31 Oct 2013, 21:27
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމަށް ވެސް ބޭފުޅަކު ހަމަޖައްސައިފި އެވެ.
އެ ބޭންކުގެ މިދިޔަ ކުއާޓަރުގެ ރިޕޯޓުގައި ބުނެފައި ވަނީ ޗީފް އިންޓާނަލް އޮޑިޓަރުގެ މަގާމަށާއި ޗީފް ފައިނޭންޝަލް އޮފިސަރުގެ މަގާމުގެ އިތުރުން ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް ވެސް ބޭފުޅަކު ހޮވުމަށް ބޯޑުގެ ނޮމިނޭޝަން އެންޑް ރެމިއުނެރޭޝަން ކޮމިޓީން އިންޓަވިއުކޮށް ޝޯޓް ލިސްޓް ކޮށްފައިވާ ކަމަށެވެ. އަދި ކޮމިޓީގެ ނިންމުން އެ ކުންފުނީގެ ބޯޑުން މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ބޭއްވި ޖަލްސާގައި ފާސްކޮށްފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
ބޭންކުގެ ބޯޑު މެމްބަރަކު ވިދާޅުވީ ޗީފް އިންޓާނަލް އޮޑިޓަރު ކަމުގެ މަގާމަށާއި ޗީފް ފައިނޭންޝަލް އޮފިސަރު ކަމަށް ޝޯޓް ލިސްޓްކުރި ބޭފުޅުން ތެރެއިން ދެ ބޭފުޅަކު އެ މަގާމަށް ކަނޑައަޅާފައިވާ ކަމަށެވެ.
"އެ ދެ ބޭފުޅުން މަގާމަށް ހަމަޖެއްސުމުގެ ކަންތައްތައް މިހާރު ވަނީ ނިމިފައި. އެ ދެ ބޭފުޅުންނަކީ ބޭރުގެ ދެ ބޭފުޅުން،" އޭނާ ވިދާޅުވި އެވެ.
އެ މެމްބަރު ވިދާޅުވީ އެ ދެ މަގާމު ހުސްވުމުން ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލާފައި ވަނީ ހަމައެކަނި ބިދޭސީން ކަމަށެވެ.
ސަންއަށް އެނގިފައިވާ ގޮތުގައި އެ ބޭންކުގެ ސީއީއޯގެ މަގާމަށް ހަމަޖައްސާފައި ވަނީ ބޭންކިން ދާއިރާގައި ގިނަ ދުވަސްތަކެއްވަންދެން މަސައްކަތްކުރައްވާފައިވާ އަޔަލެންޑްގެ މީހެކެވެ. އަދި އޭނާ މަގާމާ ހަވާލުވުމަށް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވެސް އެނގިފައިވެ އެވެ.