ސަރުކާރުން ލިބެން ޖެހޭ ފައިސާ ނުލިބިގެން ތެޔޮ ގެންނަން ދަތިތަކަކާ ކުރިމަތިވެފައިވާ ކަމަށާއި މިހާރު ސްޓޮކް ހުރިގޮތުން 10 ދުވަހުގެ ތެރޭގައި ތެލުގެ ސްޓޮކް ހުސްވާނެ ކަމަށް ބެލެވޭ ކަމަށް އެސްޓީއޯއިން މިއަދު ބުނެފި އެވެ.

ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދާއި އެމްއެމްއޭ ގަވަރުނަރު ޑރ. ފަޒީލް ނަޖީބާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީއާއެކު މާލިއްޔަތު ކޮމެޓީއިން މިއަދު ބޭއްވި ހަތަރު ގަޑިއިރުގެ ހާއްސަ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ އެމްޑީ ޝާހިދު ވިދާޅުވީ އެ ކުންފުނީގެ ގިނަ ބިލްތަކަކަށް ފައިސާ ދައްކާފައި ނުވާތީ އެސްޓީއޯއިން ތެލުގެ އާ ޝިޕްމެންޓެއް ގެނެވެން ނެތް ކަމަށެވެ. އަދި އެސްޓޮކް ގެނެވެން އޮތީ ސަރުކާރުން ބިލްތަކަށް ފައިސާ ދައްކައިގެން ކަމަށާއި އެހެން ނޫން ނަމަ ކުރިއަށްއޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ތެލުގެ ސުޓޮކް ހުސްވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"މިހާރު ސްޓޮކް ހުރިގޮތުން އަޅުގަނޑަށް ލަފާކުރެވޭގޮތުގައި މިއަންނަ މަހު 10 ވަނަ ދުވަހު ނުވަތަ 11 ދުވަހު ތެޔޮ ހުސްވުން އެކަށިގެންވޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 20 މިލިއަން ޑޮލަރުގެ ބިލްތަކެއް ތެޔޮ ގަންނަ ކުންފުންޏަށް މިހާރު ނުދެއްކިފައިވާ ކަމަށާއި އެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއާއެކު ވާހަކަ ދެއްކި ނަމަވެސް އަދިވެސް ފައިސާ ލިބިފައިނުވާ ކަމަށެވެ.

ޝާހިދު ވިދާޅުވީ މިހާރު ނުދެއްކި ހުރި އަދަދުގެ ތެރެއިން ހަތް މިލިއަން ޑޮލަރު މިއަދު ދައްކަން ޖެހޭ ކަމަށެވެ. އަދި އެހެން ނޫންނަމަ އެސްޓީއޯއަށް ތެޔޮ ސްޓޮކްއެއް ނުގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ތެޔޮ ގެންނަނީ ރާއްޖެ ގެނެސް އޭގެ 120 ދުވަސް ފަހުން ފައިސާ ދައްކާ ގޮތަށް ކަމަށެވެ. އަދި 2011 އިން ފެށިގެން އެސްޓީއޯއިން ވިއްކާ ތެލަށް ފައިސާ ލިބުމަށް ބޮޑެތި ދަތިތަކަކާއި ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުގެ ބިލްތަކަށް ލިބެންޖެހޭ 620 މިލިއަން ރުފިޔާ ނުލިބި މިހާރު ވެސް އެބަހުރި ކަމަށެވެ.

އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު ޖިހާދު ވިދާޅުވީ ބަޖެޓްގައި ފައިސާ ހުރިވަރަކުން ފައިސާ ދައްކަމުންދާ ކަމަށެވެ. އަދި އެކިއެކި ދިމަދިމާލުން 50 މިލިއަން ރުފިޔާ އެސްޓީއޯއަށް ދޭން ނިންމައި އެމްއެމްއޭއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް އެމްއެމްއޭއިން ބުނެފައިވަނީ ދެވޭނީ 25 މިލިއަން ރުފިޔާ އާއި އެއް މިލިއަން ޑޮލަރު ކަމަށާއި އެވަރުން ނުވާނެ ކަމަށް އެސްޓީއޯއިން ބުނާ ކަމަށް ޖިހާދު ވިދާޅުވި އެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ އެސްޓީއޯއަށް މިއަދު ފައިސާ ނުލިބި ތެލުގެ ސްޓޮކް ނުގެނެވިއްޖެ ނަމަ ރައްޔިތުން އަނދިރީގައި ތިބެން ޖެހިދާނެ ކަމަށާއި އެ ހާލަތަށް ގޮސްފިނަމަ އޭނާ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

މިއަދު އެބައްދަލުވުމުގައި ގަވަރުނަރު ފަޒީލް ވިދާޅުވީ މިހާރު ފައިސާ ޖެހުމަށް އެމްއެމްއޭއަށް މަޖުބޫރުވެފައިވާ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު ވިދާޅުވި ނަމަވެސް އެ ފައިސާއެއް ދައުލަތުގެ ހަޒާނާގައި ނެތް. އަދި އެސްޓީއޯ އަށް ދައްކަންޖެހޭ ބިލްތަކަށް ފަިއސާ ހަމަޖެއްސޭތޯ މަސައްކަތް ކުރާނަން. އެކަމަށް ހައްލު ހޯދޭނެ،" ގަވަރުނަރު ވިދާޅުވި އެވެ.