އެސްޓީއޯއަށް މިއަހަރުގެ ތިންވަނަ ކުއާޓަރުގައި 19 މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިވެއްޖެ އެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި މާލީ ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި 32 މިލިއަން ރުފިޔާ ފައިދާވިއިރު، ދެވަނަ ކުއާޓަރުގައި 64.1 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ ތިން މަސް ދުވަހު އެ ކުންފުންޏަށް 19.7 މިލިއަން ރުފިޔާ ގެއްލުންވިއިރު މިހާތަނަށް ލިބުނު ޖުމްލަ ފައިދާގެ އަދަދަކީ 76.4 މިލިއަން ރުފިޔާ ކަމަށް އެ މާލީ ހިސާބުތަކުން ދައްކަ އެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއީ ފަހަކަށް އައިސް އެ ކުންފުންޏަށް ކުއާޓާއެއްގައި ގެއްލުންވި ކަމަށް ހިމެނި ފުރަތަމަ ފަހަރެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުން މިދިޔަ ތިން މަހު އެސްޓީއޯއިން 2.8 ބިލިއަން ރުފިޔާގެ ވިޔަފާރިކޮށްފައިވެ އެވެ. އެ މުއްދަތުގައި ކުރި ވިޔަފާރިން ފައިދާގެ ގޮތުގައި 274.2 މިލިއަން ރުފިޔާ ލިބުނުއިރު، ހިންގުމުގެ ހަރަދުގެ ގޮތުގައި 162.1 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

އެސްޓީއޯގެ މާލީ ހިސާބުތައް ދައްކާ ގޮތުން ކުންފުންޏަށް ތިންވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 172.6 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

އެ ކުންފުންޏަށް މިދިޔަ ތިން މަހު ލިބުނު ގެއްލުމާއެކު ހިއްސާއަކަށް 23.1ރ. ގެއްލުމެއް ލިބިފައިވާ ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ައެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ ދެވަނަ ކުއާޓަރުގައި ގެއްލުންވި ކަމަށް ހިސާބުތަކުގައި ހިމަނާފައި ވަނީ ލިބުނު ފައިދާގެ ބޮޑު ބައެއް ޕްރޮވިޝަންގެ ގޮތުގައި ހިމެނުމުން ކަމަށެވެ.

"މި އަހަރުގެ ޕްރޮވިޝަން އެއްކޮށް ހެދީ މިކުއާޓަރުގައި ލިބުނު ފައިދާއިން. އޭގެ އިތުރުން ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ 14 މިލިއަން ރުފިޔާ ވެސް މި ކުއާޓަރުގައި ވަނީ ހިމަނާފައި. މި ފަހަރު ޕްރޮވިޝަން ހެދި ބައެއް ރިވާސްކުރެވޭނެ ސަރުކާރުން އެ ފައިސާ ދެއްކުމުން،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ޕްރޮވިޝަން ހަދާފައި ވަނީ ހެލްތު ކޯޕަރޭޝަންތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބެން ޖެހޭ ފައިސާ ކަމަށެވެ.

"މި ކުއާޓަރުގައި އެ ފައިސާތައް ލިބޭނެ ކަމުގެ އުއްމީދު އެބައޮތް. އޭރުން ޕްރޮވިޝަން ހެދިބައި އަނބުރާ ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ދެވަނަ ކުއާޓަރުގައި ގެއްލުންވި ކަމަށް ހިމަނާފައި ވީނަމަވެސް މިހާތަނަށް ވެސް ޖުމްލަ 76.4 މިލިއަން ރުފިޔާ ފައިދާގެ ގޮތުގައި ލިބިފައިވާ ކަމަށެވެ. އަދި އަހަރު ނިމޭއިރު ސާފު ފައިދާ 120 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.