01 Nov 2013, 17:29
ދޮގެއް ވެސް ތެދެއްގެ ގޮތުގައި ތަކުރާރުކުރަމުން ގެންދިއުމުން ދޮގަކީ ތެދެއްގެ ގޮތުގައި ރައްޔިތުންގެ ހިތްތަކަށް ވަދެގެން އެބަދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
~
ނ. ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު މެންދުރުފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ވާދަވެރިން ރާއްޖޭގެ ރައްޔިތުންގެ އަގީދާ ނަގާލުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ނަޝީދު ވިދާޅޫވީ ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި އަބަދުވެސް މާތް ކުރެވިގެން ގޮސްފައި ވަނީ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް ކަމަށެވެ.
"ނެތް އެއްޗެއް ވެސް އޮންނާނެ ތާ އަބަދަށް އޮތް ކަމަށް އެ ވާހަކަ ދައްކައިފިނަމަ. ދޮގެއް އެއީ ތެދަކަށް ވަދެގެންދޭ އެ ދޮގު ތަކުރާރުކޮށް ކިޔަމުން ދިޔައީމަ. ރައްޔިތުންގެ ހިތްތަކަށް އެއީ ތެދެއްގެ ގޮތުގައި ވަދެގެން އެބަދޭ،" ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް ލިބިއްޖެ ނަމަ މިގައުމުގެ އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްލައި އެހެން ދީންތަކަށް ރާއްޖެ ހުޅުވާލުމަށް ފަސް ނުޖެހޭނެ ކަމަށް އަދާލަތުން ބުނެފައިވާ ވާހަކަތަކަށް ރައްދު ދެއްވައި ނަޝީދު ވިދާޅުވީ އެ ވާހަކަތަކަކީ ރާއްޖޭގެ ރައްޔިތުންގެ "ނިކަމެތި ބަލިކަށި ހިތްތަކާ" ކުޅެލުމަށް ވާދަވެރިން ދައްކަމުން ގެންދާ ވާހަކަތަކެއް ކަމަށެވެ.
ވާދަވެރިންގެ އެފަދަ ވާހަކަތައް ދައްކަނީ ރާއްޖެ ފަސާދަ ކުރުމަށް ކަމަށާއި އެ ވާހަކަތަކަކީ ރައްޔިތުންގެ ހިތްތަކުގައި ޝައްކު އުފެދެންވީ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމްޑީޕީ ބަލިވިޔަސް މޮޅުވިޔަސް ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނޯންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ހިތްތަކުގައި އަބަދުވެސް މާތް ކުރެވިފައިވަނީ މާތް ވެގެންވާ އިސްލާމް ދީނުގެ މަތިވެރި އުސޫލުތައް، އެމްޑީޕީގެ ސަރުކާރެއްގައި މިރާއްޖޭގައި އެހެން ދީނަކަށް ޖާގައެއް ނޯންނާނެ. އަޅުގަނޑުމެންގެ ރައްޔިތުންގެ ނިކަމެތި ބަލިކަށި ހިތްތަކާ ކުޅެލުމަށްޓަކައި އަޅުގަނޑުމެންގެ ވާދަވެރިން ދައްކަމުން ގެންދާ ވާހަކަތަކަކީ މިރާއްޖެ ފަސާދަ ކުރުމަށްޓަކައި ދައްކަމުން ގެންދާ ވާހަކަތަކެއް،" އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް ނަޝީދު ވިދާޅުވި އެވެ. "އެމްޑީޕީން ބަލިވިޔަސް މޮޅުވިޔަސް މިރާއްޖޭގައި އިސްލާމްދީން ނޫން ދީނެއް ނޯންނާނެ. އެއީ އަޅުގަނޑުމެންގެ ހިތްތަކުގައި ޝައްކު އުފެދެންވީ ކަމެއް ނޫން. ޝައްކު އުފެދެނީ ވާދަވެރިން އަޅުގަނޑުމެންގެ ތެރޭގައި ތާއަބަދު އެވާހަކަތައް ތަކުރާރު ކުރަމުން ގެންދާތީ."