31 Oct 2013, 20:13
އަންނަ މަހުގެ ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ފޯމްތަކުގައި ހުރި ގިނަ މައްސަލަތަކެއް ޖުމްހޫރީ ޕާޓީން ފެންމަތި ކޮށްފި އެވެ.
ޖުމްހޫރީ ޕާޓީން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ސެކެރެޓަރީ ޖެނަރަލް ހަސަން ޝާހް ވިދާޅުވީ ރީ ރެޖިސްޓްރޭޝަން ފޯމްތައް ސައްހަތޯ ބެލުމަށް އެ ޕާޓީއަށް ދިން ފުރުސަތުގައި ޗެކް ކުރި 15،000 ވުރެ ގިނަ ފޯމްތަކުގެ ތެރެއިން ގިނަ އަދަދެއްގެ ފޯމްތަކުގައި މައްސަލަތަކެއް ހުރި ކަމަށެވެ.
އެ ޕާޓީން އެންމެ ބޮޑު އެއް މައްސަލަ ގޮތުގައި ފާހަގަ ކުރި އެއް ކަމަކީ ރަޖިސްޓްރޭޝަން ފޯމްތަކުގެ ތެރެއިން ބަލައިގަންނަ އުސޫލުތަކުގެ ތެރޭގައި ފިންގަޕްރިންޓް ދިމާނުވި ނަމަވެސް އެ ފޯމް ހުށަހެޅި ފަރާތުން ފޯމް ހުށަހެޅި ކަމަށް ބުނެފި ނަމަ އެއީ ސައްހަ ފޯމެއްގެ ގޮތުގައި ބަލައިގަތުމެވެ. އަދި އެއާއެކު ރީ ރަޖިސްޓްރޭޝަން ފޯމް ބަލައިގަނެވޭނެ އުސޫލު ހަދާފައިވަނީ ރީ ރަޖިސްޓްރޭޝަނަށް ފޯމް ހުށަހަޅަން ހުޅުވާލި މުއްދަތު ހަމަވުމުންކަން ޝާހްވަނީ ފާހަގަކޮށްފަ އެވެ.
ރީ ރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމްތަކާއިމެދު އަމަލުކުރުމަށް އިލެކްޝަންސް ކޮމިޝަނުން އެކުލަވާލާފައިވާ އުސޫލުގެ ބުނެފައިވަނީ ފޯމްގައި ޖަހާފައިވާ އިނގިލީގެ ނިޝާނަކީ ފޯމްގައި ހިމެނިފައިވާ މައުލޫމާތުގެ ވެރިފަރާތުގެ ފިންގަޕްރިންޓެއް ނޫން ކަމަށް ޑީއާރުން ބުނާ ފޯމްތަކުގެ ވެރިފަރާތަށް ގުޅުމަށްފަހު މައުލޫމާތު ދިމާވާ ނަމަ ފޯމް ސައްހަ ކަމަށް ބެލެވޭނެ ކަމަށެވެ.
އޭގެ އިތުރުން ފިންގަޕްރިންޓް ޖަހާފައިވާ ބައެއް ފޯމްތަކުގައި ފިންގަޕްރިންޓް " ދެލި ގަނޑު ގަނޑަށް" ހުރި ފޯމްތައް ވެސް ސައްހަ ކަމަށް އެ ޕާޓީން ފާހަގަކުރި އެވެ. އަދި ފޯމްގެ ވެރިފަރާތާއި ފޯމްގެ ވެރިފަރާތާއި ކޮށްފައިވާ ސޮއި އެއްގޮތްވީ ނަމަވެސް ބައެއް ފޯމްތަކާއި އައިޑީކާޑުގައި ހުރި މައުލޫމާއި ފޯމްގައި ހުރި މައުލޫމާތާއި ދިމާނުވާ ފޯމްތައް ބަލައިގެންފައިވާކަން ޝާހު ފާހަގަ ކުރެއްވެވި އެވެ.
"ދެލި ގަނޑެއްހެން ހުއްޓަސް ފޯމް ބަލައިގަންނާނެ ކަން އަޅުގަނޑުމެނަށްވެސް ކުރިން އެނގޭ ނަމަ އަޅުގަނޑުމެން ވެސް މިތާނގައި ދެލިގަނޑެއްހެން ފިންގަޕްރިންޓް ޖަހައިގެން ލީމުސް. އަޅުގަނޑަށް ސިފަ ވަނީ ދެލިގަނޑެއްހެން ހުރި ނަމަވެސް ފޯމް ބަލައިގަންނާނެ ކަން އެނގޭތީ ވަކި ބަޔަކު އެހެރީ އެގޮތަށް ހުއްޓަސް ފޯމްލައިފައޭ. އޭގެ އެޑްވާންޓޭޖް އެހެރީ ނަގާފަ އޭ،" ޝާހް ވިދާޅުވި އެވެ.
ޖުމްހުރީ ޕާޓީގެ ލީޑަރު ގާސިމް ވިދާޅުވީ ފިންގަޕްރިންޓް ދިމާނުވާ ފޯމްތައް ބަލައިގަނެގެން ވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި ފޯމްތައް ބަލައިގަންނާނެ އުސޫލުތައް ހަދަން ޖެހޭނީ ވެސް ފޯމްތައް ހުށަހެޅުމުގެ މުއްދަތުގެ ކުރިންކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
ޝާހް ވިދާޅުވީ ފޯމްތަކުގެ ހުރި މައްސަލަތަކާއި ބެހޭ ގޮތުން ކަންތައްތަކެއް ފާހަގަކޮށް ރިޕޯޓު ތައްޔާރުކުރުރުމަށްފަހު ސިޓީއެއްގެ ސިފައިގައި އިލެކްޝަނަށް މައްސަލަތައް ހުށަހަޅާނެ ކަމަށެވެ. ނަމަވެސް މައްސަލަ ފާހަގަކުރެވިފައި ވަނީ ކިތަށް ފޯމްގެ ކަމެއް ޖުމްހޫރީ ޕާޓީން ނުބުނެ އެވެ.