ދައުލަތުގެ ބަޖެޓް އިންތިހާ އަށް ތާށިވެފައިވާ ދަނޑިވަޅެއްގައި ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 ސެކިއުރިޓީ މީހުން ހޯދުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ފައިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

ސަން އަށް ދެއްވި އިންޓަވިއުއެއްގައި ޖިހާދު މިއަދު ވިދާޅުވީ މިހާރު ވެސް "މި އުޅެނީ ތެޔޮ ގަންނާނެ ލާރި ވެސް ނެތިގެން" ކަމަށާއި އެ ހާލަތުގައި ގައުމު އޮއްވައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް އެ ފައިސާ ދޫކުރާނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށެވެ. އަދި އެމްއެމްއޭ އިން މިހާރު އެހެން ކަންކަމަށް ވެސް ފައިސާ ދޫކުރުމަށް ދެކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހަށް ސެކިއުރިޓީން ހޯދުމަށް އިއުލާން ކުރާނީ އެ މަޖިލީހުގެ ބަޖެޓުން އެ ކަމަށް ހަރަދު ކުރެވޭތީ ނޫންތޯ ދެންނެވުމުން މިނިސްޓަރު ވިދާޅުވީ "މިހާލަތުގައި ބަޖެޓަކީ އިރަލަވަންޓް އެއްޗެއް (މާނައެއް ނެތް އެއްޗެއް) ކަމަށެވެ.

މި ދަނޑިވަޅުގައި ދައުލަތުގެ ހުރިހާ މުއައްސަސާ އަކަށް ވެސް ލާޒިމުވެގެން ވާނީ ހަރަދު ކުޑަކޮށް ބަޖެޓް ދެކޮޅު ޖެއްސުމަށް އެއްބާރުލުން ދިނުމަށް މަސައްކަތް ކުރުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސެކިއުރިޓީ މިހާތަނަށް ބަލަހައްޓަމުން އައީ އެމްއެންޑީއެފުންނެވެ. ނަމަވެސް އިއްޔެ ރައްޔިތުންގެ މަޖިލީހުން އިއުލާނުކޮށްފައި ވަނީ އެ މަޖިލީހުގެ ސެކިއުރިޓީ ބެލެހެއްޓުމަށް 100 މީހުންނާއި ޑެޕިއުޓީ ސާޖަންޓް އެޓް އާމްސްގެ ދެ މީހުންނާއި އެސިސްޓެންޓް ސާޖަންޓް އެޓް އާމްސްގެ ހަތަރު މީހުން ހޯދުމަށެވެ.

އެ މީހުންގެ މުސާރަ އާއި އެލަވަންސްތަކަށް މަހަކު 1.55 މިލިއަން ރުފިޔާ އަދި އަހަރަކު 18.5 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދުވާނެ އެވެ.