31 Oct 2013, 22:08
މަތިންދާބޯޓު އުފައްދާ އެމެރިކާގެ މަޝްހޫރު ބޮއިން ކުންފުނީގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "ޑްރީމް ލައިނާ 787" މަރުކާގެ ބޯޓެއް އަލަށް ރާއްޖެއަށް ދަތުރުތައް ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޔޫރަޕުން ޓޫރިސްޓުން ގެންނަ ދުނިޔޭގެ އެންމެ ބޮޑު ޗާޓާ އެއާލަން ކަމަށްވާ އިނގިރޭސިވިލާތުގެ ތޮމްސަން އެއާވޭސް އިން ދުއްވާ ޑްރީމްލައިނާ ރާއްޖެއަށް ފުރަތަމަ ދަތުރުކުރުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު ހެނދުނު 9:45 އެވެ. އެކަމަށް ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދަނީ ތައްޔާރުވަމުންނެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ބަންދު އިބްރާހިމް ސަލީމް މިއަދު ވިދާޅުވީ މިއަހަރުގެ ޓޫރިސްޓް ސީޒަން ނިމެންދެން ތޮމްސަންއިން ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ކުރާނެ ކަމަށެވެ.
"މިއީ ޑްރީމްލައިނާގެ ބޯޓެއް ރާއްޖެއަށް ޖައްސާ ފުރަތަމަ ފަހަރު. އެކަމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން. މީގެ ސަބަބުން ރާއްޖެއަށް އެއާލައިނުން އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ،" އޭނާ ވިދާޅުވި އެވެ.
ބަންދު ވިދާޅުވީ ޑްރީމްލައިނާއަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
"އެއަށްވުރެ ބޮޑު ބޮއިން 777 ގެ ބޯޓުތައް ވެސް ޖައްސާ. މި ބޯޓަކީ އެހެން ބޯޓުތަކަށް ހުރިހާ ގޮތަކުން ވެސް ވަރަށް ތަފާތު ބޯޓެއް،" އޭނާ ވިދާޅުވި އެވެ.
މީގެ ދެ އަހަރުކުރިން ބާޒާރަށް ނެރުނު ބޯޓަކީ ތެލުގެ ހަރަދު އެންމެ ކުޑަ މަތިންދާބޯޓެވެ. ކާބަން ފައިބަރުން ހަދާފައިވާ "ޑްރީމްލައިނާ 787" ގައި 291 ގޮނޑި ހުރެ އެވެ. އެއީ އިކޮނޮމީ ކްލާހުގައި 244 ގޮނޑި އާއި ޕްރިމިއަމް ކްލާހުގައި 47 ގޮނޑި އެވެ.
ބޮއިން ކުންފުނިން ބުނެފައި ވަނީ މި މަރުކާގެ ބޯޓުތައް ކާބަން ފައިބަރުން ހަދާފައި ހުރުމުގެ ސަބަބުން ފްލައިޓް ތެރޭގައި ޕްރެޝަރު ކުޑަކޮށްދީ ޕެސެންޖަރުންނަށް ދަތުރުގެ ވަރުބަލިކަން އިހުސާސް ވާލެއް ވެސް ކުޑަވާނެ ކަމަށެވެ. އަދި އާދައިގެ އެހެން މަތިންދާބޯޓަށް ވުރެ 60 ޕަސެންޓް އެ ބޯޓުގެ އަޑު ޖައްސާ އަދި ނައްޓާލާއިރު މަޑުވާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ބޯޓަށް މަޑުކުުރުމެއްނެތި 8،000 މޭލުގެ އުދުހުމުގެ ގާބިލްކަން ވެސް ލިބިފައިވެ އެވެ.
ތޮމްސަން އެއާވޭސްއިން މިއަހަރުގެ މެއި މަހު ޑްރީމްލައިނާގެ ދަތުރުތައް ފެށުމަށް ފަހު މިހާރު ވަނީ އެމެރިކާގެ ފްލޮރިޑާ އާއި މެކްސިކޯއަށް ދަތުރުކުރަމުންނެވެ. އަދި މިއީ އިނގިރޭސިވިލާތުގައި ޑްރީމްލައިނާ ބޭނުންކުރާ ފުރަތަމަ އެއާލައިނެވެ.