ޕަސްކޯލް ވޮލީބޯލް އެސޯސިއޭޝަން ކަޕުގެ އަންހެން ޑިވިޝަންގައި ރޭ ޕޮލިސް ކްލަބާ ދެކޮޅަށް ކުޅެ 3-1 ސެޓުން ވެލޯޒިއާ މޮޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓް ޕޮލިސް ކްލަބުން ގެންދިޔައީ 22-25 އިންނެވެ. އެހެން ނަމަވެސް ފަހުން ކުޅުނު ވާދަވެރި ތިންސެޓް ވެސް ވެލޯޒިއާއިން ވަނީ ކާމިޔާބު ކޮށްފަ އެވެ. އެގޮތިން ދެވަނަ ސެޓް ވެލޯޒިއާއިން ކާމިޔާބުކުރީ 25-20 އިން، ތިންވަނަ ސެޓް 25-22 އަދި ހަތަރު ވަނަ ސެޓް 25-17 އިންނެވެ.

ރޭ ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލަބް ވެލޯޒިއާގެ ޖާޒީ ނަންބަރު 17 ފާތިމަތު ސަމާ އެވެ.

މިއީ މި މުބާރާތުގައި ޕޮލިސް ކްލަބް ބަލިވި ފުރަތަމަ މެޗެވެ. އަދި މި ނަތީޖާއާ އެކު ޕޮއިންޓް ތާވަލަށް ބަލައިލާއިރު ޕޮލިސް ކްލަބާއި ވެލޯޒިއާ ކޮންމެ ޓީމަކަށް ތިން މެޗު ކުޅެގެން ހަ ޕޮއިންޓް ލިބިފައިވާއިރު ދިވެހި ސިފައިންގެ ކްލަބް ކުޅުނު ދެމެޗު ކާމިޔާބު ކޮށްގެން އެޓީމުން ވެސް ވަނީ ހަ ޕޮއިންޓް ހޯދާފަ އެވެ.

ޖުމުލަ ފަސް ޓީމް ވާދަކުރާ، ލީގު އުސޫލުން ކުޅޭ މި މުބާރާތުގައި ބައިވެރިވާ އަނެއް ދެޓީމު ކަމަށްވާ އައިލެންޑް އޯޝަން ކްލަބާއި ކްއީސް ސްޕޯޓްސް ކްލަބަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި ދެން މެޗެއް ކުޅޭނީ، ހޮނިހިރު ދުވަހު ހަވީރު 4:30ގަ އެވެ. އެ މެޗުގައި ވާދަކުރާނީ، އައިލެންޑް އޯޝަން އާއި ކްއީން ސްޕޯޓްސް އެވެ.