ރިޔާސީ އިންތިހާބު ބާތިލު ކުރުމަށް ސުޕްރީމް ކޯޓުން ކުރި ހުކުމް މުރާޖާކޮށް، ނޮވެމްބަރު 9ގައި ބާއްވާ އިންތިހާބަކީ އެ އިންތިހާބުގެ ދެ ވަނަ ބުރު ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.

އެ މައްސަލަ ކޯޓަށް ހުށަހެޅި ފަރާތުގެ ވަކީލު އަދި އެމްޑީޕީ ގާނޫނީ ޓީމުގައި ހިމެނޭ އަބްދުﷲ ޝާއިރު މިރޭ ސަން އަށް ވިދާޅުވީ މި މަހުގެ 7 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމް ރިވިއު ކުރުމަށް ހުށަހެޅުއްވީ އެ ހުކުމްގައި ބުނާ ބައެއް ކަންކަމަކީ ސައްހަ ނޫން ކަންކަމަށްވާތީ ކަމަށެވެ. އަދި ހުކުމް ބިނާ ކޮށްފައި ވަނީ ފުލުހުންގެ ފޮރިންސިކް މައުލޫމާތުގެ މައްޗަށް ކަމަށާއި އެ މައުލޫމާތުގައި ސައްހަ ނޫން މައުލޫމާތު ހިމެނޭ ކަމަށާއި މަރު ނުވާ ބަޔަކު މަރުވި ކަމަށް އެ މައުލޫމާތުގައި ހިމެނޭ ކަމަށެވެ.

އަދި ފަނޑިޔާރުން ހުކުމް ކުރެއްވީ އެ މައުލޫމާތުގެ މައްޗަށް ބުރަވެ ކަމަށާއި އެ މައުލޫމާތު ސައްހަ ނޫން ނަމަ އެ ހުކުމް ރިވިއު ކުރުމުގެ ފުރުސަތު އޮތް ކަމަށް ވެސް ޝާއިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދެ ވަނަ އަށް މިއަދު ހުށަހެޅުއްވި މައްސަލައަކީ ކެންޑިޑޭޓުންނަށް ވޯޓާސް ލިސްޓްގައި ސޮއި ކުރުމަށް އެކަށީގެންވާ ފުރުސަތު ދިނުމަށް ފަހު، އެ ބޭފުޅުން ލިސްޓްގައި ސޮއި ނުކުރެއްވި ނަމަވެސް އެކަން ބަޔާންކޮށް އިލެކްޝަންސްގެ އޮފިޝަލުން އެ ލިސްޓްގައި ސޮއި ކުރުމަށް ފަހު އިންތިހާބު ބޭއްވުމުގެ ފުރުސަތަށް ހުރަސް ނޭޅޭ ގޮތް ކަނޑައެޅުމަށެވެ.

ސުޕްރީމް ކޯޓުން ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ އިންތިހާބު ބާތިލު ކުރީ 5623 ވޯޓުގެ އޮޅުވާލުންތަކެއް ހުރިކަން ސާބިތުވެގެންނެވެ.