31 Oct 2013, 21:42
ޕަސްކަލް ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި އައިލަންޑް އޯޝަން ކްލަބު (އައިއޯސީ) އާ ދެކޮޅަށް ކުޅުނު މެޗް ދިވެހި ސިފައިންގެ ކްލަބު (ޑީއެސްސީ) ކާމިޔާބުކޮށްފި އެވެ.
މިއަދު ހަވީރު ޒުވާނުންގެ މަރުކަޒުގައި ކުޅުނު މިމެޗު ޑީއެސްސީ ކާމިޔާބުކޮށްފައި ވަނީ ސީދާ ތިން ސެޓުންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައި ވަނީ ޑީއެސްސީގެ އައިޝަތު މާޖިދާ އެވެ.
ފަސް ޓީމު ވާދަކުރާ މިމުބާރާތުގެ އަންހެން ޑިވިޝަންގައި، މުބާރާތުގެ ފާއިތުވި ފަސް އަހަރުގެ ޗެމްޕިއަން ޕޮލިސް ކްލަބާއި ކުއީންސް ސްޕޯޓްސް ކްލަބުގެ އިތުރުން މިމުބާރާތުގައި ދެން ވާދަކުރަނީ އަންހެން ވޮލީބޯޅައިގެ ތެރެއަށް އަލަށް ނުކުންނަ ދިވެހި ސިފައިންގެ ކްލަބާއި ސްޕޯޓްސް ކްލަބް ވެލޯޒިއާގެ އިތުރުން އައިލެންޑް އޯޝަން ކްލަބެވެ.
މުބާރާތުގެ ކުޅުން ކުރިޔަށް ދާނީ ލީގު އުސޫލުން އެއްބުރަށް ފަހު، އެއް ވަނަ ޓީމަށް ފައިނަލުން ޖާގަ ލިބޭ އިރު ދެވަނަ ޓީމާއި ތިން ވަނަ ޓީމަށް ސެމީ ފައިނަލްގައި ވާދަކޮށް މޮޅުވާ ޓީމަކަށް ފައިނަލްގެ ފަހު ޖާގަ ލިބިގެންދާ ގޮތަށެވެ.
މިމުބާރާތުގެ ކުޅުން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ.