31 Oct 2013, 19:41
ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި ސަރުކާރުން، ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ބަލިކަށިކޮށްލަނީ ކަމަށް ބުނެ އ.ދ. ގެ ހައިކޮމިޝަނަރު ފޮ ހިޔުމަން ރައިޓްސް އިއްޔެ ނެރުއްވި ނޫސްބަޔާނުގައި ދައްކަވާފައި ވަނީ ވަރަށް ޒިންމާދާރުކުރަން ކުޑަ ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.
ރައީސް ވަހީދު މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޝަރުޢީ އަދި ޑިމޮކްރަޓިކް ނިޒާމާ ގުޅޭގޮތުން، ޕިއްލޭ އިއްޔެ ނެރުއްވި ނޫސްބަޔާނުގައި ރާއްޖޭގެ ގާނޫނާއި ގަވާއިދުތައް ނެގެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ދަށްކޮށްލާ ފަދަ ތުހުމަތުތަކެއް ކުރައްވާފައިވާތީ އެކަމަށްޓަކައި ވަރަށް ހިތާމަކުރައްވާކުރައްވާ ކަމަށެވެ. އަދި، އެ ނޫސްބަޔާނަކީ، ވަރަށް ޒިންމާދާރުކަން ކުޑަ، ތެދުނޫން މަޢުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ނޫސްބަޔާނެއް ކަމުގައިވެސް ދެކެވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވެފައިވެ އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމްކޯޓާއި ދިވެހި ސަރުކާރުން، ރާއްޖޭގައި ޑިމޮކްރަސީ ޤާއިމުކުރުމަށްޓަކައި ކުރެވޭ މަސައްކަތްތައް ބަލިކަށިކޮށްލަނީ ކަމަށް ބުނާ ބުނުން، ދިވެހި ސަރުކާރުން ދޮގުކުރެއެވެ. ދުރުގައި ތިބެ، މިފަދަ ގެއްލުންދެނިވި ބަޔާންތައް ނެރުމުގެ ބަދަލުގައި، ރާއްޖޭގެ ޑިމޮކްރަސީގެ ޅަފަތުގައި ކުރިމަތިވާ ދަތިތައް ދެނެގަނެ، ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގައި އ.ދ. އިން ދިވެހިރާއްޖެއަށް އެއްބާރުލުން ދޭންޖެހޭނެކަމަށް އަޅުގަނޑު ދެކެމެވެ،" ރައީސް ވަހީދު ވިދާޅުވެފައިވެ އެވެ.
ޕިއްލޭގެ ނޫސްބަޔާނާ ގުޅިގެން ސުޕްރީމް ކޯޓުން ވެސް ވަނީ އެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.