ސޯޅަ އަހަރުގެ އަންހެން ކުއްޖަކު ރޭޕްކުރި ކަމުގެ ތުހުމަތުގައި ކެންޔާގައި ހައްޔަރުކުރި ތިން ފިރިހެނުންނަށް އަދަބެއްގެ ގޮތުގައި ވިނަ ކޮށަން ޖެއްސުމުން އެކަމާ ދެކޮޅަށް ގިނަ ބަޔަކު މުޒާހަރާކުރަން ފަށައިފި އެވެ.

ބީބީސީއިން ބުނީ މިތިން ފިރިހެނުންނަކީ ސޯޅަ އަހަރުގެ އަންހެން ކުއްޖަކު މަގުމަތީގައި ރޭޕްކުރުމަށްފަހު ކާނުގަނޑެއްގެ ތެރެއަށް އެއްލާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ތިން މީހުން ކަމަށެވެ.

އެ ހާދިސާގައި ނަފްސާނީ ގޮތުން ބޮޑު ގެއްލުމެއް ލިބުމުގެ އިތުރުން ކާނުގަނޑަށް އެއްލާލުމުގެ ސަބަބުން އަންހެން ކުއްޖާގެ މައިބަދަ ބިއްދައިގެން ގޮސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ފުލުހުން މިތިން މީހުންނަށް އަދަބެއްގެ ގޮތުގައި ވިނަ ކޮށަން ޖެއްސުމަށްފަހު ތިން މީހުން ވަނީ ދޫކޮށްލާފަ އެވެ.

އެ މައްސަލާގައި އާއްމުންގެ ބަޔަކު އެކުލަވާލި ޕެޓިޝަނެއްގައި ކެންޔާގެ 1.2 މިލިއަން މީހުން ވަނީ ސޮއިކޮށްފަ އެވެ. އަދި އިއްޔެ ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ހިނގާލުމެއްގައި އެ ޕެޓިޝަން ކެންޔާގެ ނައިރޯބީގައި ހުންނަ ޕޮލިސް ހެޑްކުއާޓާޒްއަށް ހަވާލުކޮށްފައިވާ ކަމަށް ބީބީސީއިން ބުނެ އެވެ.

ކުއްޖާ ހިމާޔަތްކުރުމުގެ ގޮތުން ނަން ސިއްރުކުރުމަށް ފަހު "ލިޒް" ގެ ނަމުން މީޑިއާގައި މުހާތަބުކުރެވެމުންދާ 16 އަހަރުގެ ކުއްޖާ ރޭޕްކޮށްފައި ވަނީ ކެންޔާގެ ހުޅަނގުގައި ހުންނަ ބުސިއާ ކިޔާ އަވަށެއްގައި ކާފައެއް ވަޅުލުމަށް ބޭއްވި ޖަނާޒާގައި ބައިވެރިވުމަށްފަހު ގެއަށް ދިޔަ މަގުމަތީގަ އެވެ.

މި ހަމަލާގައި ހަ މީހަކު ވެގެން އެކި ފަހަރު މަތިން ލިޒް ރޭޕްކޮށްފައިވާ ކަމަށްވެ އެވެ. ރޭޕްކުރަމުންދަނިކޮށް ލިޒް ހޭނެތުމުން، އެކަން ކުރި މީހުން ވަނީ އޭނާގެ ހަށިގަނޑު ކާނުގަނޑެއްގެ ތެރެއަށް އެއްލާލާފަ އެވެ.

އެ ހާދިސާއަށް ފަހު ލިޒްއަށް ނުހިނގޭ ކަމަށާއި އޭނާ އުޅެން ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ހޭއެރުމަށް ފަހު، ރޭޕްގައި ބައިވެރިވި މީހުންގެ ތެރެއިން ލިޒްއަށް ކާކުކަން ބުނެދޭން އެނގުނީ ތިން މީހެކެވެ. މިތިން މީހުން ހިފަހައްޓާ ފުލުހުންނާ ހަވާލުކުރީ ބުސިއާ އަވަށުގެ އާއްމުން ނެވެ.

ނަމަވެސް ފުލުހުން ނިންމީ މި ތިން މީހުންނާ ދެކޮޅަށް ދައުވާނުކޮށް ދޫކޮށްލުމަށެވެ. އަދި އަދަބެއްގެ ގޮތުގައި ބުސިއާގެ ޕޮލިސް ސްޓޭޝަން ވަށައިގެންވާ ސަރަހައްދުގެ ވިނަ ކޮށުމުގެ މަސައްކަތް މި މީހުންނާ ހަވާލުކުރި ކަމަށް ބީބީސީއިން ބުނެ އެވެ.

މިތިން މީހުންނާ ދެކޮޅަށް ދައުވާ ނުކުރުމަށް ނިންމި ސަބަބެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.