31 Oct 2013, 22:50
އެންމެ ފުރަތަމަ ޔޫރަޕުން ޓޫރިސްޓުން ގެންނަން ފެށި އެއާލައިން ކަމަށްވާ ކޮންޑޯ އެއާލައިންސްގެ ދަތުރުތައް ރާއްޖެއަށް ފެށިތާ މިއަދު 30 އަހަރު ފުރިއްޖެ އެވެ.
ޖަރުމަނުގެ ފްރެންކްފަޓުން ރާއްޖެއަށް ޓޫރިސްޓުން ގޮވައިގެން ފުރަތަމަ ދަތުރުކޮށްފައި ވަނީ އޮކްޓޯބަރު 31، 1983 ވަނަ އަހަރު އެވެ.
އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް ވިދާޅުވީ ކޮންޑޯ އަކީ ރާއްޖޭގެ ޓޫރިޒަމް ކުރިއެރުވުމަށް ވަރަށް ބޮޑަށް އެހީތެރިވި އެއާލައިނެއް ކަމަށެވެ.
"ޔޫރަޕުން ފުރަތަމަ ޓޫރިސްޓުން ގެންނަން އަޅުގަނޑުމެން ފެށީ ކޮންޑޯއިން. އޭރު ސީދާ ޔޫރަޕުން ޓޫރިސްޓުން ގެނެވޭނެ ގޮތެއް ނޯވޭ. ހުރިހާ އެންމެން ވެސް އަންނަން ޖެހެނީ ލަންކާ މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.
ބަންދު ސަލީމް ވިދާޅުވީ ކޮންޑޯ އަކީ މިހާރު ވެސް ޖަރުމަނުން އެންމެ ގިނަ ޓޫރިސްޓުން ގެންނަ އެއް އެއާލައިން ކަމަށެވެ.
"އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް އެއް އެއާލައިނެއް އެހާ ގިނަ ދުވަސްވަންދެން ރާއްޖެއަށް ދަތުރުކުރުމަކީ. މިއީ ރާއްޖޭގެ ޓޫރިޒަމަށް ވަރަށް މުހިންމު އެއާލައިނެއް،" އޭނާ ވިދާޅުވި އެވެ.
އެމްއޭސީއެލް އިން ބުނީ ޓޫރިސްޓުން ރާއްޖެއަށް އެންމެ ގިނައިން ގެންނަ ތޯމަސް ކުކް ގްރޫޕުން އޮޕަރޭޓްކުރާ ކޮންޑޯގެ އެއާލައިންގެ 200 މީހުންގެ ޖާގައިގެ ބޯޓެއް ހަފުތާއަކު ދެ ދަތުރު މިހާރު ވެސް ރާއްޖެއަށް ކުރަމުން އަންނަ ކަމަށެވެ.