ރީ ރަޖިސްޓްރީ ކުރި މީހުންގެ ފޯމްތަކުގެ ތެރެއިން 4000 އަށް ވުރެ ގިނަ މީހުންގެ ފޯމްތަކުގެ ފިންގާ ޕްރިންޓް ނޫނީ އިނގިލީގެ ނިޝާން ސައްހަތޯ ބެލުމަށް ޑިޕާޓްމެންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރަށް) މިރޭ ފޮނުވާފައި ވާނެ ކަމަށް އިލެކްޝަންސް ކޮމިޝަން އިން ބުނެފި އެވެ.

"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނަރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ މިރޭ ޑީއެންއާރަށް ފޮނުވި ފޯމްތައް ފޮނުވާފައި ވާނީ ރެންޑަމްކޮށް ނަގައިގެން ކަމަށެވެ. އަދި އެ ފޯމްތައް ރެންޑަމްކޮށް ނަގާފައި ވާނީ ސިޔާސީ ޕާޓީތަކުގެ މަންދޫބުންގެ ކުރިމަތީގައި އެ ބޭފުޅުން ވެސް ތިބެގެން ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން މިރޭ 4000 އަށް ވުރެ ގިނަ ފޯމްތަކުގެ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ޑީއެންއާރަށް ފޮނުވައިފިން. އަޅުގަނޑުމެން އެ ފޯމްތައް ނަގާފައި ވާނީ ރެންޑަމްކޮށް ސިޔާސީ ޕާޓީތަކުން ވަޑައިގެންނެވި މަންދޫބުންގެ ހާޒިރުގައި. އެބޭފުޅުން ތިއްބަވައިގެން،" އާސިމް ވިދާޅުވި އެވެ.

އާސިމް ވިދާޅުވީ މިރޭ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފޮނުވި ފޯމްތައް ކުރިއަށް އޮތް ދެ ދުވަހެއްގެ ތެރޭގައި ނިމޭނެ ކަމަށް ދެކެވަޑައިގެންނަވާ ކަމަށެވެ. އަދި އެ ފޯމްތަކުގެ ތެރެއިން ރިޖެކްޓްވާ ފޯމްތަކާ މެދު އަމަލު ކުރާނީ ކުރިން ވެސް ރިޖެކްޓްވި ފޯމްތަކާ މެދު އަމަލު ކުރި ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އިލެކްޝަންސް ކޮމިޝަން އިން އެންމެ ފުރަތަމަ ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ޑީއެންއާރަށް ފޮނުވާފައި ވަނީ 500 ފޯމް އެވެ. އޭގެ ތެރެއިން 11 ފޯމްގެ ފިންގާ ޕްރިންޓް ދިމާނުވާ ކަމަށް ޑީއެންއާރުން ވަނީ ބުނެފަ އެވެ.

އިލެކްޝަންސް ކޮމިޝަން އިން ފިންގާ ޕްރިންޓް ވެރިފައި ކުރުމަށް ފޮނުވާ ފޯމްތަކުގެ ފިންގާ ޕްރިންޓް ޑީއެންއާރް އިން ވެރިފައި ކުރަނީ މޯލްޑްވްސް ޕޮލިސް ސާވިސް މެދުވެރިކޮށްގެންނެވެ.