ލަންޑަން (ނޮވެމްބަރ 1): ޕާކިސްތާނުގެތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތައް ފަށައިފިކަން އެގައުމުގެ ބޮޑުވަޒީރު ނަވާޒް ޝަރީފު ހާމަކުރައްވައިފި އެވެ.

އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އިނގިރޭސި ބޮޑުވަޒީރުގެ ނައިބު ނިކް ކްލެގް އާ ބައްދަލުކުރައްވައި ދެއްކެ ވިވާހަކަތަކުގައި ނަވާޒް ޝަރީފު ވަނީ މިއީ ޕާކިސްތާނަށް ހަމަޖެހުމާއި ސުލްޙަ ގެނައުމުގެ ގޮތުން ސަރުކާރުން ފެށި ވާހަކަތަކެއް ކަމަށާ މިވާހަކަތައް ކާމިޔާބުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. ލަންޑަންގައި ހުންނަ ޕާކިސްތާނުގެ ހައިކޮމިޝަން އިން އިއްޔެ ނެރުނު ބަޔާނެއްގައި، ޕާކިސްތާން ސަރުކާރުން ތާލިބާން ޖަމާއަތާ އެކު ސުލްޙައިގެ ވާހަކަތައް ފެށިކަން ނަވާޒް ޝަރީފު ކަށަވަރުކޮށްދެއްވާފައިވާ ކަމަށް ބުނެފައިވެ އެވެ.
މިދިޔަ މޭ މަހު ޕާކިސްތާނުގެ ބޮޑުވަޒީރު ކަމަށް ނަވާޒް ޝަރީފު އިންތިޚާބުވެވަޑައިގަތުމަށް ފަހު އޭނާ ވަނީ ޕާކިސްތާނަށް ދާޚިލީ ހަމަޖެހުމާއި ސުލްޙަ ގެނައުމަށް ޓަކައި ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ފަށަންގަސްދުކުރައްވާކަން ހާމަކުރައްވާފަ އެވެ. އޭގެކުރިން އިންތިޚާބުގެ ކޭންޕޭންގައި ވެސް ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ދައްކައިގެން ޕާކިސްތާނަށް ހަމަޖެހުމާއި ސުލްޙަ ގެނައުމަށް ނަވާޒް ޝަރީފު ވައުދުވެ ވަޑައިގެންފައިވެ އެވެ.

ތާލިބާނުން ކުރިން ވަނީ ޕާކިސްތާނުގެ ގަބީލާ ސަރަހައްދުތަކަށްއެމެރިކާ ދެމުންގެންދާ ވައިގެ ޙަމަލާތަކަކީ ޕާކިސްތާނުގެ ސަރުކާރުތައް އަޑީގައި އޮވެގެން ކުރިޔަށްގެންދާ ހަމަލާތަކެއް ކަމަށް ސިފަކޮށް އެޙަމަލާތައް ހުއްޓުމަކަށް ނުގެންނަނީސް ޕާކިސްތާން ސަރުކާރާ ސުލްޙައިގެ ވާހަކަތައް ނުފަށާނެކަމަށް ބުނެފަ އެވެ. ނަވާޒް ޝަރީފު ވަނީ އެމެރިކާގެ ވައިގެ ޙަމަލާތައް ހުއްޓުވުމާބެހޭ ގޮތުން މިދިޔަ ހަފްތާގައި ވޮޝިންޓަންގައި އެމެރިކާގެ ރައީސް ބަރަކް އޮބާމާއާ އަދި އެމެރިކާގެ އިސްއެހެން މަސްއޫލުވެރިންނާ މަޝްވަރާތަކެއް ކުރައްވާފަ އެވެ.

ތާލިބާނުންނަކީ ޕާކިސްތާނުގައި ބޮންގޮއްވުމާއި ތަންތަނަށް ޙަމަލާދިނުމާއި ކުށެއްނެތް މީހުން ގަސްދުގައިމެރުމުގެ ހަރުކަށި އަމަލުތައް ހިންގަމުން ގެންދާ ޖަމާއަތެކެވެ. ތާލިބާނުން ޕާކިސްތާނުގެ ސަރުކާރުތަކާ ދެކޮޅަށް ހަނގުރާމަ އިޢްލާންކޮށްފައި ވަނީ ޓެރަރިޒަމާ އިދިކޮޅު ނަމުގައި އަފްޣާނިސްތާނާއި ޕާކިސްތާނުގައި އެމެރިކާ ހިންގަމުންގެންދާ ހަރުކަށި އަދި މީހުން މެރުމުގެ ޖަރީމާތަކަށް ޕާކިސްތާނުގެ ސަރުކާރުން ވާގަވެރިވެ އެއްބާރުލުން ދިނުމުގެ ސަބަބުން ކަމަށް އެޖަމާއަތުން ބުނެ އެވެ. އެމެރިކާގެ ޙަމަލާތަކެކޭ އެއްގޮތަށް ތާލިބާނުންގެ ޙަމަލާތަކުގައި ވެސް ގިނައިން މަރުވަމުންދަނީ ކުށެއްނެތް އާންމުންނެވެ.
ޕާކިސްތާން ތާލިބާނުންގެ ޒަޢީމް ޙަކީމުﷲ މަހްސޫދު ދާދިފަހުން ވަނީ ޕާކިސްތާނަށް ދާޚިލީ ސުލްޙަ އާއި ހަމަޖެހުން ގެނައުމަށް ބޭނުންވާ ކަމަށް ވިދާޅުވެ ނަވާޒް ޝަރީފުގެ ސަރުކާރާ ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. މިގޮތުން ޕާކިސްތާން ސަރުކާރުން ސުލްހައިގެ ހުށަހެޅުމެއް ހުށަހަޅައިފި ނަމަ ސުލްޙައަށް ޓަކައި ތާލިބާނުން ހުށަހަޅަން ޖެހޭ ޝަރުތުތައް ހުށަހަޅާނެ ކަމަށް ހަކީމުﷲ މަހްސޫދު ވިދާޅުވެފައިވެ އެވެ.

ހަކީމުﷲގެ ޒަޢާމަތުގެ ދަށުން ތާލިބާނުންގެ ހަތިޔާރުއެޅި 30 ޖަމާއަތެއް ޕާކިސްތާނުގެ އެކިކަންކޮޅުތަކުގައި ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަމުން ގެންދެ އެވެ. ތާލިބާނުންނާ އެކު ސުލްޙައިގެ ވާހަކަތައް ފަށައިފިކަމަށް ވިދާޅުވެ ނަވާޒް ޝަރީފު ދެއްކެވި ވާހަކަތަކާ ބެހޭ ގޮތުން ތާލިބާނުން އަދި ވަކިއެއްޗެއް ބުނެފައެއްނުވެ އެވެ. (އަލްޖަޒީރާ)