01 Nov 2013, 09:29
ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު އަލީ އާޒިމް ގޭ ބަންދަށް ބަދަލުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އާޒިމް ގޭ ބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށާއި އާޒިމް ގޭ ބަންދަށް ބަދަލުކުރީ ފުލުހުންގެ ބަންދުގައި ހުންނަ މީހުން ގޭ ބަންދަށް ބަދަލުކުރަމުން އަންނަ އުސޫލުން ކަމަށެވެ.
"ފުލުހުންގެ ތަހުގީގަށް ކުރިއެރުން ލިބެމުން އަންނަ މިންވަރަކަށް ބަލައި އާޒިމް ބަދަލުކުރީ،" އޮފިޝަލް ވިދާޅުވި އެވެ.
އާޒިމް ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަން ބަޔާންކޮށް އޭނާ އިއްޔެ ކުރައްވާފައިވާ ޓުއިޓެއްގައި ވިދާޅުވެފައިވަނީ އޭނާ ދޫނިދޫ ޖަލުން ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް އެހީވި މީހުންނަށް އަޒީމް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
ކްރިމިނަލް ކޯޓުން އާޒިމްގެ ބަންދަށް 15 ދުވަސް ޖެހުމުން އެނާގެ ފަރާތުން އެ މައްސަލަ ވަނީ އިސްތިއުނާފަށް ހުށަހަޅައިފަ އެވެ.
ފުލުހުން އާޒިމް ހައްޔަރުކޮށްފައި ވަނީ ސާބިތު ދަރަންޏެއް އޮތް ކަމަށް ސާބިތުވެގެން ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނިކޮށް މަޖިލީހުގެ ގޯތިތެރެއަށް ވަދެ ސިފައިންނަށް ހަމަލާދީ ސިފައިންގެ އަމުރަށް ނުކިޔަމަންތެރިވެ ގަދަކަމުން މަޖިލީސް ތެރެއަށް ވަންނަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.