01 Nov 2013, 17:56
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރަކަށް ނޭނގި އޭނާގެ އެ ކައުންޓުން 5000ރ. އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މީހަކު ހޯދަން ވީޑިއޯ އާއްމުކޮށްފި އެވެ.
ފުލުހުން މިއަދު އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ މީހަކީ މިއަހަރުގެ ސެޕްޓެމްބަރު 13ގައި ބީއެމްއެލްގެ ކަސްޓަމަރަކަށް ނޭނގި އޭނާގެ އެކައުންޓުން ފައިސާތަކެއް ނެގި ކަމަށް ބުނެ ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހެކެވެ. ފުލުހުން ބުނީ އެ މީހާ އެ ފައިސާތައް ވަގަށް ނަގާފައިވަނީ އެ ބޭންކްގެ މަޖީދީމަގު ބްރާންޗުން ކަމަށެވެ.
ފުލުހުން އާއްމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ފިޔާތޮށި ކުލައިގެ ޓީޝާޓަކާއި އަޅި ކުލައިގެ ސޯޓެއް ލައިގެން ހުރި ފިރިހެނަކު އޭޓީއެމް މެޝިން ހުންނަ ތަނަށް ވަދެގެން ކޭޝް ކާޑު މެޝިނަށް ލެއްވުމަށްފަހު، އެ ކާޑުގެ ބޭނުން ކުރެ އެވެ. ފުލުހުން އާއްމު ކޮށްފައިވާ 56 ސިކުންތުގެ ވީޑިއޯ ކްލިޕްގައި އޭޓީއެމުން އޭނާ ފައިސާ ނަގާތަނެއް ނުފެނެ އެވެ. ނަމަވެސް ކާޑުލެއްވުމަށްފަހު ކޯޑު ޖަހައި، ފައިސާ ނުކުންނަންދެން އިންތިޒާތުކޮށް އަތް ދިއްކޮށްގެން ހުންނަތަން ފެނެ އެވެ. ނަމަވެސް ޖީބަށް ކޮންމެ ވެސް އެއްޗެއް ލުމަށްފަހު، ސްލިޕްކޮޅު ޑަސްބިނަށް އެއްލާލުމަށްފަހު އެތަނުން ނުކުމެގެންދެ އެވެ.
https://www.youtube.com/watch?v=xSgsmobXOGY
ފުލުހުން އާންމުކޮށްފައިވާ މީޑިއޯއިން ފެންނަ މިހާއާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ އެ މައުލޫމާތު ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ނަމްބަރު 9790048 އަށް ގުޅައި ހިއްސާ ކުރުމަށް އެދިފަ އެވެ. އަދި ރާއްޖޭގެ ރަށަކުން ނަމަ އެ ރަށެއްގެ ޕޮލިސް ސްޓޭޝަން މެދުވެރިކޮށް އަދި ޕޮލިސް ސްޓޭޝަން ނެތް ރަށެއްގެ ނަމަ އެރަށެއްގެ ކައުންސިލް އިދާރާ މެދުވެރިކޮށް ފުލުހުން އެ މައުލޫމާތު އަންގައިދިނުމަށް ވެސް ވަނީ އެދިފަ އެވެ.