01 Nov 2013, 12:04
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރު ހަ މަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމަށް އެމްޑީޕީން ފާޑުކިޔައިފި އެވެ.
އެމްޑީޕީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޯޓު އަމުރަށް ނުކިޔަމަންތެރިވީ ކަމަށް ބުނެ، ހާމިދު ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމް ކުރިއިރު، މީގެ ކުރިން އެފަދަ ހާލަތްތަކުގައި އަމަލުކުރެވެމުން އައިސްފައި ވަނީ 75ރ. އިން ޖޫރިމަނާކުރުން ނުވަތަ ހަތަރު މަސް ދުވަހަށް ޖަލަށްލުން ކަމަށެވެ. ވޭތުވެދިޔަ އަށް އަހަރު ދުވަހުގެ ތެރޭ އެއްވެސް މީހަކު އެފަދަ މައްސަލައެއްގައި ހަ މަސް ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައި ނުވާ ކަމަށް އެމްޑީޕީން ބުންޏެވެ.
ކްރިމިނަލް ކޯޓުގެ ހުކުމް ކުށްވެރިކުރާ ކަމަށް ފާހަގަކޮށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވަނީ ހާމިދުގެ މައްޗަށް އިއްޔެ އިއްވި ހުކުމަކީ، މަޖިލީހުން އެމްޑީޕީއަށް ލިބިފައިވާ މެޖޯރިޓީ ގެއްލުވާލުމަށް ޝަރުއީ ދާއިރާއިން ފަށައިފައިވާ ސިޔާސީ ކަމެއް ކަމުގަ އެވެ.
"އިއްޔެ އިއްވި ހުކުމަކީ، ދިވެހިރާއްޖޭގެ އަދުލުއިންސާފުގެ ނިޒާމުން އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުން ލިބިފައިވާ މެޖޯރިޓީ ގެއްލުވާލުމަށް ފަށައިފައިވާ ސިޔާސީ ކަންތައްތަކުގެ ތެރެއިން އެކަމަށް އިތުރުވި ކަމެކެވެ. މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވަނީ ޚިޔާލު އުފެދިފައިވާ ދަރަނީގެ މައްސަލައެއްގައި އެމްޑީޕީގެ ޕާރލިމެންޓްރީ މެންބަރު ޢަލީ އާޒިމް އާއި ޑީއާރްޕީގެ މެންބަރު މުޙައްމަދު ނާޝިޒް، އެ ބޭފުޅުންގެ ޣައިރު ހާޒިރުގައި ޙުކުމްކޮށްފައެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.
ހާމިދުގެ ޣައިރު ހާޒިރުގައި އިއްޔެ ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާތީ އެމްޑީޕީން ބުނީ ޣައިރު ހާޒިރުގައި ހުކުމް އިއްވުން، ފެށި ގާނޫނު އަސާސީ ތަސްދީގު ކުރި ހިސާބުން، ހުއްޓައިލައިފައިވާ ކަމަށެވެ.
ހާމިދުގެ މައްސަލަ ކްރިމިނަލް ކޯޓުން ޝެޑިއުލް ކުރަނީ މަޖިލީހުގެ ޖަލްސާތަކާއި ބައްދަލުވުންތައް އޮންނަ ވަގުތުގައި ކަމަށް އެމްޑީޕީން ބުންޏެވެ. ނަމަވެސް މަޖިލިސް ކުރާގެއިން ހާމިދު ނުނިކުންނަވައި ހުންނަވާތާ އަށް ދުވަސް ވެއްޖެ އެވެ.
އިމްތިޔާޒު ގާނޫނުގެ 11 ވަނަ މާއްދާގެ (ހ) ބުނެފައި ވަނީ މަޖިލީހުގެ ޖަލްސާއަކަށް ނުވަތަ ކޮމެޓީއަކަށް ނުވަތަ މަޖިލީހުގެ މަސައްކަތަށް ހުރަސް އެޅޭގޮތަށް ކޯޓުތަކާއި އެހެނިހެން ވެސް އިދާރާތަކަށް މެންބަރަކު ހާޒިރު ކުރުމަކީ މަނާކަމެކެވެ. އެ މާއްދާގެ (ށ)ގައި ބުނެފައި ވަނީ މެމްބަރަކު މަޖިލީސް ކުރާ ގޭގައި ހުއްޓާ ޝަރީއަތަކަށް ނުވަތަ ތަހުގީގަކަށް ހާޒިރުވުމަށް އަންގާ ލިޔުން އެ މެމްބަރަކާ ހަވާލުކުރުމަކީ މަނާކަމެކެވެ.
މަޖިލިސް ކުރާގޭގައި މެންބަރަކު ހުންނަ ވަގުތުގައި ޝަރީއަތަށް ހާޒިރުވުން، މެންބަރުންގެ އިމްތިޔާޒު ގާނޫނުން މަނާކޮށްފައިވާ މާއްދާއަށް އިސްލާހު ހުށަހެޅުމަށް ޖުމްހޫރީ ޕާޓީން ވަނީ މަޖިލީހަށް ބިލެއް ވައްދާފަ އެވެ. އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު ޝިފާގު މުފީދު (ހިސްޓޯ) އެވެ.