މާލިއްޔަތު ގާނޫނުގެ ސަބަބުން ބޮޑެތި ދަތިތަކަކާ ކުރި މަތިވާ ކަމަށާއި މާލިއްޔަތު ގާނޫނު ބަދަލުކުރަން ޖެހޭ ކަމަށް ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.

މިއަދު މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޖިހާދު ވިދާޅުވީ މާލިއްޔަތު ގާނޫނަށް ބަދަލުނުގެނެސް ކޮންމެ ބޭފުޅަކު މިނިސްޓަރު ކަމުގައި ހުންނެވިއަސް ދަތިތަކާ ކުރި މަތިވާނެ ކަމަށާއި މާލިއްޔަތު ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.

"ކުރިން އޮންނަ ގޮތަކީ ލޯނު ނަގާފައި ތިން މަސް ދުވަހުގެ ތެރޭގައި އޭގެ މައުލޫމާތް ފޮނުވުން، މިހާރު މުޅިން ބަދަލުވީ. މި އިޝޫ ނުކުތީ އަޅުގަނޑުމެން ގެނައި ބަދަލަކާ ގުޅިގެން އަސްލު. މިކަން މިގޮތަށް ގެންދާ ނަމަ ކޮންމެ މީހަކު މިނިސްޓަރަކަށް ހުއްޓަސް އުނދަގޫވާނެ. އެހެންވީމާ މާލިއްޔަތު ގާނޫނު ވެސް ބަދަލުކުރަން ޖެހޭ،" މިނިސްޓަރު ޖިހާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސަރުކާރަށް ނަގާ ވަކިވަކި ލޯން އެޕްރޫވް ކުރަން ދުނިޔޭގެ އެއްވެސް ތަނެއްގެ މަޖިލީހުގެ ރުހުމެއް ނުހޯދާ ކަމަށާއި އެފަދަ ކަންކަމަށް އިސްހާލުގެނަން ޖެހޭ ކަމަށެވެ.

އަދި މިހާރު ކަންކަން ހުރި ގޮތުން މިއީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ވިދާޅުވެ އޭނާ ސުވާލު އުފެއްދި އެވެ.

މިނިސްޓަރު ވަނީ ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެކައްޗެއް ކިޔައިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ.

އެކަމުގެ ރައްދުގައި ވާހަކަ ދައްކަވަމުން ހުޅުމީދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ވިދާޅުވީ މާލިއްޔަތު ގާނޫނަށް ބަދަލުގެނައީ މިހާރުގެ ސަރުކާރުގައި ތިބި ފަރާތްތަކުން ކަމަށެވެ.

އަދި އެބޭފުޅުން އެކަން ކުރީ އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ޖެއްސުން ކުރަން ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލިއްޔަތު ގާނޫނުން ބައެއް ކަންކަން އިސްލާހުކުރުމަށް އޭނާ މިހާރު މަޖިލީހަށް ހުށައަޅުއްވާފައިވާނެ ކަމަށެވެ.