ވޮޝިންޓަން (ނޮވެމްބަރު 1): ސޫރިޔާގެ އައްލާޛިގިއްޔާގެ ކައިރީގައިވާ ޢަސްކަރީ މަރުކަޒެއްގައިވާ ރޮކެޓްތަކަކަށް އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ހަމަލާދީފި އެވެ.

އެމެރިކާގެ ޓީވީ ނެޓްވާކެއް ކަމަށްވާ ސީއެންއެން ބުނާ ގޮތުން އިސްރާއީލުން ޙަމަލާދީފައި ވަނީ ރަޝިޔާ އިން ސޫރިޔާ އަށް ފޯރުކޮށްދީފައިވާ މިސައިލް ނިޒާމަކަށެވެ. މިނިޒާމް ރައްކާކޮށްފައި ވަނީ މެޑިޓަރޭނިޔަން ކަނޑުގެ އައްސޭރިފަށުގައިވާ ސޫރިޔާގެ ސިޓީއެއް ކަމަށްވާ އައްލާޛިގިއްޔާގެ ކައިރީގައިވާ ޢަސްކަރީ މަރުކަޒެއްގައި ކަމަށްވެ އެވެ. މިޙަމަލާދިން ކަމަށް އިސްރާއީލުން އެއްބަސްނުވި ނަމަވެސް އިސްރާއީލުގެ މީޑިޔާ އިން ވަނީ އިސްރާއީލުގެ ޢަސްކަރީ މަތިންދާބޯޓުތަކުން ސޫރިޔާއަށް ޙަމަލާދިން ކަމަށް ބުނެފަ އެވެ.

އެމެރިކާގެ މަސްއޫލުވެރިއަކު ވަނީ އިސްރާއީލުން ޙަމަލާދިނީ ލުބްނާނުގެ ހިޒްބުﷲ ޖަމާއަތަށް ފޯރުކޮށްދޭނެ ކަމަށް ބެލެވިފައިވާ މިސައިލްގެ ޝިޕްމަންޓަކަށް ކަމަށް ބުނެ އިސްރާއީލުގެ މިޢުދުވާން ދިފާޢުކޮށް ވާހަކަ ދައްކާފަ އެވެ. އިސްރާއީލަކީ ދޭތެރެއަކުން އެކި ބަހަނާތަކުގައި ސޫރިޔާ އަށް އިސްވެ ޙަމަލާދީ އުދުވާން ހިންގަމުންގެންދާ އަދި ބައިނަލްއަޤްވާމީ ގާނޫނާއި ގަވާއިދަށް ބޯނުލަނބާ ހަރުކަށި ގައުމެކެވެ.

އިސްރާއީލުން ވަނީ ފަލަސްތީނުގެ ބިމާއި ސޫރިޔާގެ ގޯލާންގެ ބިންތައްވެސް ހިފާފަ އެވެ. އަދި އިސްރާއީލަކީ ނިއުކްލިޔާ ހަތިޔާރު ވެސް ސިއްރިޔާތުގައި އުފައްދައި އަވަށްޓެރި އަރަބި އިސްލާމީ ގައުމުތަކަށް އެއިން ބިރުދައްކަމުން ގެންދާ އަދި ފަލަސްތީނުގެ ރައްޔިތުން މިނިވަންކަމާ ދެކޮޅަށް ކުރާ ޖިހާދު ހުއްޓުވުމަށް އިންސާނިއްޔަތާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގަމުން ގެންދާ ގައުމެއް ވެސް މެ އެވެ. އިސްރާއީލުގެ މިޙަމަލާތަކާ ބެހޭ ގޮތުން ސޫރިޔާ ސަރުކާރު އަދި ވަކިއެއްޗެއް ބުނެފައެއް ނުވެ އެވެ. (އަލްޖަޒީރާ)