01 Dec 2010, 13:53
އެފްރިކާގެ މަލަބޯގައި ހާލުގައި ޖެހިފައި އޮތް މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް [އެމްއެންއެސްއެލް]ގެ ބޯޓުގައި ތިބި ފަޅުވެރިންގެ ތެރެއިން މެލޭރިޔާ ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކުރި ދިވެހި ފަޅުވެރިޔާ ހޮސްޕިޓަލުން ދޫކޮށްލިތާ ހަތަރު ގަޑިއިރުވީއިރުވެސް އޭނާ ބަލައި ހޮސްޕިޓަލަށް މީހަކު ގޮސްފައިނުވާތީ، މަގުމަތިވެފައިވާ ކަމަށް އޭނާ ބުނެފި އެވެ.
"މޯލްޑިވްސް އެންޓާޕްރައިޒަސް" ނަމަކަށް ކިޔާ އެ ބޯޓުގެ ފަޅުވެރިޔެއް ކަމުގައިވާ ހދ. ނޮޅިވަރަމު ފަހަލަ، އަހުމަދު ރަޝީދު ބުނީ، ފާއިތުވި ދެ ދުވަހު މަލަބޯގެ ބާޓާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި އޮތުމަށް ފަހު އޭނާ ދޫކޮށްލީ އެތަނުގެ ގަޑިން މިއަދު ހެނދުނު އެގާރަ ޖަހާއެހާކަށްހާއިރު ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ހަތަރު ގަޑިއިރެއްހާއިރު ފާއިތުވެގެން ގޮސްފައިވާ ކަމަށާއި އޭނާ ބަލާ އެއްވެސް މީހަކު ހޮސްޕިޓަލަށް ނުދާ ކަމަށެވެ.
ބޯޓުގެ އޭޖެންޓުންނަށް ގުޅާ ކޮންމެ ފަހަރަކު ބުނަނީ "ކުޑައިރުކޮޅެއް ތެރޭގައި ބަލައި ދާނަމޭ" ކަމަށް ރަޝީދު ބުންޏެވެ.
ހެނދުނުއްސުރެ އަދި އެއްވެސް އެއްޗެއް ނުކައި ކަމަށާއި އަދި ދަންނަ އެއްވެސް ތަނެއް، އަދި މީހަކު ވެސް ނެތުމުން "ދާނެ ވަކި ތަނެއް ނޭގިފައި" ހޮސްޕިޓަލުގެ ބޭރުގައި ހުރި ގޮނޑިއެއް އިށީނދެލައިގެން އިނީ ކަމަށް އޭނާ ބުންޏެވެ.
"ދާނީ ކޮންތާކަށް ވަކި، އަޅުގަނޑަކަށް ނޭގޭ އެއްވެސް ތަނެއް. އަތުގައި އެބަހުރި ޑޮލަރުކޮޅެއް. އެކަމަކު އެ މާރު ކުރަން ވަރަށް އުނދަގޫވާނެ މިތަނުގައި. އަތުގައި އޮތީ ހަމަ ފެންފުޅިއެއް އެކަނި. މިތަނުން ނުކުމެގެންދޯ ކާއެއްޗެއް ވެސް ލިބޭނީ،" ރަޝީދު، 45 ބުންޏެވެ.
އޭނާ ބުނި ގޮތުގައި، ހޮސްޕިޓަލުން ބޯޓާ ހިސާބަށް ދެވޭނީ ގާތްގަނޑަކަށް ތިން ގަޑިއިރުންނެވެ. ނަމަވެސް، އެއީ ބީރައްޓެހި މާހައުލަކަށް ވާތީ، އޭޖެންޓުންގެ ފަރާތުން މީހަކު ފޮނުވަންދެން ހަދާނެ ގޮތެއް ނެތިފައި އެތަނުގައި އިނީ ކަމަށް ވެސް އޭނާ ބުންޏެވެ.
"އެންމެފަހުން ގުޅިއިރުވެސް ބުނި އެބަދެއޭ ކުޑައިރުކޮޅެއް ތެރޭ ބަލާ. އެކަމަކު އެހެން ބުނިތާ ވެސް ދެ ގަޑިއިރުވެއްޖެ،"
މޯލްޑިވްސް އެންޓަޕްރައިޒަސްގައި ތިބި ދިވެހި ފަޅުވެރިންގެ ތެރެއިން ރަޝީދުގެ އިތުރުން ގއ. މާމެންދޫ ތަރިވިދާގޭ އިބްރާހިމް ނައީމް،35، އާއި ހދ. ނޮޅިވަރަމު ސަބުދެލިގޭ އިބްރާހިމް ނަސީރު، 26، އަށް ވެސް މެލޭރިޔާ ވަނީ ޖެހިފަ އެވެ. އަދި އެ ބޯޓްގެ މެޑިކަލް އޮފިސަރު އަދި އެމްއެންއެސްއެލްގެ ޗެއާމަން ސެންކޯ މުހައްމަދު ޝަރީފުގެ ދަރިފުޅު ޝަމްއޫން ޝަރީފުގެ ހަށިގަނޑުން ވެސް މެލޭރިއާގެ އަލާމާތްތައް ފެނިފައިވާ ކަމަށް އެ ބޯޓުގެ ފާޅުވެރިން ބުނެ އެވެ.
ބޯޓްގެ އިންޖީނުގެ "ޓާބޯ ޗާޖަރު" ހަލާކުވެގެން އެފްރިކާގެ މަލަބޯގެ ބާޓާގައި އެ ބޯޓު ހާލުގައި ޖެހިފައި އޮންތަނާ ތިން މަސްވެފައިވާއިރު، ފަޅުވެރިންގެ އަތުން ފައިސާއާއި ކާބޯތަކެތި ވަނީ ހުސްވެފަ އެވެ.
އެމްއެންއެސްއެލުން ބުނެފައިވަނީ، އެ ބޯޓަށް ބޭނުންވާ ކާބޯތަކެތި މިއަދުގެ ވަގުތެއްގައި އެ ކުންފުނީގެ އެޖެންޓެއް މެދުވެރިންކޮށް ފޮނުވާނެ ކަމަށާއި އަދި ސިއްހީ ފަރުވާންދޭން ޖެހޭ ފަރާތްތަކަށް ފަރުވާ ވެސް ދެވޭނެ މަގު ތަނަވަސްކޮށްދޭނެ ކަމަށެވެ. އަދި ބޯޓްގެ އިންޖީނު މަރާމާތުކޮށްގެން މި މަހުގެ ފަސް ވަނަ ދުވަހު ބޯޓް މާލެ އައުމަށް ފުރާނެ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.