ރައްޔިތުންގެ މަޖިލީހުގެ ބޮޑު އަޣްލަބިއްޔަތެއް އެމްޑީޕީއަށް ލިބިއްޖެ ނަމަ މިގައުމުގެ އިސްލާމީ ވަހުދަތު ފުނޑުފުނޑުކޮށްލައި އެހެން ދީންތަކަށް ރާއްޖެ ހުޅުވާލުމަށް ފަސް ނުޖެހޭނެ ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.

އަދާލަތު ޕާޓީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ހަނި އަޣްލަބިއްޔަތެއް އެމްޑީޕީއަށް މިއަދު ލިބިފައިވާއިރު އެޕާޓީގެ އަމަލުތައް ހުރީ ކޮންމެ ދިވެހި ރައްޔިތަކު ކަންބޮޑުވާން ޖެހޭފަދަ ގޮތަކަށް ކަމަށެވެ.

"އިސްލާމީ ޝަރުޢީ އުސޫލުތަކާއި އަދި ގާނޫނީ ބާރު ގައުމުގައި ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ގާނޫނު އަސާސީގައި ކަނޑައެޅިފައިހުރި މާއްދާތައް ބަދަލުކޮށް ނުވަތަ އުވާލަމުން ގެންދަނީ،" އަދާލަތުން ބުނެފައިވެ އެވެ.

އަދާލަތުން ބުނީ އެމްޑީޕީން މިއަދު މަސައްކަތް ކުރަމުން ގެންދަނީ، މަޖިލީހުގައި ތިބި އެ ޕާޓީއަށް ނިސްބަތްވާ ބައެއް މެންބަރުން ހިންގާފައިވާ ޖަރީމާ ތަކުގެ ސަބަބުން އެފަރާތްތަކަށް ލިބެންހުރި އަދަބުން ސަލާމަތްވުމަށްޓަކައި ގާނޫނު އަސާސީގައި އެކިއެކި މާއްދާތައް ބަދަލުކުރަމުން ކަމަށެވެ.

"ބަނގުރާ ބުއިމާއި މަސްތުވާތަކެތި ބޭނުންކުރުމާއި، އަދި ތަހުގީގަށް ކުޑަކަމުދާތަކެތި ދޭން އިންކާރު ކުރުމުގެ ދައުވާ ދެ މެންބަރެއްގެ މައްޗަށް އުފުލިފައިވާތީ، ކުޑަކަމުދާ ތަކެތި ނުދިނުމުގެ އަދަބަކީ އެއް އަހަރަށް ޖަލަށް ލުމުގެ ބަދަލުގައި އެންމެ 15 ދުވަހަށް ޖަލަށްލުން ކަމުގައި އެމްޑީޕީން ވަނީ ބަދަލުކޮށްފަ އެވެ." އަދާލަތުން ބުނެފައިވެ އެވެ.

އެޕާޓީން ބުނީ އެމްޑީޕީގެ ހަނި އަޣްލަބިއްޔަތެއް މިވަގުތު ލިބިފައި އޮތް ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ގެންނަމުންދާ ބަދަލުތަކުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް އިތުރު އިހްތިޔާރުތަކެއް ހޯދައިދެމުން ގެންދާ ކަމަށެވެ.

"މަސްތުވާތަކެތި ބޭނުންކުރަނިކޮށް ހައްޔަރުކުރެވޭ މީހާއަށް އެމްޑީޕީއިން މިދެނީ އިޚްތިޔާރެކެވެ. އެއީ ކުޑަކަމުދާ ތަކެތި ދީގެން ޕޮޒިޓިވްވެގެން އެތައް އަހަރެއްގެ ޖަލު ހުކުމެއް ލިބިގަތުން ނުވަތަ ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކޮށްގެން 15 ދުވަހުގެ ޖަލުހުކުމެއް ލިބިގަތުން،" އަދާލަތުގެ ބަޔާނުގައިވެ އެވެ.

އަދާލަތުން ބުނެފައިވަނީ އެމްޑީޕީއާއި ރައީސް ނަޝީދު ރާއްޖެއަށް ގެންނަން ބޭނުންވާ "އަނެއް ދިވެހިރާއްޖޭގައި" މަސްތުވާތަކެތި ބޭނުންކުރަނިކޮށް "ރެޑްހޭންޑް"ކޮށް ހިފާ މީހެއްގެ އަދަބަކީ ވެސް އެންމެ 15 ދުވަހުގެ ބަންދެއް ކަމަށްވާއިރު "މަސްތުވާ ތަކެއްޗަށް ބަޔަކަށް ހިތްވަރުދެވޭނީ މިވަރަށް،" ކަމަށެވެ.

އަދާލަތުޕާޓީން ބުނެފައިވާ ގޮތުގައި ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރުގައި ކްރިމިނަލް ކޯޓުގެ އިސްގާޒީ، ގާނޫނާ ޚިލާފަށް "ކިޑްނެޕް" ކުރުމުގެ ސަބަބުން އެ މާއްދާއެއްގެ ދަށުން ރައީސް ނަޝީދުގެ މައްޗަށް ދައުވާ ކުރެވިފައިވާ ގާނޫނު އަސާސީގެ 18 ވަނަ މާއްދާ އުވާލުމަށް އެމްޑީޕީން ވަނީ ހުށަހަޅާފަ އެވެ. އަދި މެންބަރުންގެ ސުލޫކީ ހަމަތައް ބަޔާންކުރާ، މަޖިލީހުގެ ގަވާއިދުގެ 55 ވަނަ މާއްދާހެ (އ) ވެސް މިއަދު އުނިކޮށްފައިވާ ކަމަށެވެ.

"މާނައަކީ މީހުން މެރުމާއި، ފޭރުމާއި، ރޭޕްކުރުން ފަދަ ބޮޑެތި ޖިނާއީ ކުއްތަކަށް އަރައިގަނެ، އެކަމަށް ހުކުމް ތަންފީޒުކުރަމުން ވެސް މަޖިލީހަށް ހާޒިރު ވެވޭނެ،" އެ ބަޔާނުގައިވެ އެވެ.

އެ ޕާޓީން ބުނެފައިވަނީ، މިއަދު ފެންނަމުން މިދަނީ "ބޮޑެތި މުޖުރިމުން ގާނޫނު ހަދާ މަޖިލީހަށް ވަނީމާ ދިމާވާނެ ގޮތްތަކުގެ މިސާލެއް ކަމަށާއި، މިހާރު ރައްޔިތުންގެ މަޖިލީސް އެވަނީ ބޮޑެތި މުޖްރިމުން ފިލަންވަންނަ ތަނަކަށް ހަދާފައި ކަމަށެވެ.

"އެމްޑީޕީގެ އަމަލުތަކުގެ ސަބަބުން ރައްޔިތުންގެ މަޖިލީހުގެ ކަރާމާތް ވެއްޔާ މޮޑެލައފި އެވެ. ގައުމުގެ ކަންތައްތައް އިސްލާހު ކުރުމުގެ ދައުވާކުރަމުން އަންނަ މި ބައިމީހުންގެ ހަގީގަތަކީ ކޮބައިކަމާ މެދު މިއަދު އެކަކަށްވެސް އިންކާރެއް ނުކުރެވޭނެ،" އަދާލަތުން ބުނެފައިވެ އެވެ.

އެ ޕާޓީން އިތުރަށް ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކުޑަ އަޣްލަބިއްޔަތެއް ލިބުމުން އެމްޑީޕީން މިފަދަ ނާތަހުޒީބު، ލަދުވެތިވާންޖެހޭ ފަދަ ޖަރީމާތައް ހިންގަން ކެރޭއިރު ބޮޑު އަޣްލަބިއްޔަތެއް ލިބިއްޖެ ދުވަހަކުން ރާއްޖޭގެ ގާނޫނު އަސާސީ ބަދަލުކޮށްލައި ރާއްޖޭގެ އިސްލާމީ ވަހްދަތު ފުނޑުފުނޑު ކޮށްލައި އެހެން ދީންތަކަށް ރާއްޖެ ހުޅުވާލާކަށް އެދުވަހަކުން އެމީހުން ފަސް ނުޖެހޭނޭ ކަމާމެދު ޝައްކެއް ވެސް ނެތް ކަމަށެވެ.