01 Nov 2013, 12:33
ރިޔާސީ އިންތިހާބާ ބެހޭ ޝަކުވާތައް ހުށަހެޅުމަށް އައްޑޫ ސިޓީގަ އާއި އަތޮޅުތަކުގައި އިލެކްޝަންގެ ކޮމްޕްލެއިންޓްސް ބިޔުރޯތައް އުފައްދައިފި އެވެ.
އިލެކްޝަނުން ބުނީ ރިޔާސީ އިންތިހާބާ ބެހޭ ޝަކުވާތައް ބެލުމަށް އިއްޔެ ގާއިމްކޮށްފައިވާ ބިއުރޯތައް އަންނަ ނޮވެމްބަރު މަހުގެ 16 ގެ ނިޔަލަށް ގާއިމްކޮށްފައިވާނެ ކަމަށެވެ.
ށ. އަތޮޅާއި ޏ. އަތޮޅު ފިޔަވައި އައްޑޫ ސިޓީ އާއި އެހެން ހުރިހާ އަތޮޅެއްގައި އިލެކްޝަން ކޮމްޕްލެއިންޓްސް ބިއުރޯ ގާއިމްކޮށްފައި ހުންނާނީ ކައުންސިލް އިދާރާތަކުގައި ކަމަށް އިލެކްޝަނުން ބުންޏެވެ. އަދި ށ. އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯ ހިނގަމުންދާނީ ށ. ފުނަދޫ، އަތޮޅުވެހި 1 ވަނަ ފަންގިފިލާގައި ކަމަށާއި ޏ. އަތޮޅު ކޮމްޕްލެއިންޓްސް ބިޔުރޯ ހިނގަމުންދާނީ ޏ. އަތޮޅުގޭގައި ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ ކޮމްޕްލެއިންޓްސް ބިޔުރޯތައް ހުޅުވިފައި ހުންނާނީ އަންނަ ނޮވެމްބަރު 16 އާ ހަމައަށް ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 08:00 އިން 15:00 އަށެވެ. އަދި ހުކުރު ދުވަސްތަކުގައި ކޮމްޕްލެއިންޓްސް ބިޔުރޯތައް ހުޅުވިފައި ހުންނާނީ މެންދުރުފަހު 14:30 އިން 17:00 އަށެވެ.
އިންތިހާބާ ބެހޭ ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޝަކުވާ ހުށަހެޅުމަށް ހަމަޖެހިފައިވާ ފޯމްގައި ކަމަށާއި އެ ފޯމް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި އިންތިހާބާ ބެހޭ ގައުމީ ކޮމްޕެލެއިން ބިއުރޯއިން ނާއި އަތޮޅުތަކުގެ ކޮމްޕްލެއިންޓްސް ބިއުރޯތަކުގެ އިތުރުން ރަށްރަށުގައި ގާއިމްކޮށްފައިވާ އެ ކޮމިޝަންގެ ފޯކަލް ޕޮއިންޓްތަކުން ލިބެން ހުންނާނެ ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ