01 Nov 2013, 11:08
ހުޅުމާލޭގައި ދިރިއުޅޭ ޒުވާނުންގެ މެދުގައި އެކުވެރިންކަން ބަދަހިކުރުމުގެ ގޮތުން ޖުމްހޫރީ ޗެލެންޖްގެ ނަމުގައި ބައިބަލާ މުބާރާތެއް ފަށަފި އެވެ.
މުބާރަތް ރަސްމީކޮށް ހުޅުވާދެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސި ކެންޑިޑޭޓް ގާސިމް އިބްރާހިމް އެވެ.
ހުޅުމާލޭ ހުންނަ ލާލޭ އިންޓަނޭޝަނަލް ސްކޫލާ އިންވެގެން އޮންނަ ހުސް ބިމުގައި ބުރާސްފަތި ދުވަހުގެ ރޭ ފެށި މިމުބާރާތުގައި ޖުމްލަ ފަސް ޓީމް ވާދަކުރެއެވެ.
މުބާރާތުގައި ވާދަކުރާ ފަސް ޓީމަކީ ބަޖިޔޭ އާއި ހުޅުމާލޭ ޕްރޯ ސްޕޯޓްސް ކުލަބާއި ޕްރޯސްޕާޓަންސް އާއި ރެޑްކޮޒްސް އަދި ލައިކަންސް އެވެ.
މުބާރާތުގައި ރޭ ވަނީ ޖުމްލަ ހަތަރު މެޗެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ލައިކަންސް އާއި ޕްރޯސްޕާޓަންސް ބައްދަލުކުރި މެޗް ކަމިޔާބުކުރީ ޕްރޯ ސްޕާޓަންސް އިންނެވެ. ދެ ވަނަ މެޗް ޕްރޯ ސްޕޯޓްސް އާއި ރެޑްކޮޒްސް ބައްދަލުކުރި މެޗް ކާމިޔާބުކުރީ ޕްރޯ ސްޕޯޓްސް ކުލަބުންނެވެ. ތިން ވަނަ މެޗުގައި ލައިކަންސް އާއި ބަޖިޔޭ ބައްދަލުކުރި މެޗް ކަމިޔާބު ކުރީ ބަޖިޔޭ ޓީމުންނެވެ. އަދި ހަތަރު ވަނަ މެޗުގައި ޕްރޯ ސްޕޯޓްސް ކުލަބައި ޕްރޯ ސްޕާޓަންސް ބައްދަލުކުރި މެޗް ކާމިޔާބު ކުރީ ޕްރޯ ސްޕޯޓްސް ކުލަބުންނެވެ.
ޖުމްހޫރީ ޗެލެންޖްގެ ނަމުގައި ހުޅުމާލޭގައި ކުރިއަށްދާ ބައިބަލާ މުބާރާތުގައި މިރޭ ވެސް ޖުމްލަ ހަ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގައި ވާދަކުރާ ޕްރޯ ސްޕޯޓްސް ކުލަބަކީ ހުޅުމާލޭގެ އަމިއްލަ ޖަމްއިއްޔާއެއް ކަމަށްވާ ހައިޑާއިން މީގެ ކުރިން ބޭއްވި ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފައިވާ ކުލަބެކެވެ.