ޑީއާރުޕީގެ އެތެރޭގައި ބައިބައިވުން އުފެއްދުމަށްޓަކައި ޕާޓީގެ އިސް ސަފުގައި ހަރަކާތްތެރިވާ ބޭފުޅުން ކުރަމުންދާ މަސައްކަތް ހުއްޓާލުމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލް މެންބަރުން ގޮވާލައިވައިފި އެވެ.


އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕާއި އެ ޕާޓީގެ ކައުންސިލް މެންބަރުން އިންތިޒާމްކޮށްގެން ނަސަންދުރާ ޕެލެސް ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވިދާޅުވީ ޕާޓީ ބައިބައި ކުރުމަށް ކުރާ މަސައްކަތަކީ އެމްޑީޕީ އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށެވެ. އަދި ޕާޓީގެ ޒައީމް އަދި ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުގައްޔޫމާއި އެ ޕާޓީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ބެހޭ ގޮތުން ދައްކާ ވާހަކަތަކަކީ ޕާޓީ ބައިބައި ކުރުމަށް ދައްކާ ދޮގު ވަހަކަތަކެއް ކަމަށާއި އެކަމަށް ޕާޓީގެ މެންބަރުން ހޭލާ ތިބުމަށް އަލީ ވަހީދު ގޮވައިލެއްވި އެވެ.


ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ރިޔާސީ އިންތިހާބާ ދިމާކޮށް ޕާޓީ ބައިބައި ކުރުމަށް ދޮގު ވާހަކަތަކެއް ބަޔަކު ފެތުރިނަމަވެސް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް ޕާޓީގެ ތާއިދު އޮންނާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި ޕާޓީގެ ހައްގުގައި ކުރަން ޖެހޭ ކޮންމެ ކަމެއް ކުރުމަށް އެ ބޭފުޅުން ތައްޔާރަށް ތިއްބެވި ކަމަށާއި އެއްވެސް ބޭފުޅަކު ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ދައްކައިގެން ޕާޓީ "އަންޑާމައިން" ކުރަން މަސައްކަތް ނުކުރުމަށް އަލީ ވަހީދު ގޮވައިލެއްވި އެވެ.


"އަޅުގަނޑުމެން އެދެނީ ޕާޓީގެ ހުރިހާ ގުނަވަންތަކުގައި ވެސް މަސައްކަތް ކުރާ ބޭފުޅުން އެންމެން އެކަތި ގަނޑަކަށް ވެގެން މަސައްކަތް ކުރުމަށް. ޕާޓީ ކޮންގްރެސްއިން ކަނޑައަޅާފައިވާ ލީޑަރުގެ، ލީޑާޝިޕް އަންޑާމައިން ކުރުމަށް މަސައްކަތް ކުރުމަކީ އަޅުނޑުމެންނަށް ގަބޫލު ކުރެވޭނެ ކަމެއް ނޫން. އަދި އެ އަމަލްތައް ހުއްޓާލުމަށް އަޅުގަނޑު އެދެން. އަދި ޕާޓީ ބައިބައި ކޮށްލުމަށް ކުރާ މަސައްކަތަކީ ކުރެވޭނެ ކަމެއް ނޫން." އަލީ ވަހީދު ވިދާޅުވި އެވެ.


ޑީއާރުޕީ ބައިބައި ކުރުމަށް ކުރާ މަސައްކަތަކީ ސަރުކާރު ހިންގާ ޕާޓީ އަޑީގައި އޮވެގެން ކުރާ ކަމެއް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު ނިހާން ހުސެން މަނިކު ވިދާޅުވީ އަތޮޅުތަކުގައި ތިބި އެ ޕާޓީގެ އިސް މެންބަރުންނަށް ޕާޓީގެ ލީޑާޝިޕާ ބެހޭ ގޮތުން ދޮގު މައުލޫމާތުތައް އެސްއެމްއެސްގެ ޒަރިއްޔާ އިން ދެމުންދާ ކަމަށެވެ. އަދި އެކަން އެ ޕާޓީން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.


ނޫސްވެރިންގެ އެ ބައްދަލުވުމުގައި ޑީއާރުޕީގެ ޕާލަމެންޓްރީ ގްރޫޕްގެ 10 މެންބަރުންނާއި އެ ޕާޓީގެ ކައުންސިލުގެ ތިން މެންބަރުން ބައިވެރިވެ ވަޑައިގެންނެވި އެވެ.