ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަމިއްލަ މަސްލަހަތަށް ގާނޫނު ހެދުމުން ގާނޫނުގެ ވެރިކަމަށް ހުރަސް އެޅޭނެ ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފި އެވެ.

އެ ޖަމިއްޔާ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މެމްބަރުންގެ އިމްތިޔާޒުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ފުރުސަތު ދިނުމާއި އަމިއްލަ މަސްލަހަތަށް ޓަކައި ގާނޫނު ހެދުމުން ގާނޫނީ ނިޒާމު ބަލިކަށިވާނެ ކަމަށެވެ.

"މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ މަސައްކަތާ ގުޅުން ނެތް އަދި އަމިއްލަ މަސްލަހަތު އޭގައިވާ ކަންކަމުގައި މެމްބަރުންގެ އިމްތިޔާޒުތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުމަށް ފުރުސަތު ދެވުމާއި، މިފަދަ އަމިއްލަ މަސްލަހަތުތަކަށް ޓަކައި ގާނޫނުތަކާއި އުސޫލުތައް ފަރުމާކުރުމަކީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކުށްވެރިކުރާ ކަމެކެވެ. އަދި މިކަމުގެ ސަބަބުން ގާނޫނީ ނިޒާމު ބަލިކަށިވެ، ގާނޫނުގެ ވެރިކަމަށް ހުރަސްތަކެއް އެޅިގެންދާނެ ކަން ފާހަގަކުރަމެވެ،" ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި އަދި ބުނެފައި ވަނީ އެފަދަ ކަންތައްތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ނަޒާހަތްތެރިކަމާއި ކަރާމާތް ގެއްލިގެން ދާނެ ކަމަށެވެ. އަދި މަޖިލީހަށް ރައްޔިތުން ކުރާ އިތުބާރު ވެސް އެކަމުގެ ސަބަބުން ގެއްލޭނެ ކަމަށް ދެކޭ ކަމަށް ވެސް ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކާއި ބާރުތަކުގެ ގާނޫނަކީ މެމްބަރުންނަށް އެކަށީގެން ނުވާ އިނާޔަތްތަކާއި ބާރުތައް ލިބިދިން ގާނޫނެއް ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައިވާ ބުނުން މިއަދުގެ ބަޔާނުގައި ވެސް ތަކުރާރުކޮށްފައިވެ އެވެ.

"ރައްޔިތުންގެ މަޖިލީހާއި މަޖިލީހުގެ މެމްބަރުންގެ ވާޖިބުތަކާއި މަސްއޫލިއްޔަތު ފުރިހަމަ ގޮތުގައި އަދާކުރުމަށް އިމްތިޔާޒުތަކާއި ބާރުތައް ލިބެން ޖެހެ އެވެ. އެހެން ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަކީ މަޖިލީހުގެ މެމްބަރުންނަށް އެކަށީގެންނުވާ މާލީ އަދި އެހެންނިހެން އިނާޔަތްތައް ލިއްބައިދިން ގާނޫނެއްކަން މިޖަމިއްޔާ އިން ދަނީ ތަކުރާރުކުރަމުންނެވެ،" ބަޔާނުގައިވެ އެވެ.

މެމްބަރުންނާ ބެހޭ ގޮތުން މިހެން ބަޔާން ކުރުމަށް ފަހު ބަޔާނުގައި ދެން ބުނެފައި ވަނީ ޝަރުއީ ކޯޓްތަކުގައި އުފުލިފައި ހުރި ދައުވާތަކަކީ ސިޔާސީ ގޮތުން ވަކިފަރާތެއްގެ މަސްލަހަތު ކުރިއެރުވުމަށް ކުރެވޭ ކަމަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ބުނެފައި ވަނީ މެމްބަރުންނާ ބެހޭ ގޮތުން ހުށައެޅިފައިވާ މައްސަލަތައް ޝައްކު ނުއުފެދޭނެހެން ކުރިއަށް ގެންދިއުމަށް ކޯޓްތަކަށް ގޮވާލާ ކަމަށެވެ.

"ޝަރުއީ ކޯޓްތަކުގައި އުފުލިފައި ހުރި ދައުވާތަކަކީ ސިޔާސީ ގޮތުން ވަކިފަރާތްތަކެއްގެ މަސްލަހަތު ކުރިއެރުވުމަށް ކުރެވޭ މަސައްކަތަކަށް ވެގެން ނުވާނެ އެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ބެހޭ ގޮތުން ކޯޓްތަކަށް ހުށައެޅިފައިވާ މައްސަލަތައް އެއްވެސް ތަފާތުކުރުމެއް ނެތި ސިޔާސީ ތަޢައްސުބުގެ ޝައްކު ނުއުފެދޭނެހެން ކުރިއަށް ގެންދިއުމަށް ޝަރުޢީ ކޯޓްތަކަށް، ވަކިން ޚާއްސަކޮށް ސުޕްރީމްކޯޓަށް ޓްރާންޕޭރެންސީ މޯލްޑިވްސް އިން ގޮވާލަމެވެ." ބަޔާނުގައިވެ އެވެ.