31 Oct 2013, 21:03
މި މަހުގެ ކުރީކޮޅުގައި ގަތަރުގެ ވެރިރަށް ދޯހާގެ އަތިރިމަތީ ސަރަހައްދެއްގައި ބެހެއްޓި، ފްރާންސްގެ ޒައިނުއްދީން ޒިދާން 2006 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި އިޓަލީގެ މާކޯ މަޓެރާޒީއަށް ބޮލުން ހަމަލާދޭ މަންޒަރު ދައްކުވައިދޭ "ސްޓެޗޫ އޮފް ހެޑްބާޓް" އެތަނުން ނަގައިފި އެވެ.
http://www.sun.mv/albums/l_20976.jpg
ގަތަރުގައި ބެހެއްޓި "ސްޓެޗޫ އޮފް ހެޑްބާޓް" އެންމެ ތިން ހަފްތާ ވީތަނާ ނަގައިގެން ގެންދަނީ -- ފޮޓޯ: ރޮއިޓާސް
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގެ އެންމެ މަޝްހޫރުއެއް ވާހަކައެއްގެ ގޮތުގައި ދެކެވެމުންދާ އަދި ޒިދާންގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން މެދުވެރިވި އެ ހާދިސާ ރަމްޒުކޮށްދޭ ގޮތަށް ދޯހާގެ އަތިރިމަތީގައި ރަންވަންލޯއިން ހަދާފައި ބަހައްޓާފައިހުރި ގާތްގަނޑަކަށް 16 ފޫޓުގެ އެ ބުދު ނެގުމަށް ނިންމީ ދޯހާގެ ރައްޔިތުން އެކަމަށް ނުރުހުން ފާޅުކުރުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
http://www.sun.mv/albums/l_20981.jpg
ގަތަރުގައި "ސްޓެޗޫ އޮފް ހެޑްބާޓް" ބެހެއްޓުމުގެ މަސައްކަތް ކުރިއަށް ގެންދަނީ -- ފޮޓޯ: އޭއެފްޕީ
ރިޕޯޓުތައް ބުނާގޮތުގައި ދޯހާގެ އޮފިޝަލުން އެ ބުދު އެތަނުން ނެގުމަށް ނިންމުމާއެކު މި ހަފުތާގައި އެތަނަށް "ކްރޭން" ގެނެސްގެން މިއަދުގެ ވަގުތެއްގައި އެ ސްޓެޗޫ ނެގުމަށްފަހު އެތަން އެއްކޮށް ސާފުކޮށްފައިވާ ކަމަށެވެ.
ގަތަރުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާ ބެހޭ ގޮތުން ބަހެއް ބުނެފައި ނުވާއިރު ބައެއް ރިޕޯޓުތައް ބުނެފައިވަނީ، "ސްޓެޗޫ އޮފް ހެޑްބާޓް" ނެގުމަށް އެގައުމުން ނިންމީ، އެފަދަ ތަކެތި ބެހެއްޓުމަކީ އިސްލާމް ދީނާ ޚިލާފް ކަމެއް ކަމަށްވާތީއާއި އަދި އެއީ ޝިރުކަށް ހުޅުވޭ ދޮރެއް ކަމަށް ބުނެ އެގައުމުގެ މުސްލިމުން ޝަކުވާކުރުމުން ކަމަށެވެ.
http://www.sun.mv/albums/l_20980.jpg
ސްޓެޗޫ އޮފް ހެޑްބާޓް" ޕެރިހުގައި ދައްކާލަނީ -- ފޮޓޯ: ރޮއިޓާސް
ފީފާ ވޯލްޑް ކަޕް 2022 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ގަތަރުގައި މިމަހުގެ ކުރީ ކޮޅުގައި ބެހެއްޓި އެ ސްޓެޗޫ ތައްޔާރުކުރީ، އަދީލް އަބްދުއްސަމަދު ކިޔާ އަލްޖީރިއާގެ އަތްތެރި މަސައްކަތްތެރިއެކެވެ.
http://www.sun.mv/albums/l_20979.jpg
ވޯލްޑް ކަޕް 2006ގެ ފައިނަލްގައި ޒިދާން މަޓެރާޒީއަށް ބޮލުން ހަމަލާދެނީ -- ފޮޓޯ: ރޮއިޓާސް
ސްޓެޗޫ ބެހެއްޓުމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަބަޔަކު ފާޑުކިޔަމުން ދިޔައިރު، އަނެއްބައި މީހުން ބުނަމުންދަނީ އެފަދަ ބިނާއެއް ނެގުމަކީ ވަރަށް މޮޔަ ކަމެއް ކަމަށެވެ.
ދޯހާއަށް އެ ސްޓެޗޫ ގެންދިއުމުގެ ކުރިން އޭތި އެންމެ ފުރަތަމަ ދައްކާލާފައިވަނީ، ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ މަޝްހޫރު ދާރުލްއާސާރެއް ކަމަށްވާ ޕޮމްޕިޑޯ އާޓް މިއުޒިއަމްގެ ބޭރުގަ އެވެ.