފަތުރުގެ ހަރަދު ކޮންޓްރޯލް ކުރުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން ރާއްޖޭގެ އެތެރޭގައި ކަނޑުމަގުންނާއި ވައިގެ މަގުން އަދި އެއްގަމުން ކުރާ ދަތުރުތަކުން މިހާރު ހަރަދު ނުކުރެވި ހުރި އައިޓަމްގެ ބާކީ 30 ޕަސެންޓަށް ކުޑަ ކުރުމަށް ވަނީ އެ ސާކިއުލާގައި އަންގައިފަ އެވެ.  


ހަމައެއާ އެކު ބޭރުގެ އެހީދޭ ފަރާތްތަކުން ދަތުރުގެ ހުރިހާ ހަރަދެއްދީގެން ކުރާ ދަތުރުތަކާއި ބޭރުގެ ހިލޭ, ލޯން އެހީގެ ޕްރޮގްރާމްގެ ދަށުން ކުރާ ދަތުރުތަކާއި ރާއްޖޭން ސޮއިކޮށްފައިވާ މުއާހަދާއެއްގެ ދަށުން ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވައި ރާއްޖޭން ބޭރަށް ކުރާ އެހެން ހުރިހާ ދަތުރުތަކެއް ހުއްޓާލުމަށް ވެސް ފިނޭންސް މިނިސްޓްރީން އަންގާފައިވެ އެވެ.


އެކިއެކި ފެއާގައި ބައިވެރިވުމުގެ ގޮތުން ކުރާ ދަތުރުތަކާއި ސްޓަޑީ ޓުއާ އާއި ޝޯޓް ޓާމް ޓްރެއިނިން ކޯސްތަކުގައި ބައިވެރިވުމުގެ ގޮތުން ކުރާ ދަތުރުތައް ހުއްޓާ ލުމަށް އެ ސާކިލާގައި ބުނެފައިވެ އެވެ.


ސަރުކާރުގެ އޮފީސްތައް ހިންގުމަށް ހޯދާ ތަކެއްޗާއި ހިދުމަތުގެ ހަރަދު ކޮންޓްރޯލް ކުރުމުގެ ގޮތުން އޮފީސް ހިންގުމަށް ހޯދާ ތަކެއްޗާއި ހިދުމަތްތަކުގެ ޖުމްލަ މިހާރު ހަރަދު ނުކުރެވި ހުރި އައިޓަމްތަކުގެ ބާކީ 50 ޕަސެންޓަށް ވުރެ ބޮޑު ނުވާނެ ހެން ހަރަދުތައް ހަމަޖެއްސުމަށާއި ޕީއެސްއައިޕީގައި ހިމެނޭ ކެޕިޓަލް ހަރަދުތައް ފިޔަވައި އެހެން ހުރިހާ ކެޕިޓަލް ހަރަދުތައް މިވަގުތަށް ހުއްޓާލުމަށް ވެސް ސަރުކާރުގެ އިދާރާތަކަށް ވަނީ އަންގައިފަ އެވެ.


"މަރާމާތާއި ބެލެހެއްޓުމުގެ ހަރަދު ވެސް 2500[ރ.] އިތުރުވާ ނަމަ މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ،" އެ ސާކިއުލާގައިވެ އެވެ.


ފިނޭންސް މިނިސްޓްރީގެ ސާކިއުލާގައި އިތުރަށް ބުނެފައި ވަނީ ހަރަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން އެމިނިސްޓްރީން ސަރުކާރުގެ އޮފީސްތަކުގެ ބަޖެޓްގެ ބައެއް އައިޓަމްތަކުން ފައިސާ އުނިކުރަމުންދާ ކަމަށާއި އުނިކުރެވޭ އެއްވެސް އައިޓަމަކުން އެމިނިސްޓްރީގެ ހުއްދައެއް ނެތި އެއްވެސް ހަރަދެއް ނުކުރެވޭނެ ކަމަށެވެ.


ބަޖެޓްގައި ފައިސާ ހުރި އައިޓަމްތަކުން އަހަރުގެ ނިޔަލަށް ހަރަދުކޮށް ހުސްކޮށްލުމުގެ ނިޔަތުގައި އެއްވެސް އޮފީހަކުން ހަރަދުކޮށްފިކަން އެމިނިސްޓްރީ އަށް ފާހަގަކުރެވިއްޖެ ނަމަ، އެހަރަދެއް ކުރުމަށް ހުއްދަދިން މީހަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް އެ ސާކިއުލާގައިވެ އެވެ.