31 Oct 2013, 23:08
ސޫރިޔާގައި ހުރި ކަމަށް ބުނެ އެގައުމުން ޑިކްލެއާ ކުރި ކެމިކަލް ހަތިޔާރު އުފައްދާ އާލާތްތައް މިހާރު އެއްކޮށް ނައްތާލާފައިވާ ކަމަށް އޯގަނައިޒޭޝަން ފޯ ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީސީޑަބްލިޔު) އިން ބުނެފި އެވެ.
އޯޕީސީޑަބްލިޔު އިން މިހެން ބުނެފައި މިވަނީ މިއާލާތްތައް ނަތާލާނެ ކަމަށް އެޖަމިއްޔާއިން ކަނޑައަޅާފައިވާ ސުންގަޑިއަށް ވުރެ އެއް ދުވަސް ކުރިން ކަން ފާހަގަކޮށްލެވެ އެވެ.
އެޖަމިއްޔާގެ ތަރުޖަމާނަކު ބުނީ ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރު އުފައްދަން ބޭނުންކުރާ އާލާތްތައް ނައްތާލާފައިވާ އިރު، އެގައުމުގައި ހުރި ކެމިކަލް ހަތިޔާރުތައް މިހާރު ސީލްކޮށްފައިވާ ކަމަށެވެ.
އޯޕީސީޑަބްލިޔު އިން ސޫރިޔާގައި މަސައްކަތް ފަށާފައި ވަނީ އެގައުމުގެ ދާހިލީ ހަނގުރާމާގައި އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް އަސްކަރިއްޔާއިން ކެމިކަލް ހަތިޔާރު ބޭނުންކޮށްފައިވާ ކަމަށް ބުނެ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އެކަން ތަހުގީގުކުރުމަށެވެ.
ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އޯޕީސީޑަބްލިޔުގެ ޓީމަކީ އެމެރިކާ އަދި ރަޝިޔާއިން އެއްބަސްވެގެން އެކުލަވާލި ޓީމެކެވެ.
ކެމިކަލް ހަތިޔާރު އުފައްދާ އާލާތްތައް ނައްތާލެވިފައިވާ އިރު، ސީލްކުރެވިފައިވާ ކެމިކަލް ހަތިޔާރުތައް މިއަންނަ އަހަރުގެ މެދާ ހަމައަށް ނައްތާލާނެ ކަމަށް އޯޕީސީޑަބްލިޔުއިން ވަނީ ބުނެފަ އެވެ.
ސޫރިޔާގައި ހުރި ކެމިކަލް ހަތިޔާރުތަކުގެ ސީދާ އަދަދުތައް ނޭނގޭ ނަމަވެސް، ބީބީސީ އިން ބުނީ އެގައުމުގައި އެންމެ ނުރައްކާތެރި އެއް ކެމިކަލް ހަތިޔާރު ކަމަށްވާ ސެރިން ނުވަތަ ނާވް ގޭހުގެ 1،000 ޓަނު ރައްކާކޮށްފައި އެބަހުރި ކަމަށް ލަފާކުރެވޭ ކަމަށެވެ. މީގެ އިތުރުން ސަލްފާ މަސްޓަޑް ފަދަ ތަފާތު ކެމިކަލް ހަތިޔާރުތަކެއް ސޫރިޔާގެ އެކި ސަރަހައްދުތަކުގައި އެގައުމުގެ އަސްކަރިއްޔާއިން ވަނީ ރައްކާކޮށްފަ އެވެ.
އޯޕީސީޑަބްލިޔުއިން ނެރެފައިވާ ސްޓޭޓްމަންޓެއްގައި ބުނެފައި ވަނީ ކެމިކަލް ހަތިޔާރު އުފެއްދުމުގެ ގާބިލްކަން މިހާރު ސޫރިޔާއަށް ލިބިފައިނުވާ ކަމަށެވެ. އަދި ސޫރިޔާއިން ޑިކްލެއާ ކޮށްފައިވާ ކެމިކަލް ހަތިޔާރު ރައްކާކޮށްފައިވާ 23 ސައިޓުގެ ތެރެއިން 21 ސައިޓު ބަލާ ފާސްކޮށްފައިވާ ކަމަށް އޯޕީސީޑަބްލިޔުއިން ބުނެ އެވެ.